މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އައްޑޫ ސިޓީ ފޭދޫގައި މީހަކު މަރާލި މައްސަލައިގައި ކުޑަކުއްޖަކަށް ދައުވާ ކޮށްފިއެވެ.
ޕީޖީ އޮފީހުން ބުނީ ސ. ފޭދޫ، ސޮލިޑް، މުޙައްމަދު ޒަޔާން މޫސާއަށް ތޫނުއެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ މައްޗަށް އުފުލައިފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކަމަށެވެ.
މީގެއިތުރުން އުމުރުން 18 އަހަރު ނުފުރޭ އިތުރު ތިން ކުދިންގެ މައްޗަށް ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ އުފުލައިފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
އެ ތިން ކުދިންގެ ތެރެއިން ދެ ކުދިން ކުށަށް އިއުތިރާފުވެ ޑައިވާޝަން ފުރުސަތަށް އެދިފައިވާތީ ކުޑަކުދިންގެ އަދުލުގެ ގާނޫނު ގެ ދަށުން ޑައިވާޝަން އެގްރީމެންޓް ހެދިފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
އެ ގާނޫނު ބުނާގޮތުން ގާނޫނާ ޚިލާފުވާ ކުޑަކުދިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމުގެ ބަދަލުގައި ޑައިވާޝަންގެ ނިޒާމުގެ ދަށުން، އަދި ރުޖޫއީ އިންސާފުގެ ފަލްސަފާގެ ދަށުން ފިޔަވަޅު އެޅިދާނެއެވެ. އެކަން ކުރެވޭނެ ހާލަތްތަކާއި އެކަން ކުރުމުގައި އަމަލުކުރާނެ އުސޫލުތައް އެ ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.
އަދި އެ މައްސަލައިގައި ތުހުމަތުކުރެވޭ އުމުރުން 18 އަހަރުން މަތީގެ ފަސް މީހެއްގެ ބައި ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުން ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
"ތަޙުޤީޤުގައި ކުރަންހުރި މަސައްކަތްތަކަށް ބަލައި، މައްސަލަ ތަޙުޤީޤުކުރުމުގެ މުއްދަތު ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ނ) ގެ ދަށުން މި އޮފީހުން މިގެންދަނީ އިތުރުކޮށްދެމުންނެވެ،" ޕީޖީ އޮފީހުން ބުންޏެވެ.
އެ މައްސަލައިގައި ދައުވާލިބޭ ހަތަރު ކުދިންނާއި، ތުހުމަތުކުރެވޭ ފަސް މީހުން ތިބީ ބަންދުގައެވެ.