ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ބޭނުންކުރަން ފަށައިފި

ވީއައިއޭގެ އާ ރަންވޭއަށް ޖެއްސި ބޯޓަށް ވޯޓާ ސެލިއުޓް ދެނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރި އާ ރަންވޭ ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފަށައިފިއެވެ.

އާ ރަންވޭ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. އެ ރަންވޭ ބޭނުންކުރަން ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ޖައްސާފައި ވަނީ އެމިރޭޓްސްގެ ބޯޓެކެވެ. އެ ބޯޓު އައިސްފައިވަނީ ދުބާއީންނެވެ.

އެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމުގެ އިތުރުން، ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމާއި އެމްއޭސީއެލްގެ އިސްވެރިންނާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާން ލީޝިން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

އާ ރަންވޭ ރަސްމީކޮށް މިއަދު ބޭނުންކުރަން ފަށާފައިވަނީ މިހާތަނަށް ބޭނުންކުރަމުން އައި ރަންވޭ ބަންދު ކުރުމަށްފަހުއެވެ.

ވީއައިއޭގެ އާ ރަންވޭ ހުޅުވުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ތަރައްގީކުރި އާ ރަންވޭ އެޅުމުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ބީޔޫސީޖީ ކުންފުނިންނެވެ. ރަންވޭ އެޅުމުގެ މަސައްކަތް 2017 ވަނަ އަހަރު ފެށިއިރު، 2018 ވަނަ އަހަރު ރަންވޭގެ މަސައްކަތް ނިންމައި އެ އަހަރުގެ ސެޕްޓެމްބަރުމަހުގެ 18 ވަނަ ދުވަހު ވަނީ ޓެސްޓް ފްލައިޓް ޖައްސާފައެވެ.

އާ ރަންވޭ ތަރައްގީކުރުމުގެ މަޝްރޫއަށް ގާތްގަނޑަކަށް 373 މިލިއަން ޑޮލަރު ނުވަތަ 5.7 ބިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، މި ރަންވޭ ތަރައްގީކޮށްފައިވަނީ އެއާބަސް މަރުކާގެ އެންމެ ބޮޑެތި A380 ބޯޓަށްވެސް ޖެއްސޭ ފެންވަރަށެވެ. އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު ހުންނައިރު، ފުޅާ މިނުގައި 60 މީޓަރު ހުރެއެވެ.

މީގެކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭއަށް ފްލައިޓް ނުޖެއްސި މަތީގައި ގިނައިރުވަންދެން އުދުހެން ޖެހުމަކީ ރާއްޖެ އަންނަ އެއާލައިންތަކުގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މިކަމުގެ ސަބަބުން މަތިންދާ ބޯޓަށް އަޅާ ތެލަށް ކުރަންޖެހޭ ޚަރަދު އިތުރުވެއެވެ. އެއާޕޯޓް ބިޒީ ދުވަހެއްނަމަ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އަންނަ ފްލައިޓް ވަރަށް ގިނަ ފަހަރަށް ކޮލަމްބޯއަށް ޑައިވާޓްކުރަން ޖެހެއެވެ.

ވީއައިއޭގެ އާ ރަންވޭއަށް ފުރަތަމަ ޖެއްސީ އެމިރޭޓްސްގެ ބޯޓެއް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މިއަދު އާ ރަންވޭ ބޭނުންކުރަން ފެށުމާއެކު ފްލައިޓް ޖެއްސުމުގައި ކުރިން ހޭދަވާ ވަގުތު ހަތް މިނެޓުން ދެ މިނެޓަށް ކުރުވެގެންދާނެއެވެ. ކުރިން ގަޑިއަކު 16 ފްލައިޓު ޖެއްސޭއިރު، އާ ރަންވޭ ބޭނުންކުރަން ފެށުމާއެކު ގަޑިއަކު 32 ފްލައިޓް ޖެއްސުމުގެ ގާބިލުކަން ލިބޭނެއެވެ.

މިއަދު އާ ރަންވޭ ރަސްމީކޮށް ބޭނުންކުރަން ފެށުމަށްޓަކައި ރޭ މެންދަމު 12 އިން ފެށިގެން ކުރީގެ ރަންވޭ ވަނީ ބޭނުންކުރުން ހުއްޓާލާފައެވެ. ކުރީގެ ރަންވޭއަށް އެންމެފަހުން ޖައްސާފައިވަނީ ޓާކިޝް އެއާލައިނުގެ ބޯޓެކެވެ. ކުރީގެ ރަންވޭ ބޭނުންކުރުން ހުއްޓާލާފައިމިވަނީ އެ ރަންވޭ ބޭނުންކުރާތާ ގާތްގަނޑަކަށް 60 އަހަރު ފަހުންނެވެ.

ކުރީގެ ރަންވޭ އެންމެ ފުރަތަމަ އަޅާފައިވަނީ 1966 ވަނަ އަހަރު ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައެވެ. ދިވެހީންގެ މަސައްކަތުން އޭރު ރަންވޭ ހަދާފައިވަނީ ދަގަނޑުފިލާ ބޭނުންކޮށްގެންނެވެ. ނަމަވެސް ފަހުން މި ރަންވޭއަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މިހާރު ފެންނަގޮތަށް ތާރު އަޅައިގެން ރަންވޭ ތަރައްގީކޮށްފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ.

comment ކޮމެންޓް