ފުލުހުންގެ ވިޔަފާރި ކުންފުނި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)ގެ ސީއީއޯ އަހުމަދު އަނީސް މަގާމުން ސަސްޕެންޑުކުރުމުން، ކުންފުނީން ދުވަހުން ދުވަހަށް ކުރާ މަސައްކަތްތައް ބެލެހެއްޓުމުގެ ޒިންމާ ސެކްރެޓަރީ އިބްރާހީމް ޚަލީލާ ހަވާލުކޮށްފިއެވެ.
ޕޮލްކޯގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަމުން ދަނިކޮށް، އަނީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ޕޮލްކޯގެ ބޯޑަށް ވަނީ ހުށަހަޅައިފައެވެ.
"ސަން"އަށް މައުލޫމަތު ލިބިފައިވާ ގޮތުގައި އެ މައްސަލައިގައި މިދިޔަ އާދިއްތަ ދުވަހު އޭނާ ބޯޑަށް ހާޒިރުވާން އެންގުމުން އޭނާ ބައްދަލުވުމަށް ވަޑައިގެންފައެއްނުވެއެވެ. އެހެންވެ، އެ މައްސަލަ ބަލައި ނިމެންދެން އަނީސް ސަސްޕެންޑު ކުރުމަށް ބޯޑުން ނިންމީ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެ ދުވަހު އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން އެއްވެސް އެއްޗެކޭ ބުނެފައިނުވެއެވެ. ނަމަވެސް މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ވަނީ، މިދިޔަ އާދިއްތަ ދުވަހު ޕޮލްކޯގެ ބޯޑުން، އަނީސް ޒިންމާތަކުން އެކަހެރި ކުރަން ނިންމައިފައިވާ ކަމަށް ބުނެފައެވެ.
ހަމަ އެ ބޯޑު ބައްދަލުވުމުގައި، ޕޮލްކޯއިން ދުވަހުން ދުވަހަށް ކުރާ މަސައްކަތް ބެލެހެއްޓުމުގެ ޒިންމާ ސެކްރެޓަރީ ޚަލީލާ ހަވާލުކުރުމަށް ނިންމިކަން ވެސް އެ މުއައްސަސާއިން ފާހަގަކުރިއެވެ.
ފުލުހުންވަނީ ޚަލީލް ޕޮލްކޯގެ ސެކްރެޓަރީގެ މަގާމާ ހަވާލުވެވަޑަައިގަތީ ޖުލައި 2020ގައިކަން ފާހަގަކޮށްފައެވެ.
ފުލުހުންގެ ޚިދުމަތުގައި 20 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރައްވައިފައިވާ އަނީސް ޕޮލްކޯގެ ސީއީއޯ ކަމަށް އައަޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.

ޕޮލްކޯގެ ސީއީއޯ އަހުމަދު އަނީސް: އޭނާ ވަނީ މަގާމުން ސަސްޕެންޑުކޮށްފައި -- ފޮޓޯ/ ފޭސްބުކް
އަނީސް ސަސްޕެންޑުކޮށްފައިވަނީ، ޕޮލްކޯގެ މައްސަލައިގައި އޭސީސީން ދެ ފަހަރެއްގެ މަތިން އެ ކުންފުނީގެ އޮފީސް ބަލައިފާސްކޮށްފައި ވަނިކޮށެވެ.
ޕޮލްކޯއާ 2013 ވަނަ އަހަރު ހަވާލުކުރި 'ބުލޫސް ހައުސިން މަޝްރޫއު'ގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އޮޑިޓް ރިޕޯޓެއްވަނީ މިދިޔަ މަހުގެ 23ގައި ނެރެފައެވެ.
އޮޑިޓް އޮފީހުގެ ރިޕޯޓުގައިވަނީ އެ މަޝްރޫއަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެ، އެ ކުންފުނީގެ ކޮރަޕްޝަނާއި ނާގާބިލުކަމުގެ ސަބަބުން ދައުލަތަށް 354.7 މިލިއަން ރުފިޔާ ގެއްލުނު ކަމަށެވެ. އެހެންވެ، އޭރު ޕޮލްކޯގެ ބޯޑް އޮފް ޑިރެކްޓަރުންގެ ގޮތުގައިއާއި އިސްވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ފިޔަވަޅު އަޅަން އޮޑިޓް ރިޕޯޓުގައި ވަނީ ލަފާދީފައެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބްކޮމިޓީއަކުން އެ މައްސަލަ ދިރާސާކުރަމުން އަންނައިރު، އެ ކޮމިޓީގެ ބައްދަލުވުމެއްގައި އެ ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ، އެ މައްސަލައިގައި ނިންމަން ޖެހޭ އެންމެ މުހިންމު ނިންމުމަކަށް އޮތީ މިހާރު ޒިންމާދާރު މަގާމުތަކުގައި ތިބި ފުލުސް އޮފިސަރުންނާ މެދު އަމަލުކުރަންވީ ގޮތް ކަމަށް ވިދާޅުވެފައެވެ.
އެގޮތުން، އެ މައްސަލަ ކުރިއަށްދާއިރު އެ އޮފިސަރުން މަގާމުތަކުގައި ތިބެގެން ކުރިއަށްދާނީތޯ ނުވަތަ ނޫންތޯ ނިންމަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވެފައިވެއެވެ.