ހއ. އަތޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން ޚިދުމަތް ދޭން މަސައްކަތްކުރަނީ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢިލް -- ފޮޓޯ: އެންއީއޯސީ

މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން ޚިދުމަތް ފަށަން މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢިލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ކުރެއްވި ސުވާލަށް ލިޔުމުން ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމާއި، އުޅަނދުފަހަރާއި އިކުއިޕްމަންޓް ހޯދުމާއި، ގާނޫނީ އޮނިގަނޑު އެކުލަވާލުމާއި އެހެނިހެން ތައްޔާރީތަކުގެ މަސައްކަތްތައް އެސްޓީއޯ އާއި ޓްރާންސްޕޯޓު މިނިސްޓްރީގެ އިތުރުން ކަމާ ގުޅޭ އެހެނިހެން އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ތަރައްގީ ކުރެވެންދެން އެ ސަރަހައްދުން ދަތުރުކުރާ އާގުބޯޓުފަހަރަށް ދެވިދާނެ ޚިދުމަތްތައް ފާހަގަކޮށް ހއ. ހޯރަފުށި، ތުރާކުނު އަދި އުލިގަމު ކައުންސިލުން ހުށަހަޅާފައިވާ ގަރާރުގައިވާ ކަންކަން ވީ އެންމެ އަވަހަކަށް އެ ސަރަހައްދުގައި ފެށުމަށްޓަކައި އެ މިނިސްޓްރީގެ އިސްނެގުމަށް ކަމާ ގުޅޭ އިދާރާތައް ހިމެނޭ ގޮތަށް ވޯކިން ގްރޫޕެއް އެކުލަވާލައި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

"ވޯކިން ގްރޫޕުގައި ކުރެވުނު މަޝްވަރާތަކަށް ފަހު އިހަވަންދިއްޕޮޅުގައި އެންމެ އަވަހަށް ފެށިދާނެ ޚިދުމަތްތަކުގެ ތެރޭގައި ކްރޫ ޗޭންޖް ޚިދުމަތާއި ޝިޕް ސްޓޯ އަދި ސަޕްލައި ފޯރުކޮށްދިނުމުގެ ޚިދުމަތްވަނީ ފާހަގަކުރެވިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން އެ ކަންކަމަށް ބޭނުންވާ އިމާރާތާއި ވަސީލަތްތައް ގާއިމްކޮށް ވާންޖެހޭ އެހެނިހެން ތައްޔާރީތައް ވުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ޓްރާންސްޕޯޓު މިނިސްޓްރީގެ އިތުރުން ކަމާ ގުޅޭ އެހެނިހެން އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

އެ މިނިސްޓްރީގެ އަމާޒަކީ ލަސްވެގެން، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިހަވަންދިއްޕޮޅުގައި އެ ޚިދުމަތްތައް ތައާރަފް ކުރުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އިހަވަންދިއްޕޮޅަކީ ބޭރުގެ ގިނަ އަދަދެއްގެ އުޅަނދުތައް ދަތުރުކުރާ ސަރަހައްދެކެވެ. އެ ސަރަހައްދުގައި ކަނޑުއުޅަނދުފަހަރާ ގުޅުންހުރި ވިޔަފާރިތައް ހިންގޭ ގޮތަށް، ޒަމާނީ ބަނދަރެއް އަޅަން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ ސަރުކާރުން އިއުލާންކުރި ނަމަވެސް، އެ މަޝްރޫއު ހިންގިފައިނުވެއެވެ.

comment ކޮމެންޓް