ވަގުތު ނޫހުގެ ނޫސްވެރިއަކަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެންބަރަކު ފުރައްސާރަ ކުރިކަމަށް ބުނާ މައްސަލައެއް ބަލަން އެ ކައުންސިލުން ނިންމައިފިއެވެ.
"ވަގުތު މީޑިއާ"އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެމްއެމްސީގެ މެމްބަރަކު އެ ނޫހުގެ އަންހެން މުވައްޒަފަކަށް ފުރައްސާރަކޮށް، ތަކުރާރުކޮށް މެސެޖުކޮށް އޭނާގެ ޒާތީ މައުލޫމާތުތަކާ ގުޅޭގޮތުން ސުވާލުކުރަމުން ގެންދާތީ އެކަން އެ ނޫހުން ކުށްވެރިކުރާކަމަށެވެ.
ވަގުތު ނޫހުގެ މުުވައްޒަފަކަށް އެމްއެމްސީގެ މެންބަރަކު ފުރައްސާރަކުރަންފެށީ، ދާދިފަހުން އެ ކައުންސިލުން އިންތިޒާމުކުރި އިންޑިއާ ދަތުރެއްގައި ބައިވެރިވުވަށްފަހު ކަމަށް އެ ބަޔާނުގައި ވެއެވެ.
ވަގުތު ނޫހުން ވަނީ އެމްއެމްސީގެ އެ މެންބަރު މަގާމުން އިސްތިއުފާދިނުމަށް ގޮވާލާފައެވެ. އަދި އޭނާ މަގާމުން އިސްތިއުފާދޭން ދެކޮޅު ހަދައިފި ނަމަ މެންބަރުކަމުން ވަކިކުރުމަށް ވެސް އެ ނޫހުން ވަނީ އެ ކައުންސިލަށް ގޮވާލައިފައެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
މިކަމާ ގުޅިގެން އެމްއެމްސީގެ ރައީސް މުހައްމަދު ޝަފާއު ހަސަން "ސަން"އަށް ވިދާޅުވީ ކައުންސިލްގެ އެހެން މެންބަރަކު އެ މައްސަލަ އެ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ.
"އެކަމާ ގުޅިގެން މާދަމާ 02:15ގައި ކައުންސިލްގެ މެންބަރުންގެ މެދުގައި ޖަލްސާއެއް ބާއްވަން މަސައްކަތް ކުރަމުން މިދަނީ،" ޝަފާއު ވިދާޅުވިއެވެ.
ވަގުތު ނޫހުން ތުހުމަތުކުރާ މީޑިއާ ކައުންސިލްގެ މެންބަރާ "ސަން"އިން ސުވާލުކުރުމުން އޭނާ ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.
އޭނާ ވިދާޅުވީ އެކަމާ ގުޅިގެން މަޝްވަރާކުރަންޖެހޭ މީހުންނާ މިހާރު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގަ އެކަހަލަ ވާހަކައެއް ދެކެވިފައެއް ނުހުންނާނެ. އަޅުގަނޑު މާނަކުރާ ގޮތުގައެއް،" އޭނާ ވިދާޅުވިއެވެ.