ފުލުހަކަށް ހަމަލަދީ ދަރިފުޅަށް އަނިޔާކުރި ބައްޕަ ހައްޔަރުކޮށްފި

އއ. ތޮއްޑޫ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އއ. ތޮއްޑޫގައި ފުލުހަކަށް ހަމަލާދީ, ދަރިފުޅަށް ވެސް އަނިޔާކުރި ބައްޕައަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ 37އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ، ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އަންހެނަކަށް ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ކޯޓުން ނެރެފައިވަތީ އެ އަންހެން މީހާ ދިރިއުޅެމުންދާ ގެއިން ފިރިހެން މީހާ ނިކުތުމަށް އެންގުމުން އެކަމަށް އޭނާ އިންކާރުކޮށް، ކުޑަކުއްޖަކަށް އަނިޔާކޮށްފައިކަމުގެ މައްސަލައެއް ރޭ ދަންވަރު 02:00ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ރަށުން "ސަން"އާ ވާހަކަދެއްކި މީހަކު ބުނީ ފިރިހެން މީހާ ހަމަލާ ދީފައިވަނީ އޭނާގެ 18އަހަރު ނުފުރޭ ކުޑަ ފިރިހެން ދަރިފުޅަށް ކަމަށެވެ.

"އެގޭގަ އުޅޭނީ އެ ދެމެފިރިންނާއި އެ މީހުންގެ ކުޑަ ދެ ކުދިން،" އެމީހާ ބުންޏެވެ.

ހަމައެއާއެކު، ހަމަލާދީފައިވަނީ ތޮއްޑޫ އަންހެނަކާއި އިނދެގެން އެ ރަށުގައި ދިރިއުޅެމުން އަންނަ އައްޑޫ މީހެއް ކަމަށް މި ނޫހާ ވާހަކަ ދައްކަމުން އެރަށު މީހާ ބުންޏެވެ.

އެ މައުލޫމާތު ލިބިގެން ފުލުހުން އެގެއަށް ދިއުމުން އެ ފިރިހެން މީހާ ވަނީ ފުލުހުންނަށް ވެސް ހަމަލާދީ މާރާމާރީ ހިންގައި އިންޒާރު ދީފައިކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މާރާމާރީގެ ސަބަބުން ފުލުހަކަށް އަނިޔާވެފައިވާ ކަމަށެވެ.

އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް