ބައިނަލްއަގްވާމީ ބަންކަރިންގެ ހިދުމަތް މިއަހަރުގެ ތެރޭގައި އިހަވަންދިއްޕޮޅުގައި ފެށިގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެެ.
މެރިޓައިމް ސޭފްޓީ ވީކް ފެށުމުގެ ރަސްމިއްޔާތުގައި މިއަދު ނަހުލާ ވިދާޅުވީ އިހަވަންދިއްޕޮޅުގައި ތެޔޮ ސްޓޯރޭޖެއް ހަދައި ބަންކަރިން (އާގު ބޯޓްތަކަށް ތެޔޮ އެޅުމުގެ ހިދުމަތް ދިނުން) ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.
ނަހުލާ ވިދާޅުވީ ކޮވިޑަށް ފަހު ރާއްޖެ އަންނަ އާގުބޯޓު އިތުރުވެފައިވާ ކަމަށެވެ.
"އެކަމާ ގުޅިގެން ރާއްޖޭގެ ޝިޕިންގެ ދާއިރާއަށް ކުރާ ފައިދާ އަންނަނީ އިތުރުވަމުން،" އޭނާ ވިދާޅުވިއެވެ.
އުތުރުގައި ބަންކަރިންގެ ޚިދުމަތް ފަށުމަށާއި އެހެނިހެން ގޮތް ގޮތުން ކަނޑުދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ނަހުލާ ވިދާޅުވިއެވެ.
އެގޮތުން މި ސަރުކާރުން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމްތަކުގެ މަންފާ އެންމެ ރަނގަޅު ގޮތުގައި ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢިލް ވެސް ވަނީ މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން ޚިދުމަތް ފަށަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމާއި އުޅަނދުފަހަރާއި އިކުއިޕްމަންޓް ހޯދުމާއި ގާނޫނީ އޮނިގަނޑު އެކުލަވާލުމާއި އެހެނިހެން ތައްޔާރީތަކުގެ މަސައްކަތްތައް އެސްޓީއޯ އާއި ޓްރާންސްޕޯޓު މިނިސްޓްރީގެ އިތުރުން ކަމާ ގުޅޭ އެހެނިހެން އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ.
އިހަވަންދިއްޕޮޅަކީ ބޭރުގެ ގިނަ އަދަދެއްގެ އުޅަނދުތައް ދަތުރުކުރާ ސަރަހައްދެކެވެ. އެ ސަރަހައްދުގައި ކަނޑުއުޅަނދުފަހަރާ ގުޅުންހުރި ވިޔަފާރިތައް ހިންގޭ ގޮތަށް، ޒަމާނީ ބަނދަރެއް އަޅަން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ ސަރުކާރުން އިއުލާންކުރި ނަމަވެސް، އެ މަޝްރޫއު ހިންގިފައިނުވެއެވެ.