މިދިޔަ އާދިއްތަ ދުވަހު މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ، ފުލުހަކަށް މަރުގެ އިންޒާރު ދިން މައްސަލާގައި ހައްޔަރު ކުރި މީހާ ކްރިމިނަލް ކޯޓުން އިއްޔެ ދޫކޮށްލައިފިއެވެ.
ތުހުމަތު ކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އިއްޔެ ކޯޓަށް ގެންދިއުމުން ގާޒީ އޭނާ މިނިވަން ކުރީ ހައްޔަރު ކުރިއިރު އިޖުރާތްތައް ފުރިހަމަ ނުކުރާ ކަމަށް ނިންމައެވެ.
އެ ހާދިސާ ހިނގި ގޮތް މީގެ ކުރިން ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު ވަނީ ހާމަ ކުރައްވައިފައެެވެ. އޭނާ ވިދާޅުވީ މާފަންނުގައި ހަރަކާތްތެރިވާ ޖަމާއަތް ހަދައި ރާވައިގެން ކުށްކުރާ، ގުރޫޕަކަށް ނިސްބަތްވާ މީހަކު ވައްކަންކުރި ކަމުގެ ތުހުމަތަށް ހައްޔަރުކުރުމުން، އެ ގްރޫޕަށް ނިސްބަތްވާ މީހަކު މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ، ފުލުހަކަށް މަރުގެ އިންޒާރު ދިން ކަމަށެވެ.
އޭގެ ފަހުން އެ ގުރޫޕްގެ މީހުން ވަނީ އެ ޕޮލިސް ސްޓޭޝަން ސަރަހައްދަށް އެއްވެފައެވެ. އެހެންވެ އެ މައްސަލަ ވެސް ބަލާނެ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.
މިމަހުގެ ނުވަ ވަނަ ދުވަހު މަޖީދީ މަގު ޔޫރޯ ސްޓޯރު ކައިރިން ވެސް ފުލުހުންތަކަކަށް ވަނީ ހަމަލާދީފައެވެ. އެ ހަމަލާގައި އަނިޔާވި ފުލުސް މީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދީފައިވާއިރު، އެ ހާދިސާގައި އެހެން ތިން ފުލުހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވެއެވެ.
އެ މައްސަލާގެ ތުހުމަތުގައި ފުލުހުން ވަނީ ބަޔަކު ހައްޔަރުކޮށްފައެވެ. އެ މީހުންގެ ބަންދަށް ކޯޓުން ވަނީ މުއްދަތު ޖަހައިދީފައެވެ.