ޕާކިސްތާންގެ އުފެއްދުމެއް ކަމަށްވާ، "އަލް ޤަމަރް ގޯލްޑް ޕްރީމިއަމް އެރޯމެޓިކް" ބާސްމަތީ ހަނޑޫ، މުއްދަތު ހަމަވެފައިވަނިކޮށް ވިއްކަމުން ދާތީ ސަމާލުވުމަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސް ކޮށްފިއެވެ.
އެ އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މައްސަލަ ޖެހިފައިވަނީ އެ ބްރޭންޑްގެ ފަސް ކިލޯގްރާމްގެ ޕެކެޓަށް ކަމަށެވެ. އޭގެ މުއްދަތު ހަމަވުމުން، އޭގެ މަތީގައި ސްޓިކާއެއް ހަރުކޮށް، ތާރީހަށް ބަދަލު ގެނެސްފައިވާ ކަމަށް އެމްއެފްޑީއޭން ބުންޏެވެ.
މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ވިއްކުމަކީ އޭގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ގެއްލި އާއްމު ސިއްހަތަށް ނުރައްކާ ވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
އެހެން ކަމުން މުއްދަތު ހަމަވެފައިވާ ތަކެތި އެތެރެ ކުރުމާއި ވިއްކުން ހުއްޓާލުމަށް އެމްއެފްޑީއޭން ވަނީ އަންގައިފައެވެ.
ގަވައިދާ ހިލާފަށް ކާބޯތަކެތި ވިއްކި ނަމަވެސް އެކަން ކުރި ފަރާތާ މެދު އެއްވެސް ފިޔަވަޅެއް އެޅި ކަމެއް އަދި އެކަން ތަހުގީގު ކުރަމުން ދާ ކަމެއް ވެސް އެމްއެފްޑީއޭއަކުން ނުބުނެއެވެ.