މެކަބީ ހައިފާ އަތުން ބަލިވެ ޔުވެންޓަސް ރިހޭ ފައިމައްޗަށް ފޮއެ ވެއްޓިއްޖެ

ގޯލުޖެހުމަށްފަހު މެކަބީ ހައިފާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ--- ފޮޓޯ/ ޗެމްޕިއަންސް ލީގް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި އިސްރާއީލުގެ މެކަބީ ހައިފާ އަތުން އިޓަލީގެ ގަދަ ބާރު ޔުވެންޓަސް ބަލިވެ އެ ޓީމު ރިހޭ ފައިމައްޗަށް ފޮއެ ވެއްޓިއްޖެއެވެ.

ރޭ މެކަބީ ހައިފާގެ އަމިއްލަ ދަނޑުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު އެ މެޗު އެ ޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެކަބީ ހައިފާއަށް ރޭ ލިބުނު މޮޅަކީ ވޭތުވެދިޔަ 20 އަހަރު ތެރޭގައި ޗެމްޕިއަންސް ލީގުގައި އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ.

ރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނުއިރު ދެ ޓީމުން ވެސް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ތަނަވަސްކޮށްފައެވެ.

އެގޮތުން މެޗުގެ ހަތްވަނަ މިނެޓުގައި މެކަބީ ހައިފާއިން ވަނީ ގޯލު ޖަހައި މެޗުގެ ލީޑު ނައިގައިފައެވެ. އެ ގޯލަކީ ޕިއޭ ކޯނުޑް ނަގައިދިން ހުރަހަކުން އޮމަރް އެޓްޒިލީ ބޮލުން ޖެހި ގޯލެކެވެ.

މެޗުގެ 35 ވަނަ މިނެޓުގައި މެކަބީ ހައިފާއަށް ވަނީ މެޗުގެ ލީޑު އިތުރަށް ފުޅާކުރުމަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރު ވެފައެވެ. އޭރިއާ ބޭރުން ކޯނުޑް ނަގައިދިން ހުރަސް އެޓްޒިލީ މިފަހަރު ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ 42 ވަނަ މިނެޓުގައި މެކަބީ ހައިފާއިން ވަނީ އަނެއްކާ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ޕިރާޓް ޖައްސާލި ޕާސް ޔުވެންޓަސްގެ އޭރިއާ ތެރޭގައި ހުރެ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން އޭނާ ޖެހި ގޯލެކެވެ.

އެ ނަތީޖާއާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް ދެވަނަ ހާފު ފަށައިގެން ޔުވެންޓަސްގެ ކުޅުން ރަނގަޅުކޮށް ގޯލެއް ޖެހުމަށް ވަނީ މަސައްކަތް ކޮށްފައެވެ. އެގޮތުން މެޗުގެ 55 ވަނަ މިނެޓުގައި ޖުއާން ކުއަޑްރާޑޯ ނައިގައިދިން ކޯނަރު ރަނގަޅުތަނުގައި ހުރެ ޑެނިއެލް ރުގާނީ ފޮނުވާލި ނަމަވެސް އެ ބޯޅަ މެކަބީ ހައިފާގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

އެ ނަތީޖާއާއެކު ޔުވެންޓަސް ޗެމްޕިއަންސް ލީގު ތާވަލުގެ ތިން ވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާއެކުއެވެ. އަދި މެޗުން މޮޅުވި މެކަބީ ހައިފާއިން ތާވަލުގެ ފުލުގައި އޮތީ ޔުވެންޓަސްއާ އެއްވަރަށް ޕޮއިޓު ލިބި ގޯލު ތަފާތުންނެވެ. އެ ގްރޫޕްގެ އެއްވަނަ ޕީއެސްޖީއަށް ލިބެނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓާއެކުއެވެ. އަދި ދެވަނައިގައި ބެންފިކާ އޮތީ ހަތް ޕޮއިންޓާއެކުއެވެ.

ޔުވެންޓަސް ޗެމްޕިއަންސް ލީގުގައި ކުރިއަށް ދިއުމަށް ކުރިއަށް އޮތް ދެ މެޗުން މޮޅުވުން މަޖުބޫރު ވާނެއެވެ. އެ ޓީމަށް މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ހަތަރު މެޗުން މޮޅުވެވުނީ އެންމެ މެޗަކުންނެވެ. އަދި ލީގުގައި ކުޅުނު ނުވަ މެޗުން ލިބުނު 13 ޕޮއިންޓާއެކު އެ ޓީމު އޮތީ ލީގު ތާވަލުގެ އަށް ވަނައިގައެވެ.

comment ކޮމެންޓް