މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މިދިޔަ އަންގާރަ ދުވަހު ހައްޔަރުކުރެވުނު ގދ. ހޯޑެއްދޫ ސްވެން, ޢަބްދުﷲ ރަޝީދު ފުލުހުންގެ ހައްޔަރަށް ގެނެވިފައިހުއްޓާ މަރުވުން، އެއީ ވަރަށް ހިތާމަވެރިކަމެއް ކަމަށް ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.
އަބްދުﷲ މަރުވިތާ ތިން ދުވަސް ފަހުން ހިތާމަފާޅުކުރައްވައި، މިއަދު ކުރެއްވި ޓްވީޓެއްގައި ސީޕީ ވިދާޅުވީ އެ މައްސަލައިގައި ފުލުހުންގެ އިހުމާލެއް އޮތްތޯބެލުމަށް ހިންގާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
ފުލުހުން ހައްޔަރު ކުރިތާ މާ ގިނަ އިރުތަކެއް ނުވަނީސް މަރުވި އަބްދުﷲ ގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އިން އިއްޔެ ވަނީ ބުނެފައެވެ.
އެ ތަހުގީގު ކުރިއަށްގެންދަން ހަމަޖެހިފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ފުލުހުންނާ އެކީގައި، ފުލުހުންނާ ގުޅިގެން ހިންގާ ތަހުގީގެއްގެ ގޮތުގައި ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
އެންއައިސީއިން އެހެން ބުނި އިރު، އަބްދުﷲ ރަޝީދުގެ އާއިލާއިން ވަނީ އޭނާގެ ޕޯސްޓްމޯޓަމްއެއް ވެސް އަދި އޮޓޮޕްސީއެއް ވެސް ހަދަން ބޭނުން ނުވާ ކަމަށް ބުނެފައެވެ.
އަބްދުﷲގެ އެއްބަނޑު އެއްބަފާ ކޮއްކޮ، މިޒާދާ މުހައްމަދު އިއްޔެ "ސަން" އަށް ބުނީ އަބްދުﷲ ވަޅުލައި ދިނުމަށް އެދި ފުލުހުންގެ އިސްވެރިންނާ ބައްދަލުކޮށް އާދޭސް ކޮށްފައިވާ ކަމަށާއި ނަމަވެސް ފުލުހުން އެކަމަށް އެއްބާރުލުން ނުދޭ ކަމަށެވެ. އަދި ހަށިގަނޑު ނުލިބިގެން އެޗްއާރުސީއެމްއާއި އެެހެން މުއައްސަސާތަކަށް ވެސް ޝަކުވާ ހުށަހަޅާފައިވާ ކަމަށް އޭނާ ބުންޏެވެ.
އަބްދުﷲ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން އޭނާގެ މެޔަށް ތަދެއް އެރި ކަމުގެ ޝަކުވާ ކުރި ކަމަށާއި ނަމަވެސް ފުލުހުން އޭނާއަށް ފަރުވާ ނުދިން ކަމަށް އާއިލާއިން ބުނެއެވެ. އަދި އަބްދުﷲ މަރުވީ ފުލުހުންގެ އިހުމާލުން ކަމަށް ހޯނޑެއްދުއާއި މަޑަވެލީގެ ގިނަ އަދަދެއްގެ މީހުން ދަނީ ބުނަމުންނެވެ.
ހޯޑެއްދޫގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ހަރަކާތްތެރިވަމުންދާއިރު އެ ރަށު ވަލުތެރޭގައި ވަޅުލާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި، ހޯދާފައިވާ ކަމަށް ފުލުހުން ވަނީ މިއަދު ބުނެފައެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ހޯދާފައިވަނީ ފުލުހުން ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް އަދި ސައުތު ޕޮލިސްގެ ފުލުހުން ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ.
'ސަން' އަށް އެނގިފައިވާ ގޮތުގައި މަސްތުވާތަކެތި ހޯޑެއްދޫ ވަލުތެރެއިން ހޯދީ ވެސް އަބްދުﷲ ރަޝީދު ހައްޔަރު ކުރުމަށް ހިންގި އޮޕަރޭޝަންގެ ތެރެއިންނެވެ.
އެކަމާ ގުޅިގެން ސީޕީ ހަމީދު މިއަދު ވިދާޅުވީ އެމައްސަލައާއި ގުޅިގެން ހައްޔަރުކުރެވުނު އެހެން މީހަކު، ހޯޑެއްދޫ ވަލުތެރޭގައި ވަޅުލައި ފޮރުވާފައިހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ހޯދާފައިވާ ކަމަށެވެ. އަދި އެހެނިހެން ތަންތަން ވެސް ފުލުހުން ބަލާފާސްކުރަމުން ދާނެ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.
ހޯޑެއްދޫ ވަލުތެރެއިން ހޯދީ ކިހާ އަދަދެއްގެ މަސްތުވާތަކެއްޗެއް ކަމެއް ފުލުހުން ނުބުނެއެވެ.