މުގަދީޝޫ (10 އޮކްޓޯބަރު 2022): ސޮމާލިއާގެ ސިފައިން ދިން ކުއްލި ހަމަލާތަކެއްގައި އެގައުމުގެ ތަކްފީރީ ފިކުރުގެ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އައްޝަބާބް ޖަމާއަތުގެ 200 އަށް ވުރެ ގިނަ ހަނގުރާމަވެރިން މަރުވެއްޖެއެވެ.
ރިޕޯޓްތައް ބުނާގޮތުން ސޮމާލިއާގެ ސިފައިން މިހަމަލާތައް ދީފައިވަނީ އައްޝަބާބު ޖަމާއަތުގެ ހަނގުރާމަވެރިންގެ ޝިކާރައަކަށްވެފައިވާ އެގައުމުގެ ގަބީލާތަކުގެ މީހުންނާވެސް ގުޅިގެން ދުރާލައި ރާވައިގެންނެވެ. ހަމަލާތައް ދިނީ ސޮމާލިޔާގެ މެދުތެރޭގައިވާ އައްޝަބާބު ޖަމާއަތުގެ އަސްކަރީ ކޭމްޕްތަކާއި އެޖަމާއަތުގެ ހަނގުރާމަވެރިން ދިރިއުޅޭ ތަންތަނަށެވެ.
ކުއްލި ގޮތަކަށް ދިން މިހަމަލާތަކަށް އައްޝަބާބު ޖަމާއަތުގެ ހަނގުރާމަވެރިންނަށް ރައްދުވެސް ނުދެވުނު ކަމަށާއި ނަމަވެސް ހަމަލާތައް ދިން ކޭމްޕްތަކުން އެޖަމާއަތުގެ ބައެއް ހަނގުރާމަވެރިން ފިލައިގެން ދިޔަކަމަށް ޚަބަރުތައް ބުނެއެވެ. އިސްލާމް ދީނުގެ ނަމުގައި ޓެރަރިޒަމްގެ އަމަލުތަކާއި ހައްގަކާނުލައި މީހުން މެރުން ފަދަ އެދީން ނަހީކުރާ ކަންތައްތައް ހިންގައި އެކަންކަމަށް އިސްކަންދޭ ތަކްފީރީ ފިކުރުގެ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އައްޝަބާބް ޖަމާއަތަކީ ހައްދު ފަހަނަޅާފައިވާ އައިއެސް ޖަމާއަތުގެ ގޮތްޕެކެވެ.
އައްޝަބާބް ޖަމާއަތުގެ ހަނގުރާމަވެރިން ގެ ހަމަލާތަކުގެ ސަބަބުން ސޮމާލިއާގެ އާންމުންނަށްވަނީ ދިރިއުޅެންވެސް ދަތިވެފައެވެ. އެޖަމާއަތުގެ ހަމަލާތައް ސޮމާލިއާގެ ނިކަމެތި އާންމުންގެ ގެދޮރަށާއި ސްކޫލްތަކަށާއި އަދި ހޮސްޕިޓަލްތަކާއި ބާޒާރުތަކަށް އަމާޒުކޮށް ޑަޒަން ޑަޒަނުން ސޮމާލިއާގެ އާންމުން މަރަމުން ގެންދެއެވެ. ހޮޓާތަކާއި އޮފީސްތަކަށާއި މިސްކިތްތަކަށްވެސް ހަމަލާތައް ދެމުން ގެންދެއެވެ.
ސޮމާލިއާގެ އައްޝަބާބް ޖަމާއަތާއި ނައިޖީރިއާގެ ބޯކޯ ހަރާމް ޖަމާއަތާއި އަފްޣާނިސްތާނުގެ އައިއެސް ގޮފި ކަމަށްވާ ވިލާޔަތު ޚުރާސާން އަކީ އާންމުންގެ ގެދޮރަށާއި ސްކޫލްތަކަށާއި އަދި ހޮސްޕިޓަލްތަކާއި ބާޒާރުތަކަށާއި މިސްކިތްތަކަށް ހަމަލާދީ އާންމުން މެރުމުގައި ހައްދު ފަހަނަޅާފައިވާ ޖަމާއަތްތަކެކެވެ.
އައްޝަބާބް ޖަމާއަތަށް ދިން ހަމަލާތަކަކީ ކާމިޔާބު ހަމަލާތަކެއްކަމަށާ އެ ހަމަލާތައް ކާމިޔާބުވީ ޖާސޫސީ މައުލޫމާތުގެ އަލީގައި އައްޝަބާބް ޖަމާއަތުގެ ހަނގުރާމަވެރިން ތިބި ތަންތަން ދެނެގަނެގެން ދިން ހަމަލާތަކެއްކަމަށްވެފައި އެޖަމާއަތުގެ ގިނަ ކޮމާންޑަރުންތަކެއް މަރާލެވިފައިވާތީ ކަމަށް ސޮމާލިއާ ސިފައިންގެ ފަރާތުން ނެރުނު ބަޔާނެއް ބުނެއެވެ. އައްޝަބާބް ޖަމާއަތް އުފެދުނީ 2004 ވަނަ އަހަރުއެވެ.