އަބްދުﷲގެ މަންމަގެ އާދޭސް: މައްސަލަ ޖައްސާކަށް ވެސް ނެތިން، ހަށިގަނޑު ހަވާލުކޮށްދީ

އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި އެއްވެސް ބަޔަކާ ދެކޮޅަށް މައްސަލަ ޖައްސަން ބޭނުން ނުވާ ކަމަށާއި، ބޭނުންވަނީ ދަރިފުޅުގެ ފުރާނަ ނެތް މަސްގަނޑު އާއިލާއާ ހަވާލު ކޮށްދިނުން ކަމަށް އަބްދުﷲގެ މަންމަ، މަރިޔަމް އަޙްމަދު މިއަދު ބުނެފިއެވެ.

ގދ. ހޯނޑެއްދުއިން މަސްތުވާތަކެތީގެ މައްސަލައެއްގައި އަންގާރަ ދުވަހު ފުލުހުން ހައްޔަރު ކުރިތާ މާ ގިނަ އިރުތަކެއް ނުވަނީސް މަރުވި އަބްދުﷲގެ މަރާ ގުޅިގެން އޭނާގެ އާއިލާއިން ވަނީ މިއަދު ނޫސްވެރިންނާ ބައްދަލު ކޮށްފައެވެ.

ނޫސްވެރިންނާ ބައްދަލުކޮށް، އޭނާގެ އާއިލާއިން ވަނީ އެ ދުވަހު ކަން ހިނގައިދިޔަ ގޮތް މީޑިއާތަކާ ހިއްސާ ކޮށްފައެވެ.

އަބްދުﷲގެ މަންމަ މަރިޔަމް ބުނީ ކުލަ ހެދުމުގައި ތިބި ފުލުހުން އަބްދުﷲ ގޮވައިގެން ދިޔައީ އެދުވަހު ގާތްގަނޑަކަށް ތިން ގަޑި ފަންސާހުގައި ކަމަށެވެ. އެދުވަހު ދަރިފުޅާ ބައްދަލުވެސް ނުވެ އުޅެނިކޮށް އެމީހުން ގެންގޮސް އޭނާ ލޯންޗަށް އެރުވި ކަމަށް މަރިޔަމް ކިޔައިދިނެވެ. އަދި މެއަށް ތަދެއް އެރި ކަމަށް އަބްދުﷲ ބުނީ ލޯންޗަށް އެރުވި ފަހުން ކަމަށް މަރިޔަމް ބުންޏެވެ.

"ލޯންޗަށް ލީތަނުން އޭނަ މޭގަ ރިއްސަން ފެށީ. މޭގަ ރިއްސިވަރުން އޭނަ އޭގައި އެނބުރެން ފެށީ. އެނބުރި އެނބުރިފަ ބުނީ ތިމަންނަ ގެންގޮސްދޭށޭ ހޮސްޕިޓަލަށް، ތިމަންނަ މި މަރުވަނީއޭ މެއަށް ތަދުވެގެން. ބުނީމަ އެމީހުން ބުނީ ކަލޭ ތި ޖައްސަނީ ފޭކޭ،" މަރިޔަމް ބުންޏެވެ.

މަރިޔަމް ބުނީ އެ ވަގުތު ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާންއާއި ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ޝިހާމްގެ އިތުރުން ރަށު ހޮސްޕިޓަލުގެ މެނޭޖަރުވެސް އެތަނަށް ދިޔަ ކަމަށެވެ. އަދި އެމީހުންވެސް އަބްދުﷲ ހޮސްޕިޓަލަށް ގެންދިއުމަށް ބުނި ނަމަވެސް އެމީހުންގެ އަޑުވެސް ފުލުހުން އަހާފައި ނުވާކަން މަރިޔަމް ފާހަގަކުރިއެވެ.

އަބްދުﷲ ހޮސްޕިޓަލަށް ނުގެންދެވޭ ނަމަ ޑޮކްޓަރު އެތަނަށް ގެނެވޭނެ އިންތިޒާމް ހަމަޖައްސަން ހޮސްޕިޓަލު މެނޭޖަރު އެދުނު ކަމަށް ވެސް މަރިޔަމް ބުންޏެވެ.

"އޭގެ ދެގަޑިއިރު ފަހުންނޭ އޭނަ މަރުވީ. މަރުވީމަ އަޅުގަނޑުމެންނަށް ވެސް ނާންގާ ގޮސް މަޑަވެއްޔަށް އޭނާ އެއްލާލީ. މަޑަވެލިން މީހަކު ގުޅާފަ ބުނީ ކަލޭގެ ދަރި މަރުވެއްޖެޔޭ. އަޅުގަނޑު އެތާ އޮތް އެއްޗަކަށް އަރައިގެން މަޑަވެއްޔަށް ދިޔައިރު ދަރިފުޅު އޮތީ މަރުވެފަ،" އޭނާ ބުންޏެވެ.

މަރިޔަމް ބުނީ އަބްދުﷲގެ ހަށިގަނޑު މާލެ ގެނައީ އާއިލާ މާލޭގައި ދިރިއުޅޭތީ، އާއިލާއަށް ދައްކަން ކަމަށް ހީކުރެވުނު ކަމަށެވެ. ނަމަވެސް އޭނާގެ ހަށިގަނޑު މާލެ ގެނެސް މޯޗަރީގައި ބޭއްވުމަށްފަހު މިހާރު އެތަނަށް ވެސް ވަނުމަށް ހުރަސް އަޅަމުންދާ ކަމަށް މަރިޔަމް ބުންޏެވެ.

"އަޅުގަނޑު ބުނިން އޭނަ ސަހަރާ އަށް ގެންގޮސްފަ ވަޅުލަންވީއޭ. އެމީހުން ބުނީ ޕޯސްޓްމޯޓަމް ހަދަން ޖެހެއޭ. ކުރިން ވެސް ބުނި. އަޅުގަނޑު ބުނިން އަޅުގަނޑު ބޭނުމެއް ނޫނޭ ދަރިފުޅަށް އިތުރު އެއްވެސް އަނިޔާއެއް ދެން ދޭކަށް. އަޅުގަނޑުމެން ދެން ބޭނުމީ އޭނަ ހިނަވައި، ކަފުން ކޮށް، ވަޅުލާންށޭ،"

"މިހާރު މިތަނަށް ވެސް އަހަރެމެން ވަނަ ނުދޭން ވެގެން އެއުޅެނީ. މަސްގަނޑު މިތާ ބާއްވާފަ ގޮސް ގޭގަ އޮވެވޭނީ ކޮން މަޔަކަށްތަ؟ އެމީހުންނަށް ވެސް އެނގޭނެ އެމީހުންނާ ޖެހުނީމަ ވާނެ ގޮތް. މައެއްގެ ހިތަށް ކުރާނެ އަސަރު،" މަރިޔަމް ބުންޏެވެ.

މަރިޔަމް ބުނީ އެއްވެސް އިދާރާއަކަށް މައްސަލަ ހުށަހަޅަން ބޭނުން ނުވާ ކަމަށެވެ. އަދި ހަމައެކަނި އެދުމަކީ ދަރިފުޅުގެ ހަށިގަނޑަށް އިތުރު އަނިޔާތަކެއް ނުދީ ވީހާވެސް އަވަހަކަށް އާއިލާއާ ހަވާލު ކުރުން ކަމަށް އޭނާ ބުންޏެވެ.

އަބްދުﷲ މަރުވި ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހެދުމަށް ފުލުހުން ވަނީ ނިންމާފައެވެ. އެހެެންވެ އަންގާރަ ދުވަހުގެ ރޭ އޭނާގެ ހަށިގަނޑު މާލެ ގެނެސް ވަނީ ގަލޮޅު ސަހަރާގައި ހުންނަ މޯޗަރީއަށް ލައިފައެވެ.

އަބްދުﷲގެ އެއްބަނޑު އެއްބަފާ ކޮއްކޮ، މިޒާދާ މުހައްމަދު މިއަދު "ސަން" އަށް ބުނީ ޕޯސްޓްމޯޓަމްއެއް ވެސް އަދި އޮޓޮޕްސީއެއް ވެސް ހަދަން އެއާއިލާއިން ބޭނުން ނުވާ ކަމަށެވެ.

އެހެންކަމުން އަވަހަށް އަބްދުﷲ ވަޅުލައި ދިނުމަށް އެދި ފުލުހުންގެ އިސްވެރިންނާ ބައްދަލުކޮށް އާދޭސް ކޮށްފައިވާ ކަމަށާއި ނަމަވެސް ފުލުހުން އެކަމަށް އެއްބާރުލުން ނުދޭ ކަމަށް އޭނާ ބުންޏެވެ. ހަށިގަނޑު ނުލިބިގެން އެޗްއާރުސީއެމްއާ އެެހެން މުއައްސަސާތަކަށް ވެސް ޝަކުވާ ހުށަހަޅާފައިވާ ކަމަށް އޭނާ ބުންޏެވެ.

ލަނޑާ ނަގައިގެން ވިއްކުމުގެ މަސައްކަތް ކުރި އަބްދުﷲ ރަށުގައި އުޅެމުން ދިޔައީ އެކަންޏެވެ. އޭނާގެ އަނބިމީހާއާއި ހަތަރު ކުދިން ތިބެނީ މާލޭގައެވެ. ތިން އަންހެން ކުދިންނާއި އެއް ފިރިހެން ކުއްޖަކު އޭނާގެ ހުންނައިރު އެތަނުން 18 އަހަރު ފުރުނީ އެންމެ ކުއްޖަކަށެވެ.

އާއިލާގެ މި ތުހުމަތުތަކާ ގުޅިގެން ފުލުހުން ބުނީ އެ މަރުގެ ތަހުގީގު ހިންގަނީ، ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ކަމަށެވެ. އެހެންކަމުން މައުލޫމާތު ދޭނީ ވެސް އެ ކޮމިޝަނުން ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް