ފުވައްމުލައް ކައިރިން އިއްޔެ އަތުލައިގަތް ސޯމާލިއާގެ ޑިންގީގައި ތިބި ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެމީހުން ރާއްޖެ ސަރަހައްދަށްއައި ގޮތް ތަހުގީގުކުރަން ފަށައިފިއެވެ.
އިއްޔެ ފުވައްމުލަކަށް ގެނައި ސޯމާލިޔާގެ ތިން މީހުންނަކީ ވެސް ކަނޑުމަތިން ބެހިގެން އައި ކަމަށް ބެލެވޭ ޑިންގީއެއްގައި ތިބި ބައެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ މީހުން ފުވައްމުލަކަށް ގެންގޮސް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިއްޔެއެވެ.
މި ކަމާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެއްވަމުން ފުވައްމުލައް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު، މުހައްމަދު ފިކްރީ ވިދާޅުވީ އެ ތިން މީހުން ވެސް އިއްޔެ ވަގުތުން ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ސޯމާލިޔާގެ ތިން މީހުން --
މި ކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ، އެ މީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި އެ މީހުންނާ ގުޅޭގޮތުން ގުޅުންހުރި އިދާރާތަކާ މައުލޫމާތު ހިއްސާކޮށް، އަޅަންޖެހޭ ފިޔަވަޅު އަޅަމުންގެންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި ފުވައްމުލަކު ސިޓީ ހުޅަނގު އުތުރުން 10 ވަރަކަށް މޭލު ބޭރުން ޝައްކު ކުރެވޭ ޑިންގީއެއް އިއްޔެ ވަނީ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އެ ސަރަހައްދަށް ގޮސް ބެލިބެލުމުން އެނގުނުގޮތުގައި އެއީ ރާއްޖެއިން ބޭރުގެ ސޯމާލިއާގެ މީހުން ބޭނުންކުރާ ވައްތަރުގެ "ސްކިފް" އެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި އެ ޑިންގީގައި ސޯމާލިއާ މީހުން ކަމަށް ޝައްކު ކުރެވޭ ތިން މީހުން ތިބި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.
މީގެ ކުރިން ވެސް މިފަދަ ޑިންގީތަކުގައި ސޯމާލިއާ މީހުން ރާއްޖޭގެ ސަރަހައްދުން ވަނީ އަތުލައިގެންފައެވެ.