އެމްޔޫ މަނިކު: ދަގަނޑު ފިލާ ރަންވޭގެ ހަނދާނުން މިއަދާ ހަމައަށް!

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޗެއާމަން މުޙައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ އެންމެ ދުރު ހަނދާނުން، ހުޅުލޭ އެއާޕޯޓްގައި އޮތީ އިނގިރޭސީން އޭރު އަޅާފައި އޮތް "މެޓަލް ރަންވޭ"އެއް ނުވަތަ ދަގަނޑު ފިލާ އެޅި ރަންވޭއެކެވެ. އެއީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ބޭނުން ކުރި އެއްޗެކެވެ. އެމްޔޫ މަނިކު ހުޅުލޭ އެއާޕޯޓް އެންމެ ފުރަތަމަ ބޭނުން ކުރެއްވީ، ސްރީލަންކާގެ އެމްބަސީން އަންގައިގެން ފްލައިޓެއްގައި ލަންކާއިން ރާއްޖެ ވަޑައިގަތް ދުވަހުއެވެ. އޭނާ އައީ ދެވަނަ ބޮޑު ހަނގުރާމައިގައި އިނގިރޭސީން ބޭނުންކުރި ޑަކޯޓާ އެއާކްރާފްޓެއްގައެވެ.

"އެ ބޯޓް ސިލޯނުން ފުރައިގެން މިތަނަށް އައިސް ޖެއްސީ ހުޅުލޭ ރަންވޭ އޭރު އޮތީ ދަގަނޑު ފިލާ އަޅުގަނޑުމެން މިކިޔާ އެއްޗެހި އަޅާފައި. އެ ބޯޓް ތިން ގަޑިއިރު ނެގި ޖައްސަން، 12،000 ފޫޓުން ދުއްވަނީ. އައިސް ޖެއްސީ، އޭރު އިނގިރޭސީންގެ މީހުން ތިބީ މިތާގައި. ވަކި ހިސާބަކަށް ކައިރިވީމަ ފްލެޔާއެއް ދުއްވަނީ. އެ ފްލެޔާ ފެނުނީމައި ދެން ޖައްސަނީ،" އާ ރަންވޭ ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި އޭރުގެ ހަނދާންތައް އާ ކުރައްވަމުން އެމްޔޫ މަނިކު މިއަދު ވިދާޅުވިއެވެ.

ހުޅުލޭގައި ރަންވޭއެއް އެޅުމުގެ މަސައްކަތް ކުރަނީ: މިއީ މުޅި ރާއްޖެ ބައިވެރިވެގެން ވަރަށް ފޯރީގައި ކުރި މަސައްކަތެއް---

އެންމެ ފުރަތަމަ އެއާޕޯޓް ބޭނުން ކުރަމުން އައީ އެ ދަގަނޑު ފިލާ އެޅި ރަންވޭގައި ބޯޓް ޖައްސައިގެންނެވެ. އޭގެ ފަހުން 1966 ވަނަ އަހަރު އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާސިރުގެ މޭސްތިރިކަމުގެ ދަށުން އެ ދަގަނޑު ފިލާއެޅި ރަންވޭ ނަގައި "ކޮރަލް ބޭސްޑް ރަންވޭ" އަކަށް ބަދަލު ކުރިއެވެ. އެކަން ކުރީ މުޅި ރާއްޖެ އެކަމުގައި ބައިވެރިވެގެން ގައުމީ މަސައްކަތެއްގެ ގޮތުގައެވެ. ގައުމީ ޖޯޝާއި ފޯރި އެ މަސައްކަތުން ފެނިގެންދިޔައެވެ. އާންމު ރައްޔިތުން ނުކުމެ، ރަންވޭ އެޅުމުގެ ބުރަ މަސައްކަތް ކުރީ އިޖުތިމާއީ ރޫހެއްގައެވެ.

"ވަރަށް ފޯރިއާއެކު މުޅި ރާއްޖޭގެ އަތޮޅުތަކުން މީހުން އައިސް މަސައްކަތް ކޮށްގެން އެޅި ރަންވޭއެއް އެއީ،" ޓޫރިޒަމް ދާއިރާއަށް ވެސް އަގުހުރި އެތައް ހިދުމަތެއް ކޮށްދެއްވި، އެމްޔޫ މަނިކު ކިޔައިދެއްވިއެވެ.

އެމްޔޫ މަނިކު ވިދާޅުވިގޮތުގައި ފުރަތަމަ އެޅި ރަންވޭއާއެކު ވެސް ރާއްޖެއަށް ފްލައިޓްތައް އަންނަނީ ސަރުކާރުން ޗާޓާ ކުރަމުންނެވެ. ފަހުން ޓޫރިޒަމް ރަނގަޅުވާން ފެށުމުން، އެއާ ސިލޯނާއި އިންޑިއަން އެއާލައިންގެ ޝެޑިއުލް ދަތުރުތައް ފެށި ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭރު އިންޑިއަން އެއާލައިން އަންނަނީ ބޯޓް އައިސް ނިއުދެއްލީއަށް ޖައްސާފައި. އޭރު [ހުންނާނެ] ބެލޫން ޓަޔަރު ކިޔާ އެއްޗެއް. އެއީ ލޯއިމްޕެކްޓް ޖައްސާއިރު ހުންނަ އެއްޗެއް. އެ ކަހަލަ ޓަޔަރު ހަރުކޮށްގެން ޓްރިވަންޑްރަމަށް އައިސް ޓްރިވަންޑްރަމުން މިތަނަށް އަންނަނީ. މިއީ 1972 ހިސާބުގަނޑުގައި ހިނގި ކަންތައްތައް. މި ރަންވޭއަކީ އަޅުގަނޑުމެންނާ ގުޅިފައިވާ ރަންވޭއެއް. މިއީ ޔަގީންކަމާއެކު އެނގޭ އެއްޗެއް. މީގައި އެބަހުރި ދިވެހީންގެ ޖޯޝު،" އެމްޔޫ މަނިކު ވިދާޅުވިއެވެ.

https://sun.mv/168909

ދަގަނޑު ފިލާއަށް ޖެއްސި ފްލައިޓުން ވެސް ރާއްޖެ ވަޑައިގަތުމުގެ ނަސީބު ލިބިލެއްވި އެމްޔޫ މަނިކު މިއަދު ހުންނެވީ އެ އެއާޕޯޓް ތަރައްގީ ކުރުމުގެ މޭސްތިރިއަކަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޒަމާނީ ކުރުމަށް އެމްއޭސީއެލްއިން އެތައް މިލިއަން ޑޮލަރެއްގެ ޕްރޮޖެކްޓްތައް ހިންގާއިރު އޭނާއަކީ އެ ބޮޑު ކުންފުނީގެ ޗެއާމަންއެވެ.

އޭނާ އެމްއޭސީއެލްގެ މެނޭޖްމަންޓާ ހަވާލުވެ، މާސްޓާ ޕްލޭން ރިވިއު ކުރެއްވިއިރު، އިނގިރޭސި ވިލާތުގެ ކުންފުންޏަކުން ޒަމާނީ ފެންވަރެއްގެ ރަންވޭއެއް އެ އެއާޕޯޓްގައި އަޅަން ޖެހޭ ކަމަށް ހިމަނާފައިވާ ކަމަށް އެމްޔޫ މަނިކު ވިދާޅުވިއެވެ. މިހާރު އެއާޕޯޓް ތަރައްގީ ކުރަމުން އަންނަނީ އެ މާސްޓާ ޕްލޭނާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ރަސްމީކޮށް ހުޅުވި ރަންވޭ ހެދުމަށް ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އާ އެ މަސައްކަތް ހަވާލު ކުރީ 2015 ވަނަ އަހަރުގައެވެ. އެއީ ހަތަރު ސަތޭކަ ފަންސާސް ދެ މިލިއަން ޑޮލަރަށެވެ. އަމަލީ މަސައްކަތް ފެށީ 2017 ވަނަ އަހަރުގައެވެ. މުޅި އެ މަސައްކަތް ކޮށްފައިވަނީ ތަޖުރިބާކާރު ކޮންސަލްޓަންޓުންގެ ބެލުމުގެ ދަށުންނެވެ. އޭގެ ތެރޭގައި ސިންގަޕޫރުގެ ސުރުބަނާ ކުންފުންޏާއި ޖަރުމަނުގެ ހަންސާ ކުންފުނި ވެސް ހިމެނެއެވެ.

"މި ރަންވޭގައި ހުންނާނެ އިނގޭތޯ ވަރަށް ގިނަ އިތުރު ކަންތައްތައް ކޮށްފައި. ޑްރެއިނޭޖް އޮންނާނެ ރަނގަޅަށް. ހައިޑްރޯ ޑްރެއިން އަޅާފައި އޮންނާނެ. މިޒަމާނުގައި ހުރި ހުރިހާ ވަސީލަތްތަކެއް ހުންނާނެ މިތާ ހަރުކޮށްފައި،" ތަފްސީލް ދެއްވަމުން އެމްޔޫ މަނިކު ވިދާޅުވިއެވެ.

ރަންވޭގެ އިތުރުން ފިއުލް ފާމަކާއި ޒަމާނީ ސީޕްލޭން ޓާމިނަލެއްގެ އިތުރުން އިތުރު ޓާމިނަލްއަކާއި ވީއައިޕީ ލައުންޖެއްވެސް ވަނީ ތަރައްގީ ކޮށްފައެވެ. އޭގެ އިތުރުން ޒަމާނީ ކާގޯ ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދެއެވެ.

މި މަސައްކަތްތައް ސިފަ ކުރައްވަމުން އެމްޔޫ މަނިކު ވިދާޅުވީ މިއީ ހިނގަހިނގާ އޮތް އެއާޕޯޓެއްގެ ތެރޭގައި އިތުރު އެއާޕޯޓެއް އެޅުން ކަމަށެވެ. އަދި މިއީ ކުޑަ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

"މިއީ ކުރިން އޮތް ހާލަތެއް ނޫން. ކޮންމެ ތިން މިނެޓަކުން ބޯޓެއް ޖެއްސޭވަރަށް މިހާރު މި ހުޅުވެނީ. މިއާއެކީގައި މިތާ ކައިރިން މި ފެނިގެންދަނީ ޓާމިނަލް ބިލްޑިން. ޓާމިނަލް ބިލްޑިން މުޅިން ހުޅުވުނީމައި ދެން މި ޕިކްޗާ މުޅިން ކޮމްޕްލީޓް ވާނީ. މާނައަކީ މި ރާއްޖެ ވާނޭ ޓްރާންސިޓް ޕޮއިންޓަކަށް ކާގޯގައި ވެސް. އެހެންވީމައި މިތާގެ މުސްތަގުބަލް ވަރަށް ވެސް އުޖާލާ،" އެމްޔޫ މަނިކު ވިދާޅުވިއެވެ.

އާ ރަންވޭ ރަސްމީކޮށް މިއަދު ބޭނުންކުރަން ފަށާފައިވަނީ މިހާތަނަށް ބޭނުންކުރަމުން އައި ރަންވޭ ބަންދު ކުރުމަށްފަހުއެވެ. މި ރަންވޭ ތަރައްގީކޮށްފައިވަނީ އެއާބަސް މަރުކާގެ އެންމެ ބޮޑެތި A380 ބޯޓަށްވެސް ޖެއްސޭ ފެންވަރަށެވެ. އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު ހުންނައިރު، ފުޅާ މިނުގައި 60 މީޓަރު ހުރެއެވެ.

މީގެކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭއަށް ފްލައިޓް ނުޖެއްސި މަތީގައި ގިނައިރުވަންދެން އުދުހެން ޖެހުމަކީ ރާއްޖެ އަންނަ އެއާލައިންތަކުގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މިކަމުގެ ސަބަބުން މަތިންދާ ބޯޓަށް އަޅާ ތެލަށް ކުރަންޖެހޭ ޚަރަދު އިތުރުވެއެވެ. އެއާޕޯޓް ބިޒީ ދުވަހެއްނަމަ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އަންނަ ފްލައިޓް ވަރަށް ގިނަ ފަހަރަށް ކޮލަމްބޯއަށް ޑައިވާޓްކުރަން ޖެހެއެވެ. އެކަންކަމަށް ދެން ނިމުމެއް އަންނާނެއެވެ.

މިއަދު އާ ރަންވޭ ބޭނުންކުރަން ފެށުމާއެކު ފްލައިޓް ޖެއްސުމުގައި ކުރިން ހޭދަވާ ވަގުތު ހަތް މިނެޓުން ތިން މިނެޓަށް ކުރުވެގެންދާނެއެވެ. ކުރިން ގަޑިއަކު 16 ފްލައިޓު ޖެއްސޭއިރު، އާ ރަންވޭ ބޭނުންކުރަން ފެށުމާއެކު ގަޑިއަކު 32 ފްލައިޓް ޖެއްސުމުގެ ގާބިލުކަން ލިބޭނެއެވެ.

ދަގަނޑު ފިލާ އަޅާފައި އޮތްއިރު ލަންކާއިން ރާއްޖެ ވަޑައިގަތުމުގެ ނަސީބު ލިބުނު އެމްޔޫ މަނިކް މިއަދު އެ ހުންނެވީ ވަރަށް އުފަލުންނެވެ. ޒަމާނީ ބޮޑެތި ބަދަލުތަކެއް އެއާޕޯޓަށް ގެނެވުނީތީއެވެ.

comment ކޮމެންޓް