ދައުލަތަށް ލިބެންޖެހޭ ބައި ސެންޓެއް ވެސް ހޯދަން ނޫޅެ ޖީއެސްޓީ ބޮޑުކުރާތީ ކަންބޮޑުވޭ: އިންތި

މާފަންނު އުތުރު މެމްބަރު އިމްތިޔާޒް ފަހުމީ -- ފޮޓޯ/ މަޖިލިސް

ދައުލަތަށް ވަންނަންޖެހޭ ވަރަށް ގިނަ އަދަދެއްގެ ފައިސާ ހުރި ނަމަވެސް ދައުރު ނިމިގެންދާއިރު އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރެވެމުންދާތަން ނުފެންނާތީ އާއި ޓެކްސް ބޮޑު ކުރާތީ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ބިލާމެދު މަޝްވަރާ ކުރުމަށް މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަމުން އިންތި ވިދާޅުވީ ކުއްލިއަކަށް ރައްޔިތުންގެ އަތުން ޓެކްސް ނެގުމަށް ނިންމާފައިވާއިރު ކުރަން ވާރަަށް މަޝްވަރާތައް ކޮށްފައިނުވާތީ ކަންބޮޑުވާ ކަމަށެވެ.

ސަރުކާރުން ހުށަހަޅާފައި ވަނީ މުދަލާއި ހިދުމަތުން ނަގާ ޓެކްސް (ޖީއެސްޓީ)، އަށް ޕަސެންޓަށް އަދި ޓޫރިޒަމް ދާއިރާއިން ނަގާ ޓެކްސް (ޓީޖީއެސްޓީ) 12 ޕަސެންޓަށް ބޮޑުކުރުމަށެވެ.

ރާއްޖޭގެ ހާލަތާ ގުޅިގެން ފިނޭންސް މިނިސްޓަރު އަރިހުގައި ސުވާލު ދެންނެވުމުން އަބަދުވެސް ވިދާޅުވަނީ ހާލަތު ރަނގަޅު ކަމަށް ކަން ފާހަގަ ކުރައްވާ އިންތި ވަނީ ހާލަތު ރަނގަޅު ނަމަ ޓެކްސް ބޮޑުކުރަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ވިދާޅުވެފައެވެ.

"ރާއްޖޭގެ އިގްޞާދީ ހާލަތު ރަނގަޅު ކަމަށް މިނިސްޓަރު އަބަދުވެސް ވިދާޅުވަނީ. އެހެން ވިދާޅުވާއިރުގައި ރިކަރަންޓު ޚަރަދު ދެކޮޅުޖެއްސުމަށް ވެސް މި އޮންނަނީ ސަގާފަތެއް. އެއީ ލޯނު ނެގުން. މި ސަގާފަތް ދެމިގެންދަނީ،" އިންތި ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދައުލަތަށް ވަންނަން ޖެހޭ އެތައް ފައިސާ ހުރިނަމަވެސް ބައި ސެންޓެއް ވެސް ވެއްދުނުތަން ނުފެންނަ ކަމަށެވެ. އޭގެ އިތުރުން ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުލިބޭ ކަންވެސް އިންތި ފާހަގަކުރެއްވިއެވެ.

"އެއިން ފައިސާއެއް ވެސް ހޯދުމެއްނެތި އަނެއްކާ އަލުން، ރައްޔިތުންނަށް ވެސް ބުރަ ވާނެ ގޮތަށް ޓެކްސް ބޮޑުކުރަން ހުށަހަޅާ ހުށަހެޅުމާމެދު ވަރަށް ކަންބޮޑުވޭ،" އިންތި ވިދާޅުވިއެވެ.

އެ ބިލު ސަރުކާރުން ހުށަހެޅި ގޮތަށް ފާސް ކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ ތްރީލައިން ވިޕެއް ނެރެފައެވެ. އެމްޑީޕީގެ ޕީޖީން ތްރީލައިން ވިޕެއް ނެރުނު ކަމުގައި ވީނަމަވެސް އިންތި ހިމެނޭހެން މަޖިލީހުގައި ތިއްބަވާ އެ ޕާޓީގެ ބައެއް މެމްބަރުން ވަނީ އިތުރަށް މަޝްވަރާ ނުކޮށް، ޚިޔާލު ނުހޯދައި ބިލު ފާސް ކުރުމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެކަމާ ގުޅިގެން ކޮމިޓީގެ ރިޔާސަތުގައި އިންނަވާ ނަޝީދު ވިދާޅުވީ އެ ބިލާ މެދު ގޮތެއް ނިންމާނީ މަޖިލީހަށް ކަމާގުޅޭ މާހިރުން ގެނެސް، ވަމުންދާ ގޮތް އޮޅުން ފިލުވުމަށް ފަހުގައި ކަމަށެވެ.

އެމްޑީޕީގައި ދެ ފެކްޝަނެއް އުފެދިފައިވާއިރު ރައީސް ނަޝީދަށް ތާއިދުކުރައްވާ މެމްބަރުން ވަނީ ނަޝީދުގެ އެ ނިންމެވުމަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއި ސަރުކާރަށް ތާއިދުކުރާ މެމްބަރުން ވަނީ އެ ބިލު އޮތްގޮތަށް ފާސްކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުން ބުނީ ޓެކްސް ބޮޑުކުރަން ނިންމީ ދުނިޔޭގެ އިގުތިސާދަށް މިހާރު ކުރިމަތިވެފައިވާ ހީނަރުކަމުގެ އަސަރު ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑަށް ކުރަމުންދާތީ، އާމްދަނީ އިތުރު ކުރުމަށް ކަމަށެވެ.

މިހާރު ޖީއެސްޓީން ނަގަނީ ހަ ޕަސެންޓް ކަމަށްވާއިރު ޓީޖީއެސްޓީއަށް ނަގަނީ 12 ޕަސެންޓެވެ.

ސަރުކާރާއި އިދިކޮޅު ފަރާތްތަކުންނާއި އާއްމުން ވެސް އަންނަނީ ޓެކްސް ބޮޑުކުރާތީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި ސިޔާސީ މަގާމުތަކަށާއި އެހެނިހެން ގޮތްގޮތުން ސަރުކާރުން ކުރާ ބޭކާރު ހަރަދުތައް ހުއްޓާލުން މާ ރަނގަޅު ވާނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

comment ކޮމެންޓް