މާމަ ދަރިފުޅު މަރާލިކަން ސާބިތުވެ، ދިވެހި އަންހެނަކާއި އޭނާގެ ލޯބިވެރިޔާ، އަދި އިތުރު މީހަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މިއީ 2019 ވަނަ އަހަރުގެ ތެރޭގައި ވިހާފައި ތުއްތު ކުއްޖަކު މަރާލި މައްސަލައެކެވެ.
އާއްމުކޮށް ހުޅުވައި ނުލައި ކުރިއަށް ގެންދިޔަ މި މައްސަލައިގެ ހުކުމް އިއްވިއިރު، މި މައްސަލައިގައި ދައުލަތުން ދައުވާ ކުރި ތިން މީހުންގެ މައްޗަށް ވެސް އިއްވާފައި ވަނީ ޖަލު ހުކުމެވެ. ތިން މީހުންވެސް މި މައްސަލައިގައި ކުށަށް އިއުތިރާފުވެ، އިއުތިރާފުގެ އެއްބަސްވުން ދައުލަތާއެކު ހަދާފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މި މައްސަލައިގައި ކުއްޖާ މަރާލުމުގައި އިސްކޮށް މާމަ އުޅުނު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ދެން އެކަމުގައި އުޅުނީ، މާމަގެ ލޯބިވެރިޔާއާއި އުފަންވީ ތުއްތު ކުއްޖާގެ މަންމަގެ ލޯބިވެރިޔާއެވެ.
މަރާލި ކުޑަ ކުއްޖާގެ މަންމައަކީ އުމުރުން 18 އަހަރު ނުފުރޭ ކުއްޖެއްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އޭނާއަށް ލިބުނު ކުއްޖާއަކީ ކައިވެނީގެ ބޭރުން ލިބިފައިވާ ކުއްޖެކެވެ.
ތުހުމަތު ކުރެވޭ ގޮތުގައި ކުއްޖާގެ ބައްޕައަކީ މި ހާދިސާގައި ދެން ހިމެނޭ މީހާއެވެ. އޭނާ ވެސް މިހާރު ވަނީ ޖަލަށް ލައިފައެވެ.
މިއީ 2019 ވަނަ އަހަރު މެދުރާއްޖެތެރޭގެ ރަށެއްގައި ހިނގި ހާދިސާއެކެވެ. އެނގިފައިވާ ގޮތުގައި މި މައްސަލައިގެ ހުކުމް ކްރިމިނަލް ކޯޓުން އިއްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ.