ވ. އަތޮޅު ކައުންސިލުގެ އުއްމީދަކީ ހުޅިދޫ މައްސަލައިގައި ސަރުކާރުން އަވަސް ހައްލެއް ގެނެސްދިނުން

ވ. އަތޮޅު ކައުންސިލުގެ އުއްމީދަކީ ސަރުކާރުން އެއްބަސްވި ގޮތަށް ވ. ހުޅިދޫ މައްސަލައަށް އަވަސް ހައްލެއް ގެނެސްދިނުން ކަމަށް އެ އަތޮޅު ކައުންސިލުން ބުނެފިއެވެ.

ދަނޑުވެރިކަމަށް ސަރުކާރުން ދޫކޮށްފައިވާ ހުޅިދޫ އެ އަތޮޅުގެ ރައްޔިތުންނަށް އަނބުރާ ދިނުމަށް ގޮވާލައި އަތޮޅުގެ ގިނަ ބަޔަކު ވަނީ މިދިޔަ ހޮނިހިރު ދުވަހު ކަނޑުމަތީގައި އަޑުއުފުލައިފައެވެ.

އެ މައްސަލައިގައި ހުޅިދޫ ހަވާލުނުކުރަނީސް އެ ރަށުން ނުފައިބާނެ ކަމަށް ބުނެ އިއްޔެ ހެނދުނުން ފެށިގެން އެ ރަށުގައި އަންނަނީ އަޑުއުފުލަމުންނެވެ.

އިހުތިޖާޖު ހޫނުވަމުން ގޮސް ރޭ 9:30 ގައި ފުލުހުން ވަނީ އެ ރަށަށް ގޮސްފައެވެ.

ވ. ހުޅިދޫ އަނބުރާ އެ އަތޮޅު ކައުންސިލަށް ދިނުމަށް ގޮވާލައި ކުރި އިހުތިޖާޖުގެ ތެރެއިން --- ސަން ފޮޓޯ/ ކިޔުންތެރިއެއް

އެކަމާ ގުޅިގެން ރޭ ހުޅިދޫގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ވެސް ބައިވެރިވެވަޑައިގެންނެވި ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ މިއަދު "ސަން"އަށް ވިދާޅުވީ އެ ރަށުގައި 34 މީހުން އިހުތިޖާޖު ކުރަން ތިބިއިރު ފެލިދޫ ސްޓޭޝަންގެ ބައެއް ފުލުހުންނާއި މާލެއިން ފުރައިގެން ދިޔަ އެސްއޯ ފުލުހުންގެ ޓީމެއް އެ ރަށަށް ދިޔަ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި ފުލުހުން ހުޅިދޫއަށް ދިޔައީ ސަރުކާރުގެ އިސްވެރިންގެ އެންގުމަށެވެ. އެގްރީމަންޓުވެފައި އޮތް ފަރާތުން ވަނީ އެރަށުގައި ކުރާ މުޒާހަރާތައް ހުއްޓުވައިދިނުމަށް ސަރުކާރުގައި އެދިފައެވެ.

"ފުލުހުން އައުމުން ވެސް އިހުތިޖާޖުގެ ބައިވެރިން ތިބީ ރަށުން ފައިބާ ގޮތަކަށް ނޫން. ހައްޔަރު ކޮށްގެން ގެންދިޔުމަށް ފުލުހުން ކައިރީ ދެންނެވިން،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް ރައީސް އޮފީހުގެ ބައެއް އިސް ބޭފުޅުންނާއި ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒާއި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ސީއީއޯ އަފްޝަން ލަތީފް ގުޅުއްވައި މަޝްވަރާ ކޮށްގެން ހައްލު ކުރަން އެދިވަޑައިގަތް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ވ. ހުޅިދޫ އަނބުރާ އެ އަތޮޅު ކައުންސިލަށް ދިނުމަށް ގޮވާލައި ކުރި އިހުތިޖާޖުގެ ތެރެއިން --- ސަން ފޮޓޯ/ ކިޔުންތެރިއެއް

އޭނާ ވިދާޅުވީ މަޝްވަރާއަށް ފަހު އެއްބަސްވެވުނީ މި މަހު 20ވަނަ ދުވަހުގެ ކުރިން އަތޮޅު ކައުންސިލްގެ ފަރާތުން ހައްލެއް ހޯދައިދިނުމަށް ކައުންސިލާއި މިހާރު ކުއްޔަށް ދޫކޮށްފައި އޮތް ފަރާތާއި ފިޝަރީޒް މިނިސްޓްރީ އާއި އެންވާރަމަންޓް މިނިސްޓްރީ އަދި ރައީސް އޮފީސް އިސްވެ ބައްދަލުވުމެއް ބާއްވަން ކަމަށެވެ.

"ސަރުކާރުން ޑިމާންޑު ކޮށްފައި ވަނީ ހުޅިދޫގައި ގާނޫނާ ޚިލާފަށް ކޮށްފައި ހުރި ކަންކަން ބެލުމަށާއި އީއައިއޭ އާ ޚިލާފަށް ކޮށްފައި ހުރި ކަންކަން ބަލައި ފިޔަވަޅު އެޅުމަށް،" އޭނާ ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވިގޮތުގައި އެ ރަށް މިހާރު ހަވާލުކޮށްފައިވާ ފަރާތާއެކު ހަދާފައިވާ އެއްބަސްވުން ބާތިލް ކުރެވޭނެ ހުރިހާ ހާލަތެއް މިހާރު ވަނީ ފުރިހަމަ ވެފައެވެ. އެހެންކަމުން އެ އެއްބަސްވުން ބާތިލްކޮށް ޕިކްނިކް ރަށެއްގެ ގޮތުގައި އެރަށް ހެދުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދައިދިނުމަށް އެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން އެއްބަސްވެފައިވާ ގޮތުގެ މަތިން ހުޅިދޫގެ މައްސަލައަށް ހައްލެއް ހޯދައިދޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވަކި ބައެއްގެ ނުފޫޒު އޮވެގެން ހަލާކުވެގެންދާ ރަށަކަށް ހުޅިދޫ ވެގެން ނުވާނެ ކަމަށެވެ.

ވ. ހުޅިދޫ އަނބުރާ އެ އަތޮޅު ކައުންސިލަށް ދިނުމަށް ގޮވާލައި ކުރި އިހުތިޖާޖުގެ ތެރެއިން --- ސަން ފޮޓޯ/ ކިޔުންތެރިއެއް

ހުޅިދޫ މިހާރު ދީފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ ބައްޕަގެ މަސްލަހަތު އޮންނަ ކުންފުންޏަކަށެވެ.

އެ ރަށް އަނބުރާ ހޯދުމަށް ވ. އަތޮޅުގެ އެކި ރަށްރަށުގެ ކައުންސިލުންތަކުން އިދާރީގޮތުން ވެސް އެކި މަސައްކަތް ކޮށްފައިވާއިރު އެކަން ނުވެގެން އުޅެނީ ސަރުކާރުގެ ނުފޫޒުން ކަމަށް އެ އިހުތިޖާޖުގައި އިސްކޮށް ހަރަކާތްތެރިވާ މީހުން ތުހުމަތުކުރެއެވެ.

ހުޅިދޫގެ ފަރަށާއި ކަނޑޫފާއަށް ދީފައިވާ ގެއްލުންތަކާ ބެހޭ ގޮތުން އީޕީއޭގެ ޑިރެކްޓަ ޖެނަރަލް އިބްރާހީމް ނައީމް މީގެ ކުރިން "ސަން"އަށް ވިދާޅުވީ އެ ރަށަށް ލިބިފައިވާ ގެއްލުންތަކުގެ ވާހަކަ އީޕީއޭގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ވާހަކަ ދައްކަން ޖެހޭ ފަރާތްތަކާ ވާހަކަ ދައްކަމުން ގެންދާ ކަމަށާއި ނަމަވެސް އެއްވެސް ފަރާތަކުން ގެއްލުން ދިންކަމަށް އެއްބަސް ނުވާ ކަމަށް ނައީމް ވިދާޅުވިއެވެ.

"ސަމާލުކަމަށް އައިސްފަ ވަނީ. ވާހަކަވެސް ދައްކަމުން މިދަނީ. އެއްވެސް ކޮޅަކުން އެއްބަހެއް ނުވޭ. ދެން ޖެހޭނީ ގޮއްސަ ބަލާކަށް ނޫންތޯ،" އޭނާ ވިދާޅުވިއެވެ.

ވ. ހުޅިދޫ އަނބުރާ އެ އަތޮޅު ކައުންސިލަށް ދިނުމަށް ގޮވާލައި ކުރި އިހުތިޖާޖުގެ ތެރެއިން --- ސަން ފޮޓޯ/ ކިޔުންތެރިއެއް

އެނގިފައިވާ ގޮތުގައި ހުޅިދޫ އަކީ މީގެ އަހަރުތަކެއް ކުރިން ދަނޑުވެރިކަން ކުރުމަށް ދީފައިވާ ރަށެކެވެ.

ނަމަވެސް އެއްވެސް ކަމެއް ނުވެ އެ ރަށް ދޫކޮށްފައިވާ އެއްބަސްވުން ވެސް މިހާރު ވަނީ ބާތިލް ވެފައެވެ.

ނަމަވެސް އޭގެ ފަހުންވެސް އެ ރަށް އެ އަތޮޅުގެ ރައްޔިތުންނަށް ނުލިބޭތީ އެކަމުގެ ޝަކުވާތައް ގިނައެވެ.

ވ. އަތޮޅުގައި މީހުން ޕިކްނިކް ގޮސް މަޖާކުރެވޭނެ ރަށެއް ގާއިމުކޮށް ހުޅިދޫ އަނބުރާ އެ އަތޮޅުގެ ރައްޔިތުންނަށް ހޯދައި ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅެކެވެ.

comment ކޮމެންޓް