މިހާރު އައިމެސެޖްތައް އެޑިޓްކޮށް އަންސެންޑް ކުރެވޭނެ

ޗެޓް ކުރުމާއި، މެސެޖް ކުރުމުގައި ފޯނުގެ ކީބޯޑަށް ފަރިތަ އަދި އަވަސްކަމާއެކު މެސެޖްތައް ޓައިޕްކޮށްލުމަށް ކުޅަދާނަ އެތައް ބަޔަކު މިހާރު ދިވެހީންގެ ތެރޭގައިވެސް ތިބިކަމީ އަހަރެމެން ޤަބޫލުކުރާ ހަޤީޤަތެކެވެ. ނަމަވެސް އަވަސް އަވަހަށް ޓައިޕްކޮށްލުމަށްފަހު ސެންޑްކޮށްލާ މެސެޖްގައި ބައެއް ފަހަރު މަދުންނަމަވެސް މިސްޓޭކް ހުރެއެވެ. އެފަދަ މެސެޖްތައް ސެންޑް ކޮށްލާ ފަހުން އެޑިޓް ކޮށްލެވޭނެ ފުރުޞަތު މިހާރުމިއޮތީ އައިފޯން ގެންގުޅޭ ފަރާތްތަކަށް ފަހިވެފައެވެ.

އަދި ހަމަ އެހެންމެ މެސެޖެއް ފޮނުވަންޖެހޭ އަސްލު ފަރާތްނޫން އެހެން ފަރާތަކަށް އޮޅިގެން ނަމަވެސް ފޮނުވޭ މެސެޖްތައް އަންސެންޑް ކޮށްލެވޭނެ ގޮތްވެސް މިހާރުވަނީ ހަދާފައެވެ.

އެޕަލް އިން ވަނީ އެ ކުންފުންޏަށް އެންމެ ގިނައިން ހުށަހަޅާފައިވާ ދެ ފީޗާއެއް ކަސްޓަމަރުންގެ އެދުމުގެ މަތިން މިހާރު ޙަޤީޤަތަކަށް ހަދާފައެވެ.

މި ހަފްތާގައި އެޕަލް އިން ނެރުނު އެންމެ ފަހުގެ އޮޕަރޭޓިން ސިސްޓަމް އައިއޯއެސް 16 އިން އައިމެސެޖެއް ފޮނުވުމަށްފަހު 15 މިނެޓުގެ ތެރޭގައި ފަސް ފަހަރު އެޑިޓްކުރެވޭއިރު، އަދި އެފަދަ މެސެޖްތައް ފޮނުވުމަށްފަހު ދެ މިނެޓް ތެރޭގައި ކޮންމެ މެސެޖެއްވެސް އަންސެންޑް ކުރެވޭނެއެވެ. ޔޫޒަރުން ހަމައެކަނި ކޮށްލަން ޖެހޭނެކަމަކީ ފޮނުވާފައިވާ މެސެޖަށް ޓެޕްކޮށް ކުޑައިރުކޮޅަކު ހިފަހައްޓައިލުމުން، ދެން އަންނަ ދެ އޮޕްޝަން "އެޑިޓް" ނުވަތަ "އަން ސެންޑް" ސެލެކްޓް ކޮށްލާށެވެ.

އެކަމަކު މި ޚިދުމަތް ބޭނުންކުރުމުގައިވެސް ސަމާލުކަން ދޭންޖެހޭ ބައެއް ކަންކަން އެބަހުއްޓެވެ. އެގޮތުން ފޮނުވާފައިވާ މެސެޖެއް އެޑިޓްކުރާނަމަ ނުވަތަ އަންސެންޑް ކޮށްލިނަމަވެސް އެ މެސެޖް ރިސީވްވި ފަރާތަށް އެލާޓް އެއް ދާނެއެވެ. އަދި ހަމައެއާއެކު މެސެޖް ފޮނުވާފަރާތަށް ލިބޭ އެއް އެޑްވާންޓޭޖަކީ މެސެޖް އެޑިޓް ކުރިނަމަވެސް މެސެޖު އަންސެންޑް ނުވަތަ އެޑިޓްކޮށްފައިވާ ކަމުގެ އެލާޓެއް ލިބުން ފިޔަވައި ވަކި ބަދަލެއް އެ މެސެޖަކުން ނުފެންނާނެއެވެ. މިސާލަކަށް ވައިބާ މެސެޖެއް އެޑިޓް ކޮށްލައިފިނަމަ ނުވަތަ ޑިލީޓް ކޮށްލިނަމަ އެކަން ޗެޓް ލޮގުން ފެންނާނެއެވެ.

އަނެއްކޮޅުން މިފީޗާއަކީ ހަމައެކަނި އައިމެސެޖްގައި ބޭނުންކުރެވޭ ފީޗާ އަކަށްވާއިރު މެސެޖް ފޮނުވާ ފަރާތާއި، މެސެޖް ލިބޭ ފަރާތުންވެސް ބޭނުންކުރަން މި ޖެހެނީ އައިއޯއެސް 16 އެވެ. މާނައަކީ ދެ ޔޫޒަރުން ކުރެ އެކަކު ނަމަވެސް އެންޑްރޮއިޑް ގެންގުޅޭނަމަ މި ފީޗާތައް ބޭނުން ނުކުރެވޭނެއެވެ.

މިފަދަ މުހިންމު ބޭނުންތެރި ފީޗާއެއް ތަޢާރަފްކޮށްފައިވާއިރު ޔޫޒަރުން އުންމީދުކުރާނީ އެ މެސެޖު އެޑިޓް ކުރުމުގެ ނުވަތަ އަންސެންޑް ކުރުމުގެ ކުރިން ލޮކް ސްކްރީނުން ލިބޭ އަސްލު މެސެޖުގެ ޕްރިވިއުއެއް ލިބުނު ފަރާތަށް ނުފެނުމަށެވެ. ކައިރި މުސްތަޤްބަލެއްގައި އެފަދަ އަޕްޑޭޓްސް ލިބޭނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

އެޕަލް އިން ފޭސްބުކް މެސެންޖާ، ވަޓްސްއެޕް އަދި ޖީމެއިލް ފަދަ ޕްލެޓްފޯމްތަކާ މިދާއިރާގައި ވާދަކުރަމުން ދާއިރު، އެ ޕްލެޓްފޯމްތަކުން މެސެޖުތައް ފޮނުވުމަށްފަހު އެޑިޓް ނުވަތަ ޑިލީޓް ކުރުމުގެ ފުރުސަތުތައް މީގެ މާކުރިން ވަނީ ފަހިކޮށްދީފައެވެ. އަދި ހަމަ އެހެންމެ ޓްވިޓާ އިން ދާދި ފަހުން ވަނީ ޓްވީޓްތައް އެޑިޓް ކުރުމުގެ ގާބިލްކަން ޓެސްޓް ކުރަމުންދާކަން އިއުލާންކޮށްފައެވެ.

"ޓްވިޓާ އާއި އެޕަލް އިން ވެސް މިހާރު މި ފީޗާ އެނެބަލް ކުރަމުން، މިއީ ގިނަ މޯބައިލް ޔޫޒަރުން މި ޕްލެޓްފޯމްތަކުން ޑިމާންޑް ކުރާ ޓްރެންޑެއްކަން ސާފު. މެސެޖިން ޕްލެޓްފޯމްތައް ބަދަލުކުރުމަށް އޮތް ހުރަސް ސުމަކާ ގާތްވުމުން، މުއްސަނދި އަދި ޔޫޒާ ފްރެންޑްލީ ފީޗާސްތައް ވެފައިވަނީ ވާދަވެރިކަމުގެ ގޮތުން މުހިންމު ފައިދާއަކަށް،" މާކެޓް ރިސާޗް ފަރުމާ އޭބީއައި ރިސާޗްގެ ރިސާޗް ޑިރެކްޓަރު ލިއަން ޖޭ ސޫ ވިދާޅުވިއެވެ.

އެއީ ވަރަށް ގިނަބަޔަކު އެދެމުންދިޔަ އަދި އިންތިޒާރު ކުރަމުންދިޔަ ރިކުއެސްޓްތަކެއް ނަމަވެސް، މެސެޖުތައް އެޑިޓްކުރުމާއި އަންސެންޑް ކުރުމުގެ ފުރުޞަތު އޮތުމަކީ ލިޔެފައިވާ ރެކޯޑް ނައްތާލުމުން ނުވަތަ ބަދަލުކޮށްގެން، ޚާއްސަކޮށް އާންމު ޕްލެޓްފޯމްތަކުގައި ހާމަކަން ބޮޑުކަމާއި ޖަވާބުދާރީވުމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެކެވެ. އެ މެސެޖު އެޑިޓް ކުރިކަން އެނގޭގޮތަށް އޮތުމުން އެޕަލް އަށް ކޮންމެވެސް ވަރެއްގެ ޤާނޫނީ ރައްކާތެރިކަމެއް ލިބުމުގެ މަގު ތަނަވަސް ވާނެކަމަށް އައިޑީސީގެ އެނަލިސްޓެއް ކަމަށްވާ ރެމޮން ލަމާސް ވިދާޅުވިއެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ނެރުނު އައިފޯން އަށެއްގެ ކޮންމެ އައިފޯން މޮޑެލްއަކަށް ވެސް އައިއޯއެސް 16 މިހާރު ލިބެން ހުރިއިރު، ފާހަގަކޮށްލެވޭ އައިމެސެޖްގެ އެހެން އާ ފީޗާތަކުގެ ތެރޭގައި ފަހުން ޖަވާބު ދިނުމަށް މެސެޖްތައް އަންރީޑްކޮށްފައި ބެހެއްޓުމާއި، އަދި ޑިލީޓްކޮށްފައިވާ މެސެޖުތައް 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ރިކަވާ ކުރުމުގެ އިޚްތިޔާރު ހިމެނެއެވެ.

comment ކޮމެންޓް