ޝަރީފް އެފްއޭއެމްއަށް: ބަޔާންތައް ނެރުއްވާނެ ކަމެއް ނެތް، ބިލް ދެއްކީމަ ކަރަންޓު ލިބޭނެ

ކ. އަތޮޅާއި ވ. އަތޮޅުގެ ރަށްތަކުގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވާހަކަދައްކަވަނީ ---

އެފްއޭއެމް އިން 6.5 މިލިއަން ރުފިޔާގެ ބިލް ނުދައްކައިގެން ކަރަންޓު ކަނޑައިލުމާ ގުޅިގެން ބަޔާންތައް ނެރޭނެ ކަމެއް ނެތް ކަމަށާއި ބިލްތައް ދެއްކީމަ ކަރަންޓް ލިބޭނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

އެފްއޭމްއިން އެ ކުންފުންޏަށް ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ ދައްކާފައިނުވާތީ ސްޓެލްކޯއިން އިއްޔެ ވަނީ އެފްއޭއެމް ހައުސްއިން ކަރަންޓް ކަނޑާލައިފައެވެ. ސްޓެލްކޯއިން ބުނެފައި ވަނީ އެ ފައިސާ ދެއްކޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ގިނަ ފުރުސަތުތަކެއް އެފްއޭމްއަށް މީގެ ކުރިން ދިންނަމަވެސް އެކަންކޮށްފައިނުވާ ކަމަށެވެ.

ހަމައެއާއެކު، އެ ފައިސާ ނުދައްކާނަމަ، އެފްއޭއެމްގެ އެހެން އިމާރާތްތަކުންވެސް ކަރަންޓުގެ ޚިދުމަތް މެދުކަނޑާލުމަށް ވިސްނަމުންދާ ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ކ. އަތޮޅާއި ވ. އަތޮޅުގެ ރަށްތަކުގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ އެފްއޭއެމްއިން 6.5 މިލިއަން ރުފިޔާގެ ބޮޑު ބިލެއް ނުދައްކާ އޮތުމުން އެތަނުން ކަރަންޓު ކަނޑާލީ އިޚުލާސްތެރި ނިޔަތެއް ނެތިގެންނޭ ނުބުނެވޭނެ ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ 6.5މިލިއަން ރުފިޔާއަށް އަރަންދެން ބިލް ނުދައްކަވާ ހުރީ ކޮން ނިޔަތެއް އޮވެގެންތޯއޭ،" އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިހާރުވެސް ދައްކަން ޖެހޭ ފައިސާ ސްޓެލްކޯއަށް ދައްކައި ޚަލާސް ކުރުމުން ވަގުތުން ކަރަންޓް ދޭނެ ކަމަށެވެ. އަދި އެފްއޭއެމްއިން އެކަމާ ގުޅިގެން ބަޔާންތައް ނެރޭނެ ކަމެއް ނެތް ކަމަށާއި އެއަށް ރައްދު ދޭން އިތުރު ބަޔާންތައް ސްޓެލްކޯއިން ނެރެން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފްގެ ވާހަކައިގައި، އެއްވެސް ފަރާތަކުން ކަރަންޓް ބިލުތައް ނުދައްކައި ހުރެއްޖެ ނަމަ އެކަމުގެ ތަކުލީފުތައް ސްޓެލްކޯއަށް ކުރިމަތިވާ ކަމަށް ފާހަގަކުރެއްވިއެވެ. އަދި ކަރަންޓް ބިލުތައް ގަވާއިދުން ދެއްކުމަށް އެދެނީ އެ ސަބަބަށްޓަކައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކަރަންޓް ކަނޑާލި މައްސަލައިގައި އެފްއޭއެމްއިން ރޭ ނެރުނު ބަޔާނެއްގައި ވަނީ އެ އިދާރާގެ ހައުސްއިން ކަރަންޓު ކަނޑާލާފައިވަނީ ގަވާއިދާ ޚިލާފަށް ބިލް ކުރެވިފައިވާ އަދަދުތަކާއި ދިވެހި ދައުލަތުގެ އެކިއެކި ބޭނުމަށް އެ އިމާރާތް ބޭނުންކޮށްފައިވާ އަދަދުތަކާ އެކު ޖުމްލަ އަދަދެއް ކަނޑައަޅައިގެން ކަމަށާއި، އެ ޚަރަދުތަކަށް އެ އެސޯސިއޭޝަނުން ޒިންމާވާން ނުޖެހޭނެކަމަށެވެ.

"ދިވެހިރާއްޖޭގައި ކުޅިވަރު ކުޅުމަށް ބޭނުންކުރެވޭ ދަނޑުތަކާއި ކޯޓްތަކަކީ އެތަންތަނުގެ ކަރަންޓާއި ފެނުގެ ޚަރަދު ދައުލަތުގެ ފަރާތުން ބަލަހައްޓާ ތަންތަން ކަމުގައި ވީނަމަވެސް ފުޓުބޯޅަ ކުޅުމަށް ބޭނުންކުރެވޭ މާފަންނު ޓާފް ދަނޑަކީ އެތަނުގެ ހުރިހާ ޚަރަދެއް، އެފްއޭއެމް އިން ބަލަހައްޓަމުން އަންނަ ތަނެކެވެ. މިއީ އެފްއޭމް ފިޔަވައި ދިވެހިރާއްޖޭގެ އެހެން ގައުމީ އެސޯސިއޭޝަންތަކަށް ދައުލަތުގެ ފަރާތުން ފޯރުކޮށްދޭ އެހީތެރިކަމެކެވެ،" އެ ބަޔާނުގައިވެއެވެ.

އެފްއޭއެމް އިން ބުނީ ކަރަންޓުގެ މައްސަލަތައް ހައްލުކުުރުމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފާއެކު މިއަހަރުގެ މާޗުމަހު ބައްދަލުކޮށް މައްސަލަތައް ހައްލުކުރުމަށްޓަކައި އެ އެސޯސިއޭޝަނުން އެދޭގޮތްތައް ހުށަހަޅާފައިވާނެ ކަމަށެވެ.

އެގޮތުން ދެފާރާތަށް ވެސް ގެއްލުމެއް ނުވާނޭހެން އެކުލަވާލާފައިވާ ޕްރޮޕޯސަލްއެއް ސްޓެލްކޯއަށް ހުށަހަޅާފައިވާނެ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

އެފްއޭއެމް އިން ބުނީ އެ މައްސަލަ ހައްލު ކުރުމަށް ސްޓެލްކޯއާ މަޝްވަރާކުރުމަށް އެސޯސިއޭޝަން އަދިވެސް އޮތީ ތައްޔާރަށް ކަމަށެވެ.

comment ކޮމެންޓް