މިދިޔަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގައި 2700 ސްކޭމްގެ މައްސަލަ ރިޕޯޓުކޮށްފައިވާއިރު، މި މައްސަލަތަކުގައި އާންމުންގެ އަތުން 33 މިލިޔަން ރުފިޔާ ގެއްލިފައިވާކަން ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑިއާ, ޕީއެސްއެމްއަށް މައުލޫމާތުދެއްވަމުން ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ، މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނާ ހަމައަށް ބަލާއިރު، ރާއްޖޭގައި ކަންބޮޑުވާ މިންވަރަކަށް ސްކޭމްގެ މައްސަލަތައް އިތުރުވެފައިވާ ކަމަށެވެ. އަދި ޓެކުމާއި ސައިބާ ކްރައިމްގެ ބާވަތްތައް އިތުރުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް ހިންގާ ސްކޭމްތަކުގެ 90 އިންސައްތައަކީ ރާއްޖޭގެ އެތެރޭގައި ތިބެގެން ހިންގާ އަމަލުތަކެއްކަމަށް ނަވީދު ވިދާޅުވިއެވެ. މީގެ އިތުރުން، މިފަދަ މައްސަލަތަކުގެ 99 އިންސައްތަ ހިންގަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މީގެ ތެރެއިން 95 އިންސައްތަ ސްކޭމް ހިންގަނީ ސީދާ ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށެވެ.

ފޭސްބުކް މާކެޓް ޕްލޭސް: އެންމެ ގިނައިން ސްކޭމް ހިންގަނީ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް--
ޒަމާނީ ޓެކްނޮލޮޖީއާއެކު ސްކޭމްތައް ހިންގާ ގޮތް ބަދަލުވަމުންދާކަން ފާހަގަކުރައްވަމުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާ ޑީޕް ފޭކް ކޮންޓެންޓްތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. ހަމައެއާއެކު، ވޯލްޑްކަޕްގެ ފޯރި ގަދަވަމުންދާއިރު، މުބާރާތާ ގުޅުވައިގެން ހިންގާ ޓްރެންޑްބޭސްޑް ސްކޭމްތައްވެސް އިތުރުވަމުންދާކަމަށް ފުލުހުން ބުނެއެވެ. ވޯލްޑްކަޕް ފެށުނު ދުވަހު މީސްމީޑިއާގައި އާންމުކުރި ސްކޭމް އެކައުންޓުތަކެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާއިރު، އެ އެކައުންޓުތައް ބަންދުކޮށް މައްސަލަތައް މިހާރު ދަނީ ތަހުގީގުކުރަމުންނެވެ.
މީގެ އިތުރުން، ސަރުކާރުން ހުޅުވާލާފައިވާ ހައުސިން ސްކީމްތަކާ ގުޅުވައިގެންވެސް ބޮޑެތި އޮޅުވާލުންތަކެއް ހިންގަމުންދާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މިފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި، އިންޓަނެޓް މެދުވެރިކޮށް ބައްދަލުވާ ފަރާތްތަކަށް އިތުބާރު ކުރުމުގެ ކުރިން އަމިއްލައަށް ދިރާސާކުރުމަށާއި، ޝައްކުކުރެވޭ އެކައުންޓްތަކުގައި ހުންނަ ފޮޓޯތަކަކީ އަސްލެއްތޯ ބެލުމަށް ގޫގުލް އިމޭޖް ރިވާސް ސާޗް ފަދަ ވަސީލަތްތައް ބޭނުންކުރުމަށް ނަވީދު ލަފާދެއްވިއެވެ.
ސޯޝަލް މީޑިއާއިން އަންނަ ކޮންމެ ފްރެންޑް ރިކުއެސްޓަކީ އަސްލު މީހެއް ކަމަށް ގަބޫލުނުކުރުމަށާއި، ގަބޫލުކުރަން ދަތި މިންވަރުގެ ފައިދާ ހުރި ހުށަހެޅުންތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރެއެވެ. އަދި ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ލަސްނުކޮށް ފުލުހުންގެ ހޮޓްލައިން 125 އަށް ގުޅައިގެން އެކަން ރިޕޯޓުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.