އެވެޓާގެ ދެވަނަ ބައި ވަރަށް އިމޯޝަނަލް ވާނެ: ކެމެރަން

އެތައް އަހަރެއް ވަންދެއް ފޭނުން އިންތިޒާރު ކުރަމުން އަންނަ "އެވެޓާ"ގެ ދެވަނަ ބަޔަކީ ފުރަތަމަ ބަޔާ އަޅާ ބަލާއިރު ވަރަށް ބޮޑަށް ވެސް "އިމޯޝަނަލް" ފިލްމަކަށް ވާނެ ކަމަށް ފިލްމުގެ ޑައިރެކްޓަރު ޖޭމްސް ކެމެރަން ބުނެފިއެވެ.

ޖޭމްސް ކެމެރަން އުފައްދައި 2009 ވަނަ އަހަރު ނެރުނު ފިލްމު "އެވެޓާ" އަކީ މިހާތަނަށް އުފެއްދި އެންމެ ބޮޑު ފިލްމެވެ. މިހާތަނަށް އުފެއްދި އެއްވެސް ފިލްމަކަށް އެ ފިލްމުގެ އާމްދަނީ ވައްޓައި ލެވިފައި ނުވާ އެވެޓާގެ ދެވަނަ ބައެއް ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅެވެ.

އެއާއެކު ފޭނުންގެ ކެތްތެރިކަން ކޮޅުންލައި ފިލްމުން ފެންނާނެ ކަންތައްތަކާ މެދު އަންނަނީ ސުވާލު އުފައްދަމުންނެވެ. އެކަމާ ގުޅިގެން ކެމެރަން ބުނެފައިވަނީ މިއަހަރު ނެރޭ އެވެޓާ ފިލްމު، "އެވެޓާ: ވޭ އޮފް ވޯޓާ" އަކީ ވަރަށް އިމޯޝަނަލް ފިލްމަކަށް ވާނެ ފިލްމެއް ކަމަށެވެ.

އަދި ހަމަ ގައިމުން ވެސް ބެލުންތެރިން ފިލްމު ބެލުމަށްފަހު ގެއަށް ދާނީ ރުއިމަށް ފަހުގައި ކަމަށް ކެމެރަން ވަނީ ޔަގީންކޮށްދީފައެވެ.

އެވެޓާގެ ދެވަނަ ބައިން ވެސް ފިލްމުގެ ފުރަތަމަ ބައިން ފެނުނު އެކްޓަރުން ފެންނާނެއެވެ. އޭގެތެރޭގައި ސޭމް ވޯތިންޓަން އާއި ޒޯއީ ސެލްޑާނާގެ އިތުރުން ސިގުނީ ވީވާ އާއި ކޭޓް ވިންސްލޭ އަދި ސްޓެފެން ލޭންގް ހިމެނެއެވެ.

އެވެޓާގެ އެންމެ އިންތިޒާރުކުރާ ދެވަނަ ބައި ނެރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޑިސެމްބަރު 16 ގައެވެ.

comment ކޮމެންޓް