ބޯހިމެނުން: އާބާދީއަށް އިތުރުވީ 16,897 ދިވެހިންނާއި 33,527 ބިދޭސީން

މިދިޔަ އަށް އަހަރު ތެރޭ ރާއްޖޭގެ އާބާދީއަށް އިތުރުވީ 16,897 ދިވެހިންނާއި 33,527 ބިދޭސީން ކަމަށް، ބޯހިމެނުމަށް މިހާތަނަށް އެއްކުރި ނަތީޖާއިން ދައްކައިފިއެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން އިއްޔެ އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން 2014 ވަނަ އަހަރު ކުރިއަށްގެންދިޔަ ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން އޭރު ރާއްޖޭގައި އުޅުނީ ޖުމުލަ 338،434 ދިވެހިންނެވެ. މިހާރު އެ އަދަދު ވަނީ 355،331 އަށް އަރައިފައެވެ. އަދި ބިދޭސީީންގެ ޖުމުލަ އަދަދަކީ އޭރު 63،637 އެވެ. ނަމަވެސް މިހާރު ރާއްޖޭގައި އުޅޭ ބިދޭސީންގެ ޖުމުލަ އަދަދަކީ 97،164އެވެ.

އެ ތަފާސްހިސާބުގައިވާ ގޮތުން ރާއްޖޭގެ އާބާދީގެ ޖުމުލަ އަދަދަކީ މިހާރު 452،495 އެވެ. އެއީ 2014 ވަނަ އަހަރުގެ އާބާދީ ކަމަށްވާ 402،071އާ އަޅާބަލާއިރު 50,424ގެ އިތުރުވުމެކެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން ބުނި ގޮތުގައި ބޯހިމެނުގައި މިހާތަނަށް ގުނިފައި ވަނީ ރާއްޖޭގައި ދިރިއުޅޭ ކަމަށް އިމިގްރޭޝަންގެ ރިކޯޑުތަކުން ދައްކާ ބިދޭސީންގެ އާބާދީގެ 65 ޕަސެންޓެވެ. އެހެންކަމުން ބޯހިމަނާ ބިދޭސީންގެ އަދަދު އިތުރަށް ފުރިހަމަ ކުރުމަށް އެ ބިއުރޯއިން ދަނީ ވަޒީފާތަކަށް ބިދޭސީން ގެނެސްފައިވާ އެމްޕްލޯޔަރުންނާ ގުޅިގެން މަސައްކަތް ކުރަމުން ކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ބުންޏެވެ.

އެ ބިއުރޯއިން އިތުރަށް ބުނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން މިހާތަނަށް ގުނިފައި ވަނީ 89 ޕަސެންޓު މީހުން ކަމަށެވެ. އަދި މިހާތަނަށް މައުލޫމާތު ނުލިބޭ މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް އެ ބިއުރޯއިން ބުންޏެވެ.

comment ކޮމެންޓް