ކަންފަތުގައި ޖަހާލާފައިވާ ހެޑްފޯނުން އިވެމުންދަނީ 1990ގެ އަހަރުތަކުގެ މަޝްހޫރު ހިންދީ ލަވައެކެވެ. އެ ލަވައިގެ ރާގާއެކު، ޒުވާން ދުވަސްވަރުގެ ހަނދާންތައް އާވެގެންދެއެވެ. ބޮލީވުޑްގެ ރަން ޒަމާނުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ އެ ދުވަސްވަރުގެ އެންމެ މަގުބޫލު އެއް އަޑަކީ ކުމާރު ސާނޫއެވެ.
އެތައް ބައެއްގެ ހަނދާންތަކާ ގުޅިފައިވާ އެ އަޑު، ލައިވްކޮށް އަޑުއަހާލުމުގެ ފުރުސަތު ދިވެހިންނަށް މިހާރު މިވަނީ ފަހިވެފައެވެ. އަންނަ ޑިސެންބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި އޮންނަ "ކުމާރު ސާނޫސް ޖުނޫން ލައިވް އިން ކޮންސެޓް މޯލްޑިވްސް" އަކީ އޭނާ ރާއްޖޭގައި ލަވަކިޔާ ފުރަތަމަ ފަހަރެވެ.
ބްރޭންޑް ޖުނޫންގެ ފައުންޑަރ އަދި ޑިރެކްޓަރ ސައްޔިދު އަދުނާން ހުސައިން "ސަން" އަށް ވިދާޅުވި ގޮތުގައި، މިއީ ހަމައެކަނި އާދައިގެ ކޮންސެޓެއް ނޫނެވެ. މިއީ 90ގެ އަހަރުތަކުގެ ހަނދާންތަކާއި ފެންވަރު ރަނގަޅު ލައިވް ޕްރޮޑަކްޝަނެއް އެއްކޮށްލައިގެން ބާއްވާ ތާރީހީ މިއުޒިކީ ހަރަކާތެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ކުމާރު ސާނޫގެ ލަވަތަކަކީ ސީދާ އިހުސާސްތަކާ ގުޅިފައިވާ ލަވަތަކެއް ކަމަށާއި، "ތުޖޭ ދޭކާ ތޯ" ނުވަތަ "އޭކް ލަޅްކީ ކޯ ދޭކާ" ފަދަ ލަވަތަކުން މީހުންގެ މާޒީގެ އުފާވެރި ހަނދާންތަކަށް ގެންގޮސްދޭ ކަމަށް ސައްޔިދު ވިދާޅުވިއެވެ.
އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގައި މިއުޒިކާއި ފިލްމަކީ މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ދިވެހިންގެ އާއިލީ ބައްދަލުވުންތަކާއި ކައިވެނި ޕާޓީތަކުގައިވެސް ބޮލީވުޑްގެ ލަވަތައް އާންމުކޮށް ކިޔައި އުޅެއެވެ. އެހެންކަމުން، ކުމާރު ސާނޫ ފަދަ ފަންނާނަކު ރާއްޖެ އައުމަކީ ދެ ގައުމުގެ ސަގާފީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއް ކަމަށް އެލެފް އެންޓަޓެއިންމަންޓުން ދެކެއެވެ.
ނަވާރަސަތޭކަ ނުވަދިހަ ވަނަ އަހަރު ނުކުތް ފިލްމު "އާޝިގީ"ގެ ލަވަތަކުން މަޝްހޫރުކަން ހޯދި ކުމާރު ސާނޫ ވަނީ ބޮލީވުޑްގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭނާ ވަނީ 1991 އިން 1995 އަށް ވިދިވިދިގެން ފަސް އަހަރު ފިލްމްފެއަރ އެވޯޑުގެ އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާގެ މަގާމު ހޯދާފައެވެ. އަދި 1993 ވަނަ އަހަރު އެއް ދުވަހެއްގެ ތެރޭގައި 28 ލަވަ ރެކޯޑުކޮށްގެން ގިނިސް ވޯލްޑް ރެކޯޑުން ޖާގަ ހޯދިއިރު، 2009 ވަނަ އަހަރު އިންޑިއާ ސަރުކާރުން ވަނީ އޭނާއަށް ޕަދްމާ ޝްރީ އެވޯޑު ދީފައެވެ.
މި ޝޯއާ ގުޅޭގޮތުން ސައްޔިދު އިތުރަށް ވިދާޅުވީ، ކުމާރު ސާނޫ ފަދަ ފަންނާނަކު ރާއްޖެ ގެންނައިރު މިއީ އާދައިގެ ކޮންސެޓަކަށް ވުރެ ފުރިހަމަ ތަޖުރިބާއަކަށް ހަދަން ބޭނުންވާ ކަމަށެވެ. އެގޮތުން، ބޮޑެތި އެލްއީޑީ ސްކްރީންތަކާއި، ފެންވަރު ރަނގަޅު ލައިޓިން އަދި ސައުންޑް ސިސްޓަމްތަކާއެކު މުޅި ޕާކު ބޮޑު އެރީނާއަކަށް ބަދަލުކޮށްލާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ލައިވް އޯކެސްޓްރާ ބޭންޑަކާއެކު ކުމާރު ސާނޫ ލަވަކިޔާއިރު، ކޮންމެ ލަވައެއްގެ އިހުސާސާ ގުޅޭގޮތަށް ސްޓޭޖުގެ މަންޒަރުތައް ބަދަލުވެގެންދާނެއެވެ.

ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި މިފަދަ ބޮޑު ކޮންސެޓެއް ބޭއްވުމަކީ ގޮންޖެހުންތަކެއް ހުރި ކަމެކެވެ. ބޭރުގެ ފަންނާނުންނާއި، ބޭންޑުގެ އިތުރުން ސައުންޑް އަދި ލައިޓިން ސާމާނު ރާއްޖެ ގެނެސް އެއްތަނުން އަނެއް ތަނަށް އުފުލުމުގައި ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. ނަމަވެސް، ރާއްޖޭގެ ޕާޓްނަރުންނާ ގުޅިގެން މި ހުރިހާ ކަމެއް ފުރިހަމައަށް ރާވާފައިވާ ކަމަށް ސައްޔިދު ފާހަގަކުރެއްވިއެވެ. އަދި މިއީ ރާއްޖެއަކީ ބައިނަލްއަގުވާމީ މިއުޒިކް އިވެންޓްތައް ބާއްވާ މަންޒިލަކަށް ހެދުމަށް ލިބޭ ފުރުސަތެއް ކަމަށްވެސް އޭނާ ދެކެވަޑައިގަންނަވައެވެ.
މި ކޮންސެޓުގައި ވީއައިޕީ މެހެމާނުންނަށް ހާއްސަ ކަންތައްތަކެއް ވަނީ ރާވާފައެވެ. ރެޑް ކާޕެޓް މަރުހަބާއަކާއި، ކުރީ ސަފުގެ ގޮނޑިތަކުގެ އިތުރުން ކުމާރު ސާނޫއާ ބައްދަލުކޮށް ފޮޓޯ ނެގުމުގެ ފުރުސަތު ބައެއް ފަރާތްތަކަށް ލިބޭނެއެވެ. މީގެ އިތުރުން، އާންމުންނަށް ހާއްސަ ފޭން ޒޯންތަކާއި ބޮލީވުޑް ތީމްގެ ފޮޓޯ ބޫތުތައްވެސް ހުންނާނެއެވެ.
ޑިސެންބަރު ހަތަރު ވަނަ ދުވަހުގެ ރޭ 8:00 ގައި ފަށާ މި ކޮންސެޓުގެ ޓިކެޓް މިހާރު އޮންލައިންކޮށް ގަންނަން ލިބެން ހުރިއިރު، ވީއައިޕީ އަދި އާންމު ޓިކެޓްތައްވެސް ވިއްކަމުންދެއެވެ. މި އިވެންޓުގެ ރަސްމީ މީޑިއާ ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.