މިއަހަރުގެ ރޯދަ މަހަށް އއ. ތޮއްޑޫ ދަރިވަރުންވެސް ބާޒާރަށް ކަރާ ނެރޭނެ ކަމަށް އެ ރަށު ސުކޫލުން މިއަދު ބުނެފިއެވެ.
މިކަމާ ގުޅޭގޮތުން ސަން އަށް މައުލުމާތު ދެއްވަމުން ތޮއްޑޫ ސްކޫލުގެ ސީނިއާ ލީޑިން ޓީޗަރު އަދި އެންވަޔަރަމެންޓް ކުލަބު (ގްރީން ވޭވް) ގެ އިންޗާޖު އަލީ ކަލީމް ވިދާޅުވީ، މި މަސައްކަތަކީ، ތޮއްޑޫ އަކީ ކަރާ ހެއްދުމުގައި މަޝްހޫރު ރަށަކަށް ވެފައިވާތީ، ކުދިންނަށް މި މަސައްކަތް ކުރާ ގޮތް ދައްކާލުމަށްޓަކައި ފެށި މަސައްކަތެއް ކަމަށެވެ.
ކަރާގެ އިތުރުން އެ ރަށު ސްކޫލުން އަންނަނީ ކިއުކަންބާވެސް ރޯދަމަހު މާކެޓަށް ނެރުމަށް ހައްދަމުންނެވެ.
އޭނާ ވިދާޅުވީ މި ފަހަރު މި މަސައްކަތް ފެށުނީ ތަންކޮޅެއް ކުޑަ ކޮށް ކަމަށެވެ.
"އަޅުގަނޑުމެނެނަށް މި ފަހަރު ތަންކޮޅެއް ކުޑަކޮށް މި މަސައްކަތް ފެށިފަ މިއޮތީ. 10 ވަޅު ކަރާ މި ޖެހުނީ. ދެން ކިއުކަންބާ އެންމެ ފައްޗެއް. އެހެން ވީމަ މިރަށުގެ ނިސްބަތަށް ބަލާފަ ކުޑަ އަދަދެއް އަނެއްހެން ބަލާއިރު،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ތޮއްޑޫ ދަނޑުވެރިން ރޯދަޔަށް ކަރާ ހައްދަން ފެށި ދުވަހު ސްކޫލުގައި ވެސް ކަރާ ހެއްދުމުގެ މަސައްކަތް ފެށި ކަމަށެވެ. އެގޮތުން އެ މަސައްކަތް ސްކޫލުގެ ގޯތިތެރޭގައި މިދިޔަ މަހުގެ 10 ވަނަ ދުވަހު ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.
އިތުރަށް އޭނާ ވިދާޅުވީ ކަރާ އަދި ކިއުކަންބާ ހެއްދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނީ ގްރީން ވޭވްގެ ދަރިވަރުން ކަމަށެވެ. ދަރިވަރުން އެ މަސައްކަތް ކުރަނީ އާއްމުކޮށް ހަވީރު ކަމަށް ވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިކަމަށް ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުންވެސް އެއްބާރުލުން ލިބޭ ކަމަށެވެ.
"ޕޭރެންޓުންގެ ސައިޑުން ވަރަށް ޕޮސިޓިވް ކޮށް އަޅުގަނޑުމެންނަށް ފެންނަނީ. ދަރިވަރުންވެސް ވަރަށް އިންޓްރެސްޓު ހުރޭ މިކަމަށް" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ބައެއް ކުދިން، އަމިއްލައަށް ވެސް ދަނޑު ބަލައިލަން އަންނަ ކަމަށެވެ. އަދި ކަރާތަކަށާއި ކިއުކަންބާ ތަކަށް އަންނަ ބަދަލުތައް ބައެއް ކުދިން ނޯޓު ކުރާ ކަން ވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
އަލީ ވިދާޅުވީ އެ ސްކޫލުގެ އަމާޒަކީ ބާޒާރަށް 200 ކިލޯ ކަރާ ނެރުން ކަމަށެވެ. އަދި ކިއުކަންބާގެ ވެސް 30 ކިލޯ ވަރު ބާޒާރަށް ނެރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ދެން މީތި ވިއްކަން އަޅުގަނޑުމެން ވިސްނައިފަ އޮތީ ހަމަ ކަރާ ދޮންވީމަ، ހަމަ ކިއުކަންބާ ވެސް އެޅީމަ އެ އެއްޗެހި ކަނޑައިފައި ސްކޫލުގެ ވަކި ސަރަހައްދެއްގައި ފޮތި ކޮށްގެން ވިއްކާ ގޮތަށް،" އޭނާ ވިދާޅުވިއެވެ.
އަދި މި ތަކެތި ވިއްކައިގެން ލިބޭ ފައިސާ ޖަމާކުރާނީ ދަރިވަރުންގެ ފަންޑަށް ކަމަށާއި އެ ފައިސާ ބޭނުންކުރާނީ ދަރިވަރުންގެ އެކި ހަރާކާތްތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވަނީ ދަނޑު ހެއްދުމުގައި އެ ސްކޫލުގެ ސަޕޯޓިން ސްޓާފް އާދަމް އަލީ ވެދެއްވާ އެހީތެރިކަމަށް ޝުކުރުއަދާ ކުރައްވައިފައެވެ.
ތޮއްޑޫއަކީ މުޅި ރާއްޖޭގައިވެސް ކަރާ ހެއްދުމުގައި ނަން މަޝްހޫރުވެފައިވާ ރަށެކެވެ. ކޮންމެ ރޯދަމަހަކުވެސް އެ ރަށުން އެތައް ސަތޭކަ ކިލޯއެއްގެ ކަރާ ވިއްކަން ބާޒާރަށް ނެރެއެވެ. އެރަށު ސްކޫލުގައި މި ފެށި ދަނޑު ހެއްދުމުގެ މަސައްކަތަކީ މުޅިން އަލަށް އެ ރަށް ސުކޫލުގައި ފެށި މަސައްކަތެކެވެ.