ސޯމާލިއާގައި ބޮން ގޮއްވާލި ހާދިސާގައި 37 މީހުން މަރުވެއްޖެ

ސޯމާލިއާގެ ވެރިރަށް މޮގަދިޝޫގައި ބޮން ގޮއްވާލި ހާދިސާގައި 37 މީހަކު ވަނީ މަރުވެފައި. ފޮޓޯ/ޔާހޫ ނިއުސް

ސޮމާލިޔާގެ ވެރިރަށް މޮގަދިޝޫގެ ހުންނަ ރެސްޓޯރެންޓެއްގައި ބޮމެއް ގޮއްވައިލައިގެން ނުރައްކާތެރި ހަމަލާއެއްދީ އާންމުންގެ 37 މީހުން މަރައިލައިފިއެވެ.

ސަލާމަތީ ބާރުތަކުން ބުނީ ލިޑޯ ބީޗުގައި އެ ހަމަލާދިން ހަނގުރާމަވެރިންގެ ތެރެއިން ފަސް މީހަކު މަރާލާފައިވާއިރު، އަނެއް މީހާ ވަނީ ބޮމެއް ގޮއްވައިލައި ޖާނުން ފިދާވެފައެވެ. އެ ހަމަލާ ދީފައި ވަނީ ސޯމާލިއާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތް، އަލް ޝަބާބުބް ކަމަށް ބެލެވޭ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެއެވެ. އެ ހަމަލާގައި 60 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

ސޮމާލިޔާގައި މީގެ ކުރިން ދީފައިވާ މި ފަދަ ހަމަލާތަކުގެ ޒިންމާ އުފުލާ ކަން އަލް-ޝަބާބުން ހާމަކޮށްފައިވާ ނަމަވެސް، މިފަހަރު ދިން ހަމަލާގެ ޒިންމާ އެ ޖަމާއަތުން އުފުލާފައެއް ނެތެވެ. އެ ހަމަލާއާ ގުޅިގެން ސޮމާލިޔާގެ ރައީސް ޙަސަން ޝައިޚް މަޙްމޫދާއި ބޮޑުވަޒީރު ޙަމްޛާ ޢަބްދީ ބައްރީ ވަނީ އެ ގައުމުގެ ސަލާމަތީ ބާރުތަކުގެ ކުއްލި ބައްދަލުވުމެއް ބާއްވަވައިފައެވެ.

އަލް ޝަބާބުން ވަނީ 2022 ވަނަ އަހަރުވެސް މޮގަދިޝޫގައި އެއްފަހަރާ ދެ ބޮން ގޮއްވަލައި 100 އަށް ވުރެ ގިނަ މީހުން މަރައިލައިފައެވެ. އޭގެކުރިން 2013 ވަނަ އަހަރު ކެންޔާގެ ވެރި ރަށް ނައިރޯބީގައި ދިން ހަމަލާއެއްގައި 67 މީހަކު މަރައިލައިފައިވާއިރު އޭގެ ދެ އަހަރު ކުރިން ކެންޔާގެ އިރުމަތީގައ އޮންނަ ގަރިއްސާގެ ޔުނިވާސިޓީއެއްގައި ދިން ހަމަލާއެއްގައި 148 މީހުން ވަނީ މަރައިލައިފައެވެ.

ސޮމާލިޔާގެ ބައެއް ސަރަހައްދުތަކަށް އަތްގަދަ ކޮށްފައިވާ އަލް-ޝަބާބްގެ ހަނގުރާމަވެރިންނާ ދެކޮޅަށް އެ ގައުމުގެ އަސްކަރިއްޔާއިން ދަނީ ހަނގުރާމަ ކުރަމުންނެވެ. ދެހާސް ބާވީސް ވަނަ އަހަރު ފެށި އަސްކަރީ ކެމްޕޭނެއްގެ ދަށުން، އަލް-ޝަބާބުން އަތްގަދަ ކޮށްފައިވާ ބައެއް ސަރަހައްދުތައް ވަނީ މިނިވަން ކޮށްފައެވެ. ނަމަވެސް، ވެރިރަށް މޮގަދިޝޫއަށް އަމާޒުކޮށް ދޭ ހަމަލާތައް އަދިވެސް ހުއްޓުމަކަށް އައިސްފައެއްނުވެއެވެ.

comment ކޮމެންޓް