އަބްދުﷲގެ އާއިލާ: އަދިވެސް ފުލުހުން އިހުމާލުވާ ކަމުގެ ތުހުމަތު، އާދޭސްކޮށް ހަށިގަނޑު ނުދިން!

އަބްދުﷲ ރަޝީދު---

ގދ. ހޯޑެއްދުއިން މަސްތުވާތަކެތީގެ މައްސަލައެއްގައި އަންގާރަ ދުވަހު ފުލުހުން ހައްޔަރު ކުރިތާ މާ ގިނަ އިރުތަކެއް ނުވަނީސް މަރުވި، އަބްދުﷲ ރަޝީދުގެ ހަށިގަނޑު އަވަހަށް ވަޅުލުމަށް އެދި އާދޭސްކޮށްގެން ވެސް އާއިލާއާ ހަށިގަނޑު ހަވާލު ކޮށްފައި ނުވާ ކަމަށް، އެ އާއިލާއިން މިއަދު ބުނެފިއެވެ.

އަބްދުﷲ ރަޝީދު މަރުވީ ހައްޔަރުކޮށް އެހެން ރަށަކަށް ގެންދިއުމަށް ލޯންޗަކަށް އަރުވާފައި ހުއްޓާ މެޔަށް ތަދެއް އަރައިގެންނެވެ. ތަދު އެރުމާއެކު ފަރުވާ ދިނުމަށް ފުލުހުންގެ ގާތު އަބްދުﷲ އެދުނު ކަމަށާއި ނަމަވެސް އެއީ އެކްޓް ޖެއްސުން ކަމަށް ބުނެ ފުލުހުން ފަރުވާ ނުދިން ކަމަށް އެވަގުތު އެތަނުގައި ތިބި އާއިލާ މެންބަރުން ބުނެއެވެ.

https://sun.mv/169667

އަބްދުﷲ މަރުވި ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހެދުމަށް ފުލުހުން ވަނީ ނިންމާފައެވެ. އެހެެންވެ އަންގާރަ ދުވަހުގެ ރޭ އޭނާގެ ހަށިގަނޑު މާލެ ގެނެސް ވަނީ ގަލޮޅު ސަހަރާގައި ހުންނަ މޯޗަރީއަށް ލައިފައެވެ.

އަބްދުﷲގެ އެއްބަނޑު އެއްބަފާ ކޮއްކޮ، މިޒާދާ މުހައްމަދު މިއަދު "ސަން" އަށް ބުނީ ޕޯސްޓްމޯޓަމްއެއް ވެސް އަދި އޮޓޮޕްސީއެއް ވެސް ހަދަން އެއާއިލާއިން ބޭނުން ނުވާ ކަމަށެވެ. އެހެންކަމުން އަވަހަށް އަބްދުﷲ ވަޅުލައި ދިނުމަށް އެދި ފުލުހުންގެ އިސްވެރިންނާ ބައްދަލުކޮށް އާދޭސް ކޮށްފައިވާ ކަމަށާއި ނަމަވެސް ފުލުހުން އެކަމަށް އެއްބާރުލުން ނުދޭ ކަމަށް އޭނާ ބުންޏެވެ.

"އެ މީހުން [ފުލުހުން] ބަލަނީ މަރުވުމަށް ފަހު ވެސް ހިތުހުރި ގޮތަކަށް ކަންތައް ކުރެވޭތޯ،" މިޒާދާ ބުންޏެވެ.

"ހަށިގަނޑު ހޯދަން އެދުނީމައި ބައެއް ފަހަރު އެބަހުރި ވަރަށް ހަރުކަށިކޮށް ވެސް ޖަވާބު ދީފައި. ތިމަންނަމެން ބޭނުން ގޮތަކަށޭ ކަންތައް ކުރެވޭނީ. ތިމަންނަމެން އަތުގައި އެބާރު އޮވެއޭ. ތިމަންނަމެން ބޭނުންވަންޏާ ތިމަންނަމެންނަށް އޮޓޮޕްސީ ހެދޭނެއޭ،"

ގަލޮޅު މޯޗަރީ ކައިރި އާއިލާ މީހުން ތިބޭތީ އެ ސަރަހައްދުން ދިއުމަށް ވެސް ފުލުހުން އަންގަމުން ދާ ކަމަށް މިޒާދާ ބުންޏެވެ.

ހަށިގަނޑު ނުލިބިގެން އެޗްއާރުސީއެމްއާ އެެހެން މުއައްސަސާތަކަށް ވެސް ޝަކުވާ ހުށަހަޅާފައިވާ ކަމަށް އޭނާ ބުންޏެވެ.

ލަނޑާ ނަގައިގެން ވިއްކުމުގެ މަސައްކަތް ކުރާ އަބްދުﷲ ރަށުގައި އުޅެމުން ދިޔައީ އެކަންޏެވެ. އޭނާގެ އަނބިމީހާއާއި ހަތަރު ކުދިން ތިބެނީ މާލޭގައެވެ. ތިން އަންހެން ކުދިންނާއި އެއް ފިރިހެން ކުއްޖަކު އޭނާގެ ހުންނައިރު އެތަނުން 18 އަހަރު ފުރުނީ އެންމެ ކުއްޖަކަށެވެ.

މިޒާދާ ބުނީ އަބްދުﷲގެ ދަރިންނަށް ވެސް ފުލުހުން އޭނާގެ މޫނު ބެލުމުގެ ފުރުސަތު އަދި ނުދޭ ކަމަށެވެ.

އާއިލާގެ މި ތުހުމަތުތަކާ ގުޅިގެން ފުލުހުން ބުނީ އެ މަރުގެ ތަހުގީގު ހިންގަނީ، ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ކަމަށެވެ. އެހެންކަމުން މައުލޫމާތު ދޭނީ ވެސް އެ ކޮމިޝަނުން ކަމަށް ބުންޏެވެ.

އަބްދުﷲގެ މަރާ ގުޅިގެން އިހުމާލުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު ފުލުހުން ބުނީ އެ ހާދިސާއާ ބެހޭ މައުލޫމާތު ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރުމަށް އެދިފައިވާ ކަމަށެވެ.

ފުލުހުންގެ އިހުމާލު އޮތް ކަމަށް ތުހުމަތު ކުރެވޭއިރު އެ މައްސަލަ ބަލައި އިހުމާލެއް ވާނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ރޭ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް