ޔޫއެސް ކޯސްޓުގާޑުގެ އެންމެ ބޮޑު އެއް ބޯޓު ރާއްޖޭގައި

ޔޫއެސް ކޯސްޓުގާޑުގެ ކަޓާ މިޖެޓް ރާއްޖެއަށް ކުރި ޒިޔާރަތުގެ ތެރެއިން --- ސަން ފޮޓޯ/ ނާއިލް ހުސައިން

ޔޫއެސް ކޯސްޓުގާޑުގެ އެންމެ ބޮޑު އެއް ބޯޓުކަމަށްވާ "މިޖެޓް" ރާއްޖެއަށް އިއްޔެ އަތުވެއްޖެއެވެ.

މި ދަތުރުގައި، ޑިފެންސް މިނިސްޓްރީއާއި، އެމްއެންޑީއެފް އަދި ދިވެހި ކޯސްޓުގާޑާ ގުޅުން ބަދަހިކުރުމަށް އެކި ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ޔޫއެސް ކޯސްޓްގާޑުން ބުންޏެވެ.

މާދަމާ ފުރުމަށް ހަމަޖެހިފައިވާ ކަޓާ ބޯޓު މިއަދު ވަނީ ދިވެހި ނޫސްވެރިންނަށް ދައްކާލާފައެވެ. ސާޗް އެންޑް ރެސްކިއު މިޝަންތަކުގައި ބޭނުން ކުރާ އެންމެ ފަހުގެ ވަސީލަތްތަކާއެކު 2019ވަނަ އަހަރު ބޭނުންކުރަން ފެށި މި ބޯޓަކީ 2009 ވަނަ އަހަރު ރާއްޖެއަށް ޔޫއެސް ކޯސްޓުގާޑުގެ ބޯޓެއް އައިފަހުން، މިފަދަ އުޅަނދެއް ރާއްޖެ އައި ފުރަތަމަ ފަހަރެވެ.

ޔޫއެސް ކޯސްޓުގާޑުގެ ކަޓާ މިޖެޓް ރާއްޖެއަށް ކުރި ޒިޔާރަތުގެ ތެރެއިން --- ސަން ފޮޓޯ/ ނާއިލް ހުސައިން

މިޖެޓްގެ ކޮމާންޑިން އޮފިސަރު، ކެޕްޓަން ވިލީ ކާމައިކަލް ވިދާޅުވީ މި ދަތުރުގެ ތެރެއިން، ރާއްޖޭގެ ކޯސްޓުގާޑާއެކު ގާތް ގުޅުމެއް ގާއިމު ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އެމްއެންޑީއެފާއި ރާއްޖޭގެ ކޯސްޓުގާޑު ވަރަށް ޕްރޮފެޝަނަލް. އަޅުގަނޑުމެން ދެބައިމީހުން ވަރަށް ގުޅޭ. އަޅުގަނޑުމެން މި ދަތުރު ނިންމާލާނީ ވަރަށް ވަރުގަދަ ގުޅުމަކާއެކު،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީގެ ޗާޖް ޑި އެފެއާޒް އޯންޑްރެއާ އަޕެލް ވިދާޅުވީ މިއީ ރާއްޖެއާ އެ ގައުމާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރު ހަރުފަތަކަށް ދިޔުން ކަމަށެވެ.

ޔޫއެސް ކޯސްޓުގާޑުގެ ކަޓާ މިޖެޓް ރާއްޖެއަށް ކުރި ޒިޔާރަތުގެ ތެރެއިން, ޔޫއެސް އެމްބަސީގެ ޗާޖް ޑި އެފެއާސް އޯންޑްރިއާ އަޕެލް ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ ނާއިލް ހުސައިން

"މިފަދަ ހަރަކާތްތަކުން އަޅުގަނޑުމެންނަށް އެބަ ފުރުސަތު ލިބޭ އަޅުގަނޑުމެންގެ ދުނިޔެއާއި، ކަނޑުތަކުގެ ރައްކާތެރިކަން ފަދަ ފުޅާ މައުލޫތަކަށް ވާހަކަ ދެއްކުމުގެ ފުރުސަތު،" އޭނާ ވިދާޅުވިއެވެ.

ޔޫއެސް ކޯސްޓުގާޑުގެ ލެޖެންޑް-ކްލާސް ކަޓާ އުޅަނދުތަކުގެ ތެރޭގައި ހިމެނޭ މިޖެޓަކީ 418 ފޫޓު ދިގު، 54 ފޫޓު ފުޅާ އުޅަނދެކެވެ. ގަޑިއަކު 28 ނައުޓިކަލް މޭލުގެ ބާރުމިނުގައި ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ މި އުޅަނދުގައި ސާވެއިލަންސް ޑްރޯންގެ އިތުރުން، ރެސްކިއުއަށް ބޭނުންކުރާ ޚާއްސަ އުޅަނދުތައް ހިމެނެއެވެ.

comment ކޮމެންޓް