ސިޔާސީ ގޮތުން މި ސަރުކާރު ގެންނަން މަސައްކަތްކުރި ކޮންމެ މީހަކީ ދިވެހީންގެ ދުޝްމަނެއް: އަދުރޭ

ޕީޕީއެމް، ޕީއެންސީން ބޭއްވި ޖަލްސާއެއްގައި އަދުރޭ ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާާ

މިހާރުގެ ސަރުކާރު ގެނައުމަށް ސިޔާސީ ގޮތުން މަސައްކަތްކުރި އެންމެންނަކީ ދިވެހީންގެ ދުޝްމަނެއް ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިއްދުއަށް ވަޑައިގެން ރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ، އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ފުރުސަތު ދެއްވާ ކަމަށެވެ. އަދި އެ ސަބަބު އެކަނި މި ވެރިކަން ބަދަލުކުރަން ފުދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިސްލާމީ ހިދާޔަތް ލިބިގެން 900އެއްހާ އަހަރު ވަނީ. ކުއްލިއަކަށް އިސްލާމްދީން އަތުން ބީވާހެން ހީވީމަ އަނެއްކާވެސް އިސްލާމްދީން މަތިވެރިކަން ކުރަން މަސައްކަތް ކުރަން ޖެހޭނެ. އެންމެ ފުރަތަމަ ވެސް ޖެހޭނީ މިހާރުގެ ސަރުކާރު ވެރިކަމުން ދުރުކުރުވަން،" އޭނާ ވިދާޅުވިއެވެ.

އިސްލާމްދީނުގެ އިތުރުން ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލު ބޭރުބަޔަކަށް ވިއްކާލައިފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. އަދި ސިޔާސީ ގޮތުން މި ސަރުކާރު ވެރިކަމަށް ގައުމަށް މަސައްކަތް ކުރި ކޮންމެ މީހަކީ ދިވެހީންގެ ދުޝްމަނެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.

"ގާސިމް އިބްރާހީމާއި ކާނަލް ނާޒިމް އަކީ މި ސަރުކާރު ގެންނަން އެންމެ ބޮޑަށް ޚަރަދު ކުރި މީހުން. އެމީހުން އަބަދުވެސް ވާނީ ޚާއިނުންނަށް،" އޭނާ ވިދާޅުވިއެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަކީ ދިވެހި ރައްޔިތުންގެ ކެންޑިޑޭޓަކާއި އިންޑިއާ ކެންޑިޑޭޓެއްގެ ދެމެދުގައި ބޭއްވޭ އިންތިޚާބެއްގެ ގޮތުގައި އޭނާ ސިފަކުރެެއްވިއެވެ.

މިހާރު އޮތް ސަރުކާރު ކޯލިޝަންގައި ހިމެނޭ ކޮންމެ މީހަކީ އިންޑިއާ ތަމްސީލުކުރާ މީހެއް ކަމަށާއި އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ހަމައެކަނި ރައްޔިތުންގެ ކެންޑިޑޭޓަކީ ކުރީގެ ރައީސް ޔާމީން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވި ގޮތުގައި މިހާރު އޮތް ސަރުކާރުން ގައުމާއި ރައްޔިތުން ވައްޓައިލައިފައިވަނީ ނިކަމެތިކަމެއްގެ ތެރެއަށެވެ. އެކަން ބަދަލުކުރެވޭނީ ހާލާތު ބަދަލުކުރުމަށް ޚިޔާލު ކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަދުރޭ ވިދާޅުވީ ހާލަތު ބަދަލުކުރުމަށް ޚިޔާލުކުރާނަމަ ގައުމު ރަނގަޅު މިސްރާބަކަށް ގެންގޮސްދެވޭނެ ވަރުގެ ހިކުމަތްތެރި ވެރިއަކު ބޭނުންވާ ކަމަށެވެ. އަދި އެ ވެރިއަކީ ހަމައެކަނި ރައީސް ޔާމީން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރާއްޖެ ދެމިއޮތްހާ ދުވަހަކު އެމަނިކުފާނު ގެންނެވި ތަރައްގީއާއި ގައުމަށް ކޮށްދެވި ޚިދުމަތް ފަނޑު ނުވާނެ ކަމަށެވެ.

އިތުުރު ތަރައްގީގެ ހަރުފަތްތައް ގިރާކުރަން ބޭނުންވާ ރާއްޖެ ދެން ވެސް ބޭނުންވަނީ ރައީސް ޔާމީން ފަދަ ވެރިއެއްކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް