ކުދިން ހޯދާވަރު މާމަދު، މިއީ ނުރައްކަލެއް ބާ؟

މެދު ރާއްޖެތެރޭ ރަށަކަށް އުފަން، އައިޝަތު ވަސީމާ، 67، ގެ މަންމައާއި ބައްޕަގެ 12 ކުދިންތިބެއެވެ. އެއީ ހަތް އަންހެން ކުދިންނާއި ފަސް ފިރިހެން ކުދިންނެވެ. ވަސީމާ މިއީ ފަސް ވަނައަށް އެންމެ ދޮށީދަރިފުޅެވެ. އޭނާ އުމުރުން 17 އަހަރުގައި ކައިވެނިކޮށް 11 ކުދިން ވިހެއެވެ. އޭގެ ތެރެއިން ދުނިޔޭގައި ތިބީ 10 ކުދިންނެވެ. އެ ހުރިހާ ދަރިން މީހުންނާ އިނދެ އޭނާއަށް ވަނީ 21 މާމަ ދަރިންލިބިފައެވެ. އެއް ދަރިއެއްގެ ތިން ކުދިން ތިބިއިރު ދެން ތިބި ކޮންމެ ކުއްޖަކު ހޯދީ ދެ ކުދިންނެވެ.

"އަޅުގަނޑުމެން ވިހެއި ވަރަކަށް ދަރިން ވިހާކަށް ނޫޅޭ. ދެ ކުދިން ލިބުނީމަ ފުދޭ މިހާރު. އަޅުގަނޑުމެން ފުރާގެ ހުރިހާ މީހުން ވެސް ދިހަ ބާރަ ކުދިން ވިހާ. އެކަމަކު މިހާރު އެކަމެއް އެވަރަކަށް ނުކުރޭ،" ހީލާފައި ވަސީމާ ބުންޏެވެ.

ވަސީމާ އެ ބުނާ ވާހަކަ ތަފާސްހިސާބުތަކުން އެބަފެނެއެވެ. ޑީއެންއާރުގައި ރަޖިސްޓްރީ ވެފައިވާ ދިވެހީންގެ އަދަދަކީ 397،372 އެކެވެ. އޭގެ ތެރެއިން 355،331 މީހުންގެ މައުލޫމާތު އެއްކޮށް ސްޓެޓިސްޓިކްސް ބިއުރޯއިން އާއްމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިވޭތުވެދިޔަ އަށް އަހަރު ތެރޭގައި ރާއްޖޭގެ އާބާދީއަށް އިތުރުވެފައިވަނީ 16,897 ކުދިންނެވެ. ނަމަވެސް މިއީ އަދި އެންމެ ރަނގަޅު އަދަދެއް ނޫނެވެ. އެއީ އާބާދީގެ 89 ޕަސެންޓް މީހުންގެ މައުލޫމާތު އެއްކުރުމުން ލިބޭ އަދަދެވެ. އަދި އާބާދީގެ 11 ޕަސެންޓްގެ ބޯނުހިމެނި އެބަހުއްޓެވެ. އެ އެންމެންގެ މައުލޫމާތު އެއްކުރުމުން މި އަދަދަށް ބަދަލު އަންނާނެއެވެ.

https://sun.mv/169493

ނަމަވެސް ކޮންމެވެސް ވަރެއްގެ އަންދާޒާއެއް މިއަދަދު ތަކުން ކޮށްލެވެއެވެ. ހަމައެއާއެކު ދަންނަ މީހުންގެ އާއިލާތަކަށް ބަލާލުމުން ވެސް މަންޒަރު ފެނެއެވެ. މިހާރުގެ ގިނަ ދެމަފިރިންގެ ތިބެނީ އެއް ކުއްޖަކު ނުވަތަ ދެ ކުއްޖެކެވެ. ތިން ވަނަ ކުއްޖަކު ހޯދަނީ މަދު ފަހަރެއްގައެވެ. މީގެ ގިނަ ސަބަބުތަކެއް އެބައޮތެވެ. އަދި މީގެ ސަބަބުން ގައުމަށް ދިމާވާ ނުރައްކަލެއް ވެސް އެބައޮތެވެ.

މަދުން ކުދިން ހޯދާ ސަބަބުތައް ވެސް ވަރަށް ގިނަ

ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމާއި ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމަށް ބަލާއިރު ދޭތެރެދުރުކުރުމުގެ ޚާއްސަ ޕްރޮގްރާމްތަކެއް މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔައެވެ. އެ ހަރަކާތްތަކުގައި އެންމެ މަދުން ކުދިން ހޯދާ ރަށްރަށަށް އެވޯޑްދީ ވެސް ހެދިއެވެ.

އޭރު އެކަން ކުރި ސަބަބުތައް ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ އަޙްމަދު ވިދާޅުވެދެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި އޭރު މާ ކައިރިކައިރީގައި ވިހާތީ އަންހެނުންނަށް ސިއްހީ އެތައް މައްސަލައެއް ދިޔައީ ކުރިމަތިވަމުންނެވެ. އަދި ލިބޭ އާމްދަނީއާ އެކަށީގެން ނުވާވަރަށް ކުދިން ހޯދުމުގެ ސަބަބުން އެކުދިންނަށް ބޭނުންވާ އަސާސީ ކަންކަން ވެސް ފުރިހަމަކޮށްދޭން ދަތިތަކާ ކުރިމަތިވި ކަމަށް އަނީސާ ވިދާޅުވިއެވެ.

ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ އަޙްމަދު ނޫސްވެރިންގެ ބައްދަލުވުމެއްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެހެންވެ އޭރު ޕްރޮގްރާމްތައް ހިންގީ ވިހާ ދޭތެރެ ދުރުކުރުމަށާއި ރަނގަޅަށް ބެލެހެއްޓޭ ވަރަށް ކުދިން ހޯދުމަށް ހޭލުންތެރި ކުރުވުމަށް ކަމަށް އަނީސާ ވިދާޅުވިއެވެ.

އޭރު ގިނަ ކުދިން ހޯދާ ސަބަބުތަކުގެ ތެރޭގައި ބަލިވެނުއިންނަ ގޮތަށް އަނބިފިރިކަމުގެ ގުޅުން ހިންގަން ނޭނގުމާއި ހުރަސް ބޭނުން ކުރަން ޖެހިލުން ވުން ހިމެނެއެވެ. ހަމައެއާއެކު ޅަފަތުގައި މަރުވާ ކުދިންގެ އަދަދު އިތުރުވުމުގެ ސަބަބުން ގިނަ ކުދިން ދުނިޔޭގައި ބެހެއްޓުމުގެ ބޭނުމުގައި ގިނައިން ކުދިން ހޯދައެވެ.

މިހާރު މުޅި ހާލަތު މިވަނީ ބަދަލުވެފައެވެ. ޒަމާނީ ތައުލީމާއެކު ޒުވާނުންގެ ވިސްނުމަށް އައި ބަދަލުތަކުގެ ސަބަބުންނާއި ދިރިއުޅުމަށް އައި ބަދަލުތަކާއެކު ކުދިން ހޯދާ މިންވަރު ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑުތަން މިވަނީ ދަށްވެފައެވެ.

މި ރިޕޯޓް ލިޔުމަށްޓަކައި ކައިވެނިކޮށްގެން، ދަރިންވެސް ތިބި 10 މީހަކާ ވާހަކަދައްކާލީމެވެ. އެ އެންމެން ވެސް ފާހަގަ ކުރީ އެއް މައްސަލަތަކެކެވެ. އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތުމާއި ލިބޭއެއްޗަކުން ދެކޮޅު ނުޖެހޭތީ ގިނަ ކުދިން ހޯދެން ނޯންނަ ވާހަކައެވެ.

"އަންހެނުންނާއެކު ހަމަޖެހިލައިގެން އަނބިފިރިކަމުގެ ގުޅުން ނުހިންގޭ އުޅެން ޖެހޭގޮތުން. އެންމެން ވެގެން ކުލި ދައްކާގޮތަށް އާއިލާ މީހުންނާއެކު ކުއްޔަށް މިއުޅެނީ. އަށް ގަޑިއިރު މަސައްކަތް ކުރަން ކަނޑައަޅާފައި އޮންނައިރު 12 ނޫނީ 13 ގަޑިއިރު މަސައްކަތް ކޮށްގެން ވެސް އަނގަޔާއި އަތާ ދިމާނުވޭ. ދެން ކިހިނެއް ގިނަ ކުދިން ހޯދާނީ،" ދެ ކުދިންގެ ބައްޕަ މުހައްމަދު ޝިމްހާން، 32، ބުންޏެވެ.

ކުރިއާ އަޅާބަލާއިރު މިޒަމާނުގައި ކުއްޖަކު ބޮޑު ކުރުމަކީ ވަރަށް ބޮޑު ހޭދައެއް ދާކަމެކެވެ. އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭން ވެސް ފައިސާގެ ދަތިކަން ގިނަ ބެލެނިވެރިންތަކަކަށް ފޯރައެވެ.

ދެން ބެލެނިވެރިން ފާހަގަ ކުރި އަނެއް ކަމަކީ މަސައްކަތުގެ ގޮތުން އުޅެން ޖެހިފައިވާ ގޮތެވެ. ދެމަފިރިން ވަޒީފާއަށް ގޮސްގެން ނޫނީ ރަނގަޅު އާމްދަނީއެއް އާއިލާއަކަށް ނުހޯދެއެވެ. އެހެންކަމުން ދެ މީހުން ވަޒީފާއަށް ދާން ޖެހޭތީ އެއީ ވެސް ގިނަ ކުދިން ނުހޯދޭ ސަބަބެއް ކަމަށް އެ މީހުން ބުންޏެވެ.

"މަންމަމެންނާ ހަވާލު ކޮށްފައި މިދަނީ. އަސްލު ދެ ކުދިން ބަލަން ވެސް މަންމަ މެންނަށް ވެސް ދަތި މުސްކުޅި ވީމައި. އަނެއްކާ ބިޒީ ކަމުން އާއިލާއަށް ވަގުތު ވެސް ނުދެވޭ. އަހަރެންގެ ދަރިފުޅު ވެސް ބުނާނެ މަންމަ ހާދަ ބިޒީއޭ މިހާރު. މިއީ އުޅެން ޖެހޭ ހާލަކީ،" ދާދި ފަހުން ދެވަނަ ކުއްޖަކު ވިހެއި، މަރިޔަމް އަޒީމާ އޭނާގެ ކަންބޮޑުވުން ހިއްސާ ކުރަމުން ބުންޏެވެ.

އެސްޓީއޯގެ 2022 ވަނަ އަހަރުގެ ކަލަންޑަރު އިފްތިތާހުކުރުމަށް ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން -- ސަން ފޮޓޯ - މުހައްމަދު ހައްޔާން

ކުދިން ތަރުބިއްޔަތު ކުރުމަކީ ވެސް ބޮޑު ޒިންމާއަކަށްވާއިރު ގިނަ ކުދިން ހޯދައިފިނަމަ އެކަން އެންމެ ރަނގަޅަށް ނުކުރެވިދާނެތީ ވެސް ބައެއް މީހުން ގިނަ ކުދިން ހޯދަން ޖެހިލުންވާ ކަމަށް ބުނެއެވެ.

ހަމައެހެންވެ އާއިލާތައް ރޫޅުމާއި ސިއްހީ މައްސަލަތަކުގެ ސަބަބުން ދަރިން ނުލިބުމަކީ ވެސް ގިނަ ޒުވާނުންނަށް ކުދިން ހޯދަން އޮތް ގޮންޖެހުމެކެވެ. އެއް ކުއްޖަކު ނުވަތަ ދެ ކުއްޖަކު ހޯދުމަށް ފަހު ރޫޅިފައިވާ އާއިލާތައް ވެސް ވަރަށް ގިނައެވެ. ހަމައެހެންވެ ސިއްހީ އެކި ސަބަބުތައް ދިމާވެ ދަރިން ނުލިބޭ އަންހެނުންނާއި ފިރިހެނުން ވެސް ރާއްޖޭގައި ވަރަށް ގިނައެވެ. އެފަދަ ދެމަފިރިން ކުއްޖަކު ލިބޭތޯ އެތައް ހޭދައެއް ކުރަންޖެހެއެވެ.

އާބާދީގައި ޒުވާނުންވުރެ ދުވަސްވީ މީހުން ގިނަ ވެދާނެ!

މި މައްސަލާގައި މިސާލަކަށް ޖަޕާން ފުދެއެވެ. އެ ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ދުވަސްވީ މީހުންގެ އަދަދު މާބޮޑުތައް އިތުރުވުމެވެ. ގައުމެއް ކުރިއަރައި ދިއުމަށް އެންމެ މުހިންމު ކަންކަމުގެ ތެރޭގައި މަސައްކަތް ކުރެވޭ އުމުރުގެ މީހުންގެ އާބާދީ ބޮޑުވުން ހިމެނެއެވެ.

ޖަޕާންގެ އާބާދީގައި 126 މިލިއަން މީހުން ތިބިއިރު އޭގެ ތެރެއިން 29.1 ޕަސެންޓް މީހުންނަކީ އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ. މި އަދަދު 2040 ވަނަ އަހަރާ ހަމައަށް ބޮޑު ތަން އިތުރު ވާނެ ކަމަށް ބެލެވެއެވެ. ޖަޕާނަކީ އާބާދީގެ ނިސްބަތުން އެންމެ ދުވަސްވީ މީހުން ގިނަ ގައުމެވެ. އޭގެ ސަބަބުން ކޮންމެ އަހަރަކު ވެސް މަސައްކަތް ކުރެވޭ އާބާދީއަށް ވުރެން އިތުރު ވަމުން ދަނީ އުމުރުން ދުވަސްވީ މީހުންގެ އާބާދީއެވެ. އެކަން އެގޮތަށް ދިމާވާތީ އުމުރުން ދުވަސްވީ މީހުން ވެސް މަސައްކަތުގައި އުޅެން މަޖުބޫރުވެއެވެ. ދުވަސްވީ މީހުންގެ މިހާ ބޮޑު އާބާދީއަކާއެކު ސިއްހީ ނިޒާމަށް ބާރުބޮޑުވުމުގެ އިތުރުން އިޖުތިމާއީ މައްސަލަތައް ފެންމަތިވެއެވެ.

ރާއްޖޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ޒުވާނުންގެ އާބާދީއަކީ 240،584 އެކެވެ. އެއީ އާބާދީގެ 43 ޕަސެންޓެވެ. މިހާރަށް ބަލާނަމަ މިއަދަދު ގޯހެއް ނޫނެވެ. ނަމަވެސް މިހާރު ކަން ވާގޮތުން ކުރިމަގަށް ނުރައްކަލެވެ.

އަނީސާ ވިދާޅުވިގޮތުގައި މިހާރު ކުދިން ހޯދާ މިންވަރު މަދުވުމާ ގުޅިގެން ރާއްޖޭގައި ވެސް ޒުވާނުންގެ އާބާދީ މަދުވެ، އުމުރުން ދުވަސްވީ މީހުންގެ އާބާދީ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އިތުރުވާނެ ކަމަށް ބެލެވެއެވެ.

"މިހާރު ތިބި ބޭފުޅުން ވެސް އުމުރުން ދުވަސްވަމުން ނޫންތޯ ދާނީ ދެއްތޯ؟ އެހެންވެ އެ ބޭފުޅުން ދުވަސްވީ މީހުންނަށް ވާންވާއިރަށް އެ ވަރަށް ކުދިން އުފަން ނުވާނަމަ ޒުވާނުން މަދުވާނެ ނޫންތޯ؟ އޭރުން މަސައްކަތް ކުރާ އުމުރުގެ ހެލްތީ ޕޮޕިއުލޭޝަން ދަށް ވާނެ ނޫންތޯ،" ދައުލަތަށް އެތައް އަހަރަކު، ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަނީސާ ކަންބޮޑުވުން ހިއްސާ ކުރައްވަމުން ވިދާޅުވިއެވެ.

އާއިލާއެއް ހުޅުމާލޭ ސެންޓްރަލް ޕާކުގައި މަޖާކޮއްލަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާންމު ސިއްހަތާއި އާބާދީއާ ގުޅުން ހުރި އިލްމީ ދިރާސާތަކަށް ބޭނުންވާ ތަފާސްހިސާބު އެއްކުރާ އެމެރިކާގެ ޖަމްޢިއްޔާއެއްކަމަށްވާ، ޕޮޕިއުލޭޝަން ރިފަރެންސް ބިއުރޯ (ޕީއާރުބީ)އިން ބުނާ ގޮތުގައި ކުދިން ހޯދާ ނިސްބަތް ދަށަށް ދިޔުމުން ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ އާބާދީގައި ޒުވާނުންގެ އަދަދު މަދުވުމެވެ. އަދި ޒުވާނުން މަދުވަމުންދާ ވަރަކަށް، ދަރިން ހޯދާ ނިސްބަތް ވެސް އިތުރަށް ދަށަށް ދާނެއެވެ. ނަތީޖާއެއްގެ ގޮތުން މުޅި އާބާދީ ވެސް، ދެމެހެއްޓެނެވި ގޮތެއްގައި ޖީލުތައް ދެމެހެއްޓުމަށް ހުރަސް އެޅޭނެއެވެ.

އޭގެ އިތުރުން، ޒުވާނުންގެ އަދަދު މަދުވާނަމަ ގައުމުގެ އިގުތިޞާދު ނަގަހައްޓަން ބޭނުންވާ މަސައްކަތްތެރިން ނުލިބި އުފެއްދުންތެރިކަން ދަށަށް ދާން ފަށާނެއެވެ. އެއާއެކު، އުމުރުން ދުވަސްވީ މީހުން ވެސް މަސައްކަތުގެ މާހައުލަށް ނެރެން ޖެހޭ މިންވަރު އިތުރުވެ، ދުވަސްވީ މީހުންނަށް އަޅާލާނެ މީހުން ނެތުމުގެ މައްސަލައާ ވެސް ކުރިމަތިލާން ޖެހޭނެއެވެ.

އެންމެ ފަހުގެ ބޯހިމެނުމުގެ ނަތީޖާއަށް ބަލާއިރު މިވޭތުވެދިޔަ އަށް އަހަރުގެ ތެރޭގައި ރާއްޖެއަށް 33،527 ބިދޭސީން އިތުރަށް އައިސްފައިވެއެވެ. އެހެންކަމުން މިހާރު ޖުމުލަ 97،164 ބިދޭސީން އެބައުޅެއެވެ. އެހެންކަމުން އިގުތިޞާދުގައި ބިދޭސީންގެ ހިއްސާ ވަރަށް ބޮޑެވެ. އޭގެ ސަބަބުން ދިވެހީންނަށް ވަޒީފާގެ ފުރުސަތު މަދުވުމާއި ރާއްޖޭގެ އިގުތިސާދުން އެތައް މިލިއަން ޑޮލަރެއް ކޮންމެ މަހަކު ބޭރުވުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ.

އަވަސް ހައްލެއް ބޭނުންވާ ކަމެއް!

ރާއްޖެއަށް ވެސް ކުރިއަރައި ދެވެން އޮތީ މަސައްކަތް ކުރާ އުމުރުގެ އާބާދީ އިތުރުކޮށްގެންނެވެ. ނަމަވެސް އެކަން ކުރެވެން އޮތީ ދިވެހީން ދިރިއުޅެން ޖެހިފައިވާ ހާލަތު ބަދަލުކޮށްގެންނެވެ. އާމްދަނީ ލިބޭ މިންވަރު ރަނގަޅު ވުމާއި މަސައްކަތު މާހައުލުން އާއިލާއަށް ގިނަ ވަގުތު ދެވޭނެ ގޮތްތަކެއް ފަހިވާން ޖެހެއެވެ.

ކުރީގެ މިނިސްޓަރު އަނީސާ ވިދާޅުވިގޮތުގައި އާބާދީ އިތުރު ކުރުމުގެ މުހިންމު ކަމާމެދު އާއްމުން ހޭލުންތެރި ކުރަން އެބަޖެހެއެވެ. އެގޮތުން ތިމާއަށް ބެލެހެއްޓޭވަރަކުން ގިނަ ކުދިން ހޯދުން ވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަމައެއާއެކު އެކަން ކުރުމަށްޓަކައި މީހުންގެ ދިރިއުޅުން ވެސް ފަސޭހަ ވާން އެބަޖެހޭ. ގައުމަށް ލިބޭ އާމްދަނީ އިންސާފުން ބެހެން އެބަ ޖެހޭ. މިހާރު ބެހެނީކީ އިންސާފަކުންނެއް ނޫން. މުއްސަނދި މީހާ މުއްސަނދިވާގޮތަށް. ފަގީރުމީހާ ފަގީރު ވާގޮތަށް،" އަނީސާ ވިދާޅުވިއެވެ.

ބޯހިޔާވަހިކަމަށް ހައްލެއް އަންނަ ނަމަވެސް ދިވެހީންނަށް ދިމާވެފައިވާ ގިނަ މައްސަލަތަކަކަށް ހައްލު ލިބޭނެއެވެ. އޭގެ ތެރޭގައި އާބާދީ މަދުވުމުގެ މައްސަލަ ވެސް ހިމެނޭނެކަން ޔަގީނެވެ. ހަމައެހެންމެ އާއިލާއަށް ވަގުތު ދެވޭގޮތަށް މަސައްކަތު މާހައުލު ވެސް ބަދަލުވާން ޖެހެއެވެ.

އާބާދީ އިތުރު ކުރުމަށްޓަކައި ދުނިޔޭގެ ބައެއް ގައުމުތަކުގައި އަލަށް ވިހާ ކޮންމެ ކުއްޖަކު ކޮންމެ މަހަކު ވަކި އެލަވެންސެއް ދިނުން ފަދަ ކަންކަން ހުރެއެވެ. ހަމައެއާއެކު ޒުވާނުންނަށް ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާގެ ފުރުސަތުތައް ހޯދައި ދިނުމާއެކު ޖީބަށް ލުއިގޮތަކަށް ބޯހިޔާވަހިކަން ހަމަޖައްސައިދެއެވެ.

ވަސީމާ އާއި އޭނާގެ އެއްބަނޑު މީހުންގެ ދިހަބާރަ، ކުދިން ތިބި ނަމަވެސް އެ މީހުންގެ ދަރިން އެގޮތް ބޭނުމެއް ނުވިއެވެ. ކޮންމެހެން އެވަރު ހޯދާކަށް ވެސް ނުޖެހެއެވެ. ނަމަވެސް މިހާރު އާބާދީ މި ކުޑަ ވަނީ ވިސްނާލަން ޖެހޭ މިންވަރަކަށެވެ. އެކަމަށް އަވަސް ހައްލެއް ގައުމީ ފެންވަރުގައި ގެންނަން ޖެހެއެވެ. ނޫންނަމަ ޒުވާނުންނަށް ވުރެން ދުވަސްވީ މީހުން ގިނަވެ، ގައުމު ހުއްޓުމަކަށް އަތުވެދާނެއެވެ. ކުދިން ހޯދާ މިންވަރު އިތުރު ކުރަން ޖެހެއެވެ.

comment ކޮމެންޓް