ފުރައްސާރައިގެ ތުހުމަތު ކުރެވުނު އެމްއެމްސީގެ މެމްބަރު މަސްއޫލިއްޔަތުން އެކަހެރި ކުރަން ފާސްކޮށްފި

ޖިންސީ ގޯނާ އާއި ފުރައްސާރައާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވަގުތު ނޫހުގެ އަންހެން ނޫސްވެރިއަކަށް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެންބަރަކު ފުރައްސާރަ ކުރިކަމަށް ބުނާ މައްސަލަ ބަލައި ނިމެންދެން އެ މެމްބަރު މަސްއޫލިއްޔަތުތަކުން އެކަހެރި ކުރުމަށް އެ ކޮމިޝަނުން މިރޭ ނިންމައިފިއެވެ.

"ވަގުތު މީޑިއާ"އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްއެމްސީގެ މެމްބަރު، މުހައްމަދު ޝާފިއު، އެ ނޫހުގެ އަންހެން މުވައްޒަފަކަށް ފުރައްސާރަކޮށް، ތަކުރާރުކޮށް މެސެޖުކޮށް އޭނާގެ ޒާތީ މައުލޫމާތުތަކާ ގުޅޭގޮތުން ސުވާލުކުރަމުން ގެންދާތީ އެކަން އެ ނޫހުން ކުށްވެރި ކުރާ ކަމަށެވެ.

ވަގުތު ނޫހުގެ މުުވައްޒަފަކަށް އެމްއެމްސީގެ މެންބަރު ޝާފިއު ފުރައްސާރަކުރަން ފެށީ، ދާދިފަހުން އެ ކައުންސިލުން އިންތިޒާމުކުރި އިންޑިއާ ދަތުރެއްގައި ބައިވެރިވި ފަހުން ކަމަށް އެ ބަޔާނުގައި ވެއެވެ.

https://sun.mv/169574

އެ މައްސަލަ ބެލުމަށް އެމްއެމްސީގެ ކުރީގެ ރައީސް އަދި މިހާރުގެ މެމްބަރު ޝަހުބާން ފަހުމީ ވަނީ ހުށަހަޅުއްވާފައެވެ. މިރޭ އެ ކޮމިޝަނުން ބޭއްވި ޖަލްސާގައި ޝަހުބާން ހުށަހެޅުއްވީ އެ މައްސަލަ ބެލުމަށާއި އެ މައްސަލަ ބަލައި ނިމެންދެން މަސްއޫލިއްޔަތުތަކުން ޝާފިއު އެކަހެރި ކުރުމަށެވެ.

މިކަމާ ގުޅިގެން އެމްއެމްސީގެ ރައީސް މުހައްމަދު ޝަފާއު ހަސަން "ސަން"އަށް ވިދާޅުވީ މިރޭ އެކޮމިޝަންގެ ބައްދަލުވުމުގައި ބައިވެރިވި 13 މެމްބަރުންގެ އިއްތިފާގުން ޝަހުބާންގެ އެ ހުށަހެޅުން ފާސް ކޮށްފައިވާ ކަމަށެވެ.

އެއާއެކު، ޝާފިއު އޭނާ އަމިއްލައަށް މަސްއޫލިއްޔަތުތަކުން އެކަހެރިވާކަން އަންގައި މިރޭ މެސެޖެއް ފޮނުވާފައިވާ ކަމަށް ޝަފާއު ވިދާޅުވިއެވެ.

ޝާފިއު އެކަހެރި އެވީ އެމްއެމްސީގެ ޝަކުވާ ބަލާ ކޮމެޓީއާއި އިނާމް ކޮމެޓީގެ މުގައްރަރު ކަމުންނެވެ.

ކުރެވޭ ފުރައްސާރައިގެ ތުހުމަތުތަކާ ގުޅޭގޮތުން ޝާފިއުއާ މި ނޫހުން ރޭ ސުވާލު ކުރުމުން އޭނާ ވަނީ ވަގުތު ނޫހުން ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ.

comment ކޮމެންޓް