ރޯދަމަސް ފެށުމަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، ރޯދަމަހު އެންމެ ޑިމާންޑު ބޮޑު އެއް މޭވާކަމަށްވާ ކަރާ، މި ހަފުތާގެ ފަހުކޮޅު މާލޭ ބާޒަރަށް ނެރެވޭނެ ކަމަށް، ކަރާ ހެއްދުމުގައި ނަަން މަޝްހޫރު އއ. ތޮއްޑޫގެ ކައުންސިލުން މިއަދު ބުނެފިއެވެ.
ތޮއްޑޫ ކައުންސިލްގެ ރައީސް އަހްމަދު ކަރަމް މިއަދު "ސަން"އަށް ވިދާޅުވީ މޫސުން ރަނގަޅު ދުވަސް ވަރަކަށްވާތީ އެހެން އަހަރުތަކޭ އެއްދައިން މި އަހަރު ވެސް ގިނަ އަދަދަކަށް ކަރާ ނެރެވޭނެ ކަމަށެވެ. އަދި އުންމީދަކީ މިދިޔަ އަހަރަށްވުރެ ގިނައިން މި އަހަރު ބާޒާރަށް ކަރާ ނެރުންކަމަށް ވިދާޅުވިއެވެ.
"މިދިޔަ އަހަރަށްވުރެ ރަނގަޅުވާނެ ކަމަށް އަޅުގަނޑުމެން އުންމީދުކުރަނީ. މޫސުން ވަރަށް ރަނގަޅުކޮށް މި ދިޔައީ،" އޭނާ ވިދާޅުވިއެވެ.
އެއާއެކު، އޭނާ ވިދާޅުވީ އެ ރަށުން ރޯދަ މަހަށް ޚާއްސަކޮށް ކަރާ ހެއްދުމަށް ދޫކުރި ބިންތަކުގައި ހުރި ކަރާ ދަނޑުތަކުގައި ހެއްދި ކަރާތައް ދޮންވެފައިވާ ކަމަށާއި މި ހަފުތާގެ ފަހުކޮޅު މާލެއަށް ކާރާ ގެނެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ރޯދަމަސް ނިމެންދެން އެ ރަށުން ބާޒާރަށް ކަރާ ސަޕްލައިކުރެވޭނެ ކަމަށެވެ. އެގޮތުން މި ފަހަރު ގާތްގަނޑަކަށް 500-450 ޓަނުގެ އަދަދަކަށް ކަރާ މާލެ ގެނެވޭނެ ކަމަށް ލަފާކުރެވޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ބާޒާރުގައި ބޭރު ގައުމުތަކުން ގެންނަ ކަރާ ވިއްކާތީ އަގުތަކަަށް ބަދަލު އައުން އެކަށީގެންވާ ކަމަށާއި އަގުތައް ބަރޯސާވަނީ އެ އިރެއްގައި އެންމެ ގިނައިން ހުންނަ ބާވަތުގެ ކަރައަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"ރާއްޖޭން ބޭރުން ކަރާތަކެއް ގެނެސްފައި ވެސް ހުރެދާނެ. އެހެން ރަށްރަށުން ވެސް ހުރެދާނެ ހަމަ ބާޒާރަށް ކަރާ ގެނެސްފައި. އެހެންވެ، އެ އިރެއްގައި މާކެޓުގައި އެންމެ ގިނައިން ހުރި އަދަދަކަށް [އަގު] ޑިޕެންޑު ވާނީ،" އޭނާ ފާހަގަކުރެއްވިއެވެ.
ތޮއްޑޫއަކީ މުޅި ރާއްޖޭގައި ވެސް ކަރާ ހެއްދުމުގައި ނަން މަޝްހޫރުވެފައިވާ ރަށެކެވެ. ކޮންމެ ރޯދަމަހަކު ވެސް އެ ރަށުން އެތައް ސަތޭކަ ޓަނެއްގެ ކަރާ ވިއްކަން ބާޒާރަށް ނެރެއެވެ.