ފުލުހުންނާ ގުޅިގެން މައްސަލަ ތަހުގީގުކޮށް، އަބްދުﷲގެ ޕޯސްޓްމޯޓަމް ހަދާނެ: އެންއައިސީ

އަބްދުﷲ ރަޝީދު ---

މިދިޔަ އަންގާރަ ދުވަހު ގދ. ހޯނޑެއްދުއިން ފުލުހުން ހައްޔަރު ކުރިތާ މާ ގިނަ އިރުތަކެއް ނުވަނީސް މަރުވި އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އިން ބުނެފިއެވެ.

އެންއައިސީއިން މިރޭ ނެރުނު ބަޔާނެއްގައިވާ ގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަބްދުﷲ މަރުވި މައްސަލައިގައި ފުލުހުންގެ އެއްވެސް އިހުމާލެއް ވޭތޯ ބެލުމަށް އެންއައިސީއިން އިސްނަގައިގެން ޖިނާއީ ތަހުގީގެއް ދަނީ ކުރަމުންނެވެ.

އެ ތަހުގީގު ކުރިއަށްގެންދަން ހަމަޖެހިފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ފުލުހުންނާ އެކީގައި، ފުލުހުންނާ ގުޅިގެން ހިންގާ ތަހުގީގެއްގެ ގޮތުގައި ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އެ ބަޔާނުގައިވާ ގޮތުން އެ ތަހުގީގުގައި ލީޑިން އިންވެސްޓިގޭޓަރުގެ ދައުރު އަދާކުރާނީ އެންއައިސީއިންނެވެ. އަދި ފުލުހުންގެ މައިގަނޑު ދައުރަކަށް ވާނީ ތަހުގީގަށް އެހީތެރިވެ ދިނުމެވެ.

"މި މައްސަލާގައި އިންސާފަށް ވާސިލުވުމަށް މުހިންމު ކަމަކަށް ވާތީ ތަހުގީގުގެ ބޭނުމަށް ކަނޑައެޅިފައިވާ އިޖުރާއަތުގެ ދަށުން މަރުހޫމް އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާކަން ދެންނެވީމެވެ." އެ ބަޔާނުގައިވެއެވެ.

އެންއައިސީއިން އެހެން ބުނި އިރު، މިއަދު އަބްދުﷲ ރަޝީދުގެ އާއިލާއިން ވަނީ އޭނާގެ ޕޯސްޓްމޯޓަމްއެއް ވެސް އަދި އޮޓޮޕްސީއެއް ވެސް ހަދަން ބޭނުން ނުވާ ކަމަށް ބުނެފައެވެ.

https://sun.mv/169711

އަބްދުﷲގެ އެއްބަނޑު އެއްބަފާ ކޮއްކޮ، މިޒާދާ މުހައްމަދު މިއަދު "ސަން" އަށް ބުނީ އަބްދުﷲ ވަޅުލައި ދިނުމަށް އެދި ފުލުހުންގެ އިސްވެރިންނާ ބައްދަލުކޮށް އާދޭސް ކޮށްފައިވާ ކަމަށާއި ނަމަވެސް ފުލުހުން އެކަމަށް އެއްބާރުލުން ނުދޭ ކަމަށެވެ. އަދި ހަށިގަނޑު ނުލިބިގެން އެޗްއާރުސީއެމްއާއި އެެހެން މުއައްސަސާތަކަށް ވެސް ޝަކުވާ ހުށަހަޅާފައިވާ ކަމަށް އޭނާ ބުންޏެވެ.

އަބްދުﷲ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން އޭނާގެ މެޔަށް ތަދެއް އެރި ކަމުގެ ޝަކުވާ ކުރި ކަމަށާއި ނަމަވެސް ފުލުހުން އޭނާއަށް ފަރުވާ ނުދިން ކަމަށް އާއިލާއިން ބުނެއެވެ. އަދި އަބްދުﷲ މަރުވީ ފުލުހުންގެ އިހުމާލުން ކަމަށް ހޯނޑެއްދުއާއި މަޑަވެލީގެ ގިނަ އަދަދެއްގެ މީހުން ދަނީ ބުނަމުންނެވެ.

ލަނޑާ ނަގައިގެން ވިއްކުމުގެ މަސައްކަތް ކުރި އަބްދުﷲ ރަށުގައި އުޅެމުން ދިޔައީ އެކަންޏެވެ. އޭނާގެ އަނބިމީހާއާއި ހަތަރު ކުދިން ތިބެނީ މާލޭގައެވެ. ތިން އަންހެން ކުދިންނާއި އެއް ފިރިހެން ކުއްޖަކު އޭނާގެ ހުންނައިރު އެތަނުން 18 އަހަރު ފުރުނީ އެންމެ ކުއްޖަކަށެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ އަބްދުﷲ ހަށިގަނޑު މާލެ ގެނެސް ވަނީ ގަލޮޅު ސަހަރާގައި ހުންނަ މޯޗަރީއަށް ލައިފައެވެ.

comment ކޮމެންޓް