ނަޝީދުގެ ރައްދު އަސްލަމްއަށް: އިއްޔެގެ ޖަލްސާ ނިންމީ ގަވާއިދާ ޚިލާފަކަށް ނޫން

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު --- ފޮޓޯ/ މަޖިލިސް

އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ، ރިޔާސަތުން ނިންމީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ނޫން ކަމަށް މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމަށް އެދި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ވޯޓަށް ނާހައި ޖަލްސާ ނިންމާލީ ގަވާއިދާ ޚިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ އިއްޔެ ވިދާޅުވެފައެވެ.

https://sun.mv/170388

އިއްޔެގެ ޖަލްސާ މެދުކަނޑާލުމަށްފަހު އަލުން ފެށިއިރު ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ ޓެކްސް ބިލަށް ވޯޓަށް އަހަން ބޭނުންވާ ވަރަށް މަޖިލީހުގައި ކޯރަމް ނެތް ކަމަށް ވިދާޅުވެ ވޯޓަށް އެހުމަކާ ނުލައި ޖަލްސާ ނިންމަވާލައްވާފައެވެ.

އެއަށްފަހު ސަރުކާރަށް ތާއީދުކުރާ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ތަޅުމުގައި އަޑުގަދަކުރައްވާފައެވެ. ކަން ހިނގާ ދިޔަ ގޮތާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން މެމްބަރު އަސްލަމް އިއްޔެ "ސަން"އަށް ވިދާޅުވީ، ކޮމިޓީ ރިޕޯޓް ނިމިފައި ވާތާ ދެ ތިން ދުވަސް ވެފައިވާ ކަމަށާއި، އިއްޔެ އަމަލުކޮށްފައި ވަނީ އާންމުކޮށް ކަން ކުރައްވާ އުސޫލުގެ ދަށުން ނޫން ކަމަށެވެ.

އެގޮތުން، އާންމު ގޮތެއްގައި ވޯޓަށް އައްސަވާއިރު ކޯރަމް ނެތް ނަމަ ބެލް ޖެއްސެވުމަށް ފަހު ފަސް މިނެޓް މަޑުކުރައްވާ ކަމަށާއި، ނަމަވެސް އިއްޔެ ޖަލްސާ ނިންމަވާލެއްވީ ގަވާއިދާ ޚިލާފަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަށް ރައްދުދެއްވާ، ރިޔާސަތުގައި އިންނަވާ، ރައީސް ނަޝީދު ވިދާޅުވީ އިއްޔެގެ ޖަލްސާ ނިމުނު ގޮތާ ގުޅޭ ގޮތުން ބައެއް މެމްބަރުންނަށް އޮޅުން އަރާފައިވާ ކަމަށެވެ.

"މަޖިލީހުގެ ޖަލްސާ ނިންމަން، މަޖިލީހުގެ ގަވާއިދުގައި އޮތީ އެންމެ ގޮތެއް. އެއީ 'މަޖިލިސް ނިމުނީ' [ކަމަށް ރިޔާސަތުން ބުނުން]. މަޖިލީހުގެ ބަހުސް ނިމުމަށްފަހު ވޯޓަށް އެހުމަށް، ތިންވަނަ ކިޔުން ކިޔާނެ،"

ރައީސް ނަޝީދު ވިދާޅުވީ އިއްޔެގެ ޖަލްސާގައި ވޯޓަށް އެހުމުގެ އެއްވެސް މަސައްކަތެއް ކޮށްފައި ނުވަނީ އެ ރިޕޯޓުގެ ތިން ވަނަ ކިޔުން ނުކިޔާތީ ކަމަށެވެ. އަދި ކުރެވުނީ ހަމައެކަނި ބަހުސްގެ މަސައްކަތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ވުމާއެކު މަޖިލީހުގެ ޖަލްސާ ނިންމާލާފައިވަނީ ގަވާއިދާ ޚިލާފަށް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ ރިކަރަންޓް ޚަރަދުތައް ހަމަޖެއްސުމަށް ކަމަށް ބުނެ، ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން ހުށަހަޅާފައިވާ ބިލާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އެ ބިލް ދިރާސާކުރުމަށް ފަހު މަޖިލީހުން ނިންމީ އެ ބިލަށް އެއްވެސް ބަދަލެއް ނުގެެނެސް ފާސްކުރުމަށެވެ. ނަމަވެސް އެކަމާ މެދު އެމްޑީޕީގެ މެމްބަރުންގެ މެދުގައި ޚިޔާލުތަފާތުވުން އުފެދި، ރައީސް ނަޝީދު ފެކްޝަނުގެ މެމްބަރުންނާ ރައީސް އިބްރާހީމް މުހައްމަސދު ޞާލިހުގެ ފެކްޝަނުގެ މެމްބަރުންގެ މެދުގައި ދަނީ ބަހުގެ ހަމަލާތައް ވެސް ބަދަލުކުރަމުންނެވެ.

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ނިންމާފައިވާއިރު އެކަމާ ގިނަ ބަޔަކު އަންނަނީ ދެކޮޅު ހަދަމުންނެވެ. އެގޮތުން ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި ސިޔާސީ މަގާމުތަކަށާއި އެހެންކަންކަމަށް ސަރުކާރުން ކުރާ ޚަރަދުތައް ހުއްޓާލުމަށް ފާޑުކިޔާ މީހުން ގޮވާލައެވެ.

comment ކޮމެންޓް