މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުން

"ޑީޕްފޭކްސް"ގެ ސަބަބުން ތެދު ހަޤީގަތް ރައްކާތެރި ކުރުމަށާއި، ޤާނޫނު ތަންފީޛު ކުރުމަށް ގޮންޖެހުންތައް އިތުރުވެގެން ދޭ -- ފޮޓޯ: ޔޫސީއެސްބީ

ނާޖާއިޛު ބޭނުމަކަށް ޚަބަރާއި، އޯޑިއޯ އާއި، ވީޑިއޯ އުފެއްދުމަށް "ޑީޕްފޭކް ޓެކްނޮލޮޖީ" ބޭނުން ކުރުމަކީ، އަނިޔާވެރިކަން ފެތުމަށް ނުވަތަ ސިޔާސީ ވެރިންނާއި، އަންހެނުން ބަދުނާމު ކުރުމަށް ވިޔަސް އެއީ ވަރަށް ބޮޑު ނުރައްކަލަކަށް ވެގެންދާނެ ކަމެކެވެ. މިފަދަ ވަސީލަތްތައް އިތުރުވެ، އެ ވަސީލަތްތަކުގެ އުފެއްދުންތަކަކީ ޙަޤީގަތެއް ކަމަށް އިންސާނުންނަށް ޤަބޫލުކުރެވިގެންދާ ވަރަކަށް، ދުނިޔެއާ ބެހޭގޮތުން އަޅުގަނޑުމެން ގަބޫލުކުރާ ކަންކަން ބައްޓަން ކުރާނީ ކިހިނެއް ހެއްޔެވެ؟ ޤާނޫނީ ދާއިރާގެ ޕްރޮފެސަރު ޑެނިއެލް ސިޓްރޮން ހާމަކުރައްވާ ގޮތުގައި "ޑީޕްފޭކްސް" ގެ ސަބަބުން ތެދު ހަޤީގަތް ރައްކާތެރި ކުރުމަށާއި، ޤާނޫނު ތަންފީޛު ކުރުމަށް ގޮންޖެހުންތައް އިތުރުވެގެން ދެއެވެ.

ރަނާ އައްޔޫބީ އަކީ، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އިންޑިޔާގައި މިވަގުތު ވެރިކަންކުރާ ހައްދު ފަހަނަޅާފައިވާ ސިޔާސީ ޕާޓީގެ ވެރިންގެ ފަސާދައާއި އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ ކުށްތައް ސިއްރުން ތަޙްޤީގުކޮށް ފާޅުކުރުމަށްޓަކައި، އޭނާގެ ޝަޚްޞް އޮޅުވައިގެން މަސައްކަތްކުރި ނޫސްވެރިއެކެވެ. މިކަމާއި ގުޅިގެން ރަނާ އައްޔޫބީގެ އަނގަ ބަންދު ކުރުމަށްޓަކައި، އޭނަޔާއި ގުޅޭ، 2 މިނިޓާއި 20 ސިކުންތުގެ ދޮގު ވީޑިއޯއެއް މީސް މީޑިއާގައި ފެތުރިއެވެ. 48 ގަޑިއިރުގެ ތެރޭގައި މި ވީޑިއޯ 40،000 ވަރަށްވުރެ ގިނަ މީހުން ޝެއަރކޮށް، ވައިރަލް ވުމުގެ ނަތީޖާއަކަށްވީ، އެތައް ހާސް ބަޔަކު އެއީ ހަޤީގަތެއްކަމަށް ޤަބޫލުކުމެވެ. މިފަދަ ސައިބާ-ބޮމް ހަމަލާއެއް މުސްލިމު އަންހެނަކަށް ކުރިމަތިވުމަކީ އޭގެ ގެއްލުން އިންތިހާއަށް ތަހައްމަލް ކުރަންޖެހޭނެ ކަމެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިފަދަ ފުރުޞަތުގެ ބޭނުން ނުބައި ގޮތުގައި ހިފައި އިތުރު ކުށްތައް ހިންގުމަކީ ނުވެ ނުދާނެ ކަމެކޭވެސް ދެންނެވިދާނެއެވެ.

މިފަދަ "ޑީޕްފޭކް" އާޓިފިޝިއަލް އިންޓެލިޖެންސާއި، މެޝިންގ-ލާނިންގ ޓެކްނޮލޮޖީގެ އެހީގައި، އެއީ އަޞްލެއް ކަމަށް އިންސާނުންނަށް ޤަބޫކުރުވޭ މިންވަރަށް އުފެއްދެއެވެ. ދިރާސާތަކުން އިނގޭ ގޮތުގައި މިދަފަ ޚަބަރު މީސް މީޑިއާގައި ފެތުރޭ މިންވަރު 10 ގުނަ އަވަހެވެ. އަދި މިފަދަ ކަންކަން ކުރާނެ ގޮތުގެ އިރުޝާދު ވަނީ މީޑިއާގައި ފެތުރި ޢާއްމު ވެފައެވެ. ރަސޫލާ ޙަދީޘް ކުރައްވާ ގޮތުގައި ދުނިޔެ ޤިޔާމަތްވުމުގެ ޢަލާމާތުގެ ތެރޭގައި؛ ދޮގުވެރިން ގިނަވުމާއި، ދޮގުވެރިޔާ ގަބޫލުކޮށް، ތެދުވެރި މީހާއަށް އިންކާރުކޮށް، ޚިޔާނާތްތެރިޔާއަށް އިތުބާރުކޮށް، އިތުބާރުކުރާ މީހާއަށް ޚިޔާނާތްތެރިވެ، އުޑެއް ބުޑެއް ނުދަންނަ މީހުންގެ މަކަރުވެރިކަން ރައްޔިތުންގެ މައްޗަށް އައިސް ބަސް ބުނާނެއެވެ. މިއަދު ހުޅަނގުންނާއި، އެމެރިކާއިން ކުރި ދިރާސާތަކުން ސާބިތުވަނީ މިނޫން ކޮން ކަމެއްތޯއެވެ.

އިންސާނުންނަކީ އައު އަޑާއި، މަންޒަރުތަކަށް އެ އެއްޗެއް އިވޭ ގޮތަކަށް ނުވަތަ ފެންނަ ގޮތަކަށް ވަރަށް ފަސޭހައިން ޤަބޫލުކުރުމުގެ ޠަބީޢަތެއްގައި ލައްވާފައިވާ ބައެކެވެ. މިގޮތުން އަޅުގަނޑުގަނޑުމެން ބަލާ ފިލްމު ތަކުގައި އިވޭ އަޑުތަކާއި މަންޒަރު ތަކުގެ ތެރެއިން ގިނަ އަޑުތަކަކީ، އިންޖިނިއަރ ކޮށްގެން އުފައްދާފައި ހުންނަ އަޑުތަކަށް ވީނަމަވެސް، އަޅުގަނޑުމެން އެ އަޑުތައް އެއީ ހަޤީގީ އަޑުތައް ކަމަށް ޤަބޫލުކުރަމެވެ. އިންސާނީ މި ޠަބީއަތުގެ ސަބަބުން ޙަޤީގަތަށް ވާޞިލުވުމުގެ ވިސްނުމުން ދުރުކޮށްދެއެވެ. ނަފްސާނީ ޢިލްމުވެރިން އިންސާނުންގެ މި ޠަބީޢަތަށް ކިޔަނީ "ކޮންފަމޭޝަން ބަޔަސް" އެވެ. މީސްމީޑިއާ ގައި މި ޓެންޑެންސީ ވަނީ ފުރި ބާރުވެފައެވެ. މިދަރަޖައަށް ކަންކަން ދިއުމުން ސިޔާސީ ވެރިން ދޮގު ފެތުރުމަށް މީގެ ބޭނުން ހިފައެވެ. މިގޮތުން އެފަދަ މީހެއްގެ ތެދު އޯޑިއޯއެއް ނުވަތަ ވީޑިއޯއެއް ޢާއްމު ވިޔަސް އެއީ ދޮގެއްކަމަށް އިސާހިތަކު އެމީހުން ބުނެއެވެ. އަދި މީހުންވެސް އެ ވާހަކަ ޤަބޫލުކުރެއެވެ. މިއަށް ޕްރޮފެސަރ ޑެނިއެލް ކިޔަނީ "ލަޔާސް ދިވިޑެންޑް" އެވެ.

މި ދާއިރައިން ދިރާސާކުރައްވާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ދުނިޔޭގައި އިސްތުޢުމާރާއި ފިނި ހަނގުރާމައިގެ އައު ވަސީލަތެއްގެ ގޮތުގައި، ކޮމްޕިއުޓަރ ޕްރޮގްރާމް އުފެއްދުމުގައި ބޭނުންކުރެވޭ އަލްގޮރިތަމާއި، އާޓިފިޝިއަލް އިންޓެލިޖެންސާއި، މެޝިން-ލާނިންގ ޓެކްނޮލޮޖީ ބޭނުން ކުރެއެވެ. މިކަމަށް އިސްކޮށް ފަންޑް ކުރަނީ ޔަހޫދީންގެ މަޞްލަޙަތައްޓަކައި، އެބައިމީހުންގެ މުއްސަނދިންނެވެ. މިގޮތުން މި މަސައްކަތަށް ދުނިޔެއަށް މަޝްހޫރު ބޮޑެތި ޓެކްނޮލޮޖީތައް އުފައްދާ ކުންފުނިތަކަށް ފަންޑު ކުރެއެވެ. މިކަމާގުޅޭ ގޮތުން ޑރ. ސައްޔިދު މުޞްޠަފާ ޢަލީ ވިދާޅުވާ އެތަކެއް މިސާލުތަކެއް ވެއެވެ. "އަލްގޮރިތަމް ރޭސިޒަމް" ނުވަތަ "އަލްގޮރިތަމް ބަޔަސް" ގެ މިސާލުތަކުގެ ތެރޭގައި؛ ގޫގުލް ފޮޓޯ އެޕް ގައި ކަޅު ނަސްލުގެ މީހުންގެ ފޮޓޯ ގޮރިއްލާއާއި ގުޅުވާފައިވެއެވެ. އެޗް.ޕީ ފޭސް ޓްރެކިންގ ސޮފްޓްވެއަރ ހަދާފައިވަނީ ދޮން ނަސްލުގެ މީހުންނަށް އެކަނި ބޭނުންކުރެވޭ ގޮތަށެވެ. ސްމާޓް ސޯޕް ޑިސްޕެންސާ ގެ ޓެކްނޮލޮޖީ މަސައްކަތްކުރަނީ ދޮން ނަސްލުގެ މީހުންގެ އަތްތިލައަށް މަސައްކަތް ކުރާ ގޮތަށެވެ. ޒޫމް އެޕް އިން ކަޅު ނަސްލުގެ މީހެއްގެ ބޯ މީހެއްގެ ބޮލެއްގެ ގޮތުގައި ނުދައްކައެވެ. ފޭސް ރެކޮގްނިޝަން ސޮފްޓްވެއާރ އިން ކަޅުނަސްލުގެ އަންހެނެއްގެ މޫނު ދެނެގަތުމަށްޓަކައި އޭނަގެ މޫނު އިތުރަށް އަލިކުރަންޖެހެއެވެ. ޔޫ.ކޭ ގައި ބޭނުންކުރާ ޕާސްޕޯޓް ޗެކްކުރާ ސޮފްވެއަރ ގައިވެސް ކަޅު ނަސްލުގެ މީހުންނަށް ބޭނުކުރުމުގައި ގިނަ މައްސަލަތައް ދިމާވެއެވެ. ގޫގުލް ޓްރާންސްލޭޓާ އާއި، ގްރެމަލީ އާއި، މައިކްރޯސޮފްޓް ޗެޓްބޮޓް ވެސް ވަނީ މިފަދަ އެޕްލިކޭޝަންތަކުގެ ލިސްޓުގައެވެ.

ފާއިތުވި އަހަރު ތަކުގައި ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކަށް އެތަކެއް ތުހުމަތު ތަކެއްގެ އިނގިލި ދިގުކުރުމާއި، ތުހުމަތުކުރެވޭ އެތަކެއް ޖިނާއީ މައްސަލަތައް ވަނީ ބަލަން ފަށާފައެވެ. އެހެންކަމުން ޚަބަރު ފަތުރާ ވަސީލަތްތަކުން، ޚާއްޞަކޮށް މީސް މީޑިއާއިން ފަތުރާ ދޮގު ޚަބަރުތަކާއި، އޯޑިއޯ އާއި، ވީޑިއޯތައް ހުއްޓުވުމަށްޓަކައި، ދުރާލައި ޓެކޮނޮލޮޖީގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކާއި، ޤާނޫނު ހަދާ މަޖްލިހާއި، ޤާނޫނު ތަންފީޛީ އިދާތާތަކާއި، ނޫސްވެރިން އެކުއެކީގައި މަސައްކަތްކުރަން ޖެހެއެވެ. އަދި ޢާއްމުން މިކަންކަމަށް ހޭލުންތެރިކުރުމަށް މަސައްކަތް ކުރަންޖެހެއެވެ. ޓެކްނޮލޮޖީގެ ޒަރީޢާއިން މިފަދަ ދޮގުތައް ފުރާނައި، މަނާކޮށް ފެތުރުން ދުރު ކުރެވިދާނެއެވެ. ނަމަވެސް މިފަދަ މަސައްކަތްކުރާ ފަރާތްތަކަކީ، އިސްލާމީ އަޚްލާޤެއް ނެތް، ﷲ ދެކެ ބިރު ނުގަންނަ ބަޔަކަށް ވެއްޖެނަމަ، ކިތަންމެ މަސައްކަތެއް ކުރިޔަސް ނަތީޖާއެއް ނުނެރެވޭނެއެވެ. ސަބަބަކީ ރަނގަޅު އަޚްލާޤެއްގެ މަތީގައި ނެތް ފަރާތަކަށް މިފަދަ ކަންކަން ސީދާމަގަށް ނޭޅުވޭނެތީއެވެ. އަދި ޚާއްޞަކޮށް ޤާނޫނު ތަންފީޛުކުރާ ފަރާތްތަކަކީ، ވަކިފަރާތަކަށް ބުރަވެފައިވާ، ޤާނޫނުތައް ތަންފީޛު ކުރަން ނޭގޭ ބަޔަކަށްވާނަމަ، މިފަދަ މައްސަކަތަކުގައި ރަނާ އައްޔޫބީއަށް ދިއްލީގެ ފުލުހުން ދިންފަދަ ޖަވާބެއް ނޫނީ ނުލިބޭނެއެވެ. އާދެ! "ތިކަމުގައި އެޅޭނެ ފިޔަވަޅެއް ނެތެވެ."

ޕްރޮފެސަރ ޑާނިއެލް ވިދާޅުވާ ގޮތުގައި ވަރަށް ގިނަ ފަހަރު، އިންޑިޔާގައި އެކަންޏެއް ނޫނެވެ. ހުޅަނގާއި، އެމެރިކާގައިވެސް މިދާއިރާގައި ޤާނޫނު ތަންފީޛުކުރުން ވަރަށް ފެންވަރު ދަށެވެ. ސަބަބަކީ ތަޢުލީމީ ގޮތުން ދަށްވުމެވެ. ޤާނޫނުތައް ނެތީއަކީވެސް ނޫނެވެ.

"ފޭކް ނިއުސް" އިން އިންތިޚާބުތައް ބަދަލުކޮށް، އިޤްތިޞާދައް ނެދެވޭ އަސަރުކުރުވާ، އާންމު ދިރިއުޅުމަށް ޚިޔާލު ތަފާތުވުން ވައްދައިފާނެއެވެ. ޑޭޓާ ސައިންސް ވެރިއެއް ކަމުގައިވާ، ސިނާން އަރަލް ވަނީ މިހާ އަވަހަށް މިފަދަ ޚަބަރުތައް ފެތުރޭ ގޮތާއި، މިކަމުގެ ސަބަބު ތަކާމެދު މިދާއިރައިން ދުނިޔޭގައި ކުރެވުނު އެންމެ ބޮޑު އެއް ދިރާސާ ކުރައްވައި، ދިރާސާއާ ޙަވާލާދީ ހަޤީގަތާއި ދޮގުގެ މެދުގައި އުފެދިފައިވާ ވަސީލަތްތައް ނައްތާލުމަށް އެހީތެރިވެދޭނެ ފަސް ކަމެއް ދެނެގަނެފައެވެ.

23 އެޕްރީލް 2013 ވަނަ ދުވަހު "ދި އެސޯސިއޭޓެޑް ޕްރެސް" ޓްވީޓާއިން ކުއްލި ޚަބަރެއް ޝާއިޢު ކުރިއެވެ. އެއީ "ވައިޓް ހައުސްގައި ދެ ގޮވުމެއް ގޮވައި، ރައީސް ބަރަކު އޮބާމާ އަށް އަނިޔާ ލިބިއްޖެ" ކަމަށެވެ. މި ޓްވީޓް 5 މިނިޓް ވުމުގެ ކުރިން 4000 ފަހަރު ރީޓްވީޓް ކުރިއެވެ. އޭގެ ފަހުން މިޚަބަރު މީސްމީޑިއާގައި ވައިރަލް ވިއެވެ. މިޓްވީޓަކީ އަޞްލުގައި ފޭކް ޓްވީޓެކެވެ. ނުވަތަ "ފޭކް" ޚަބަރަކެވެ. ކޮންމެވެސް ގޮތަކުން ޓްވީޓަރ ހޭޑްލް ހެކް ކޮށްގެން، ކޮށްފައިވާ ކަމެކެވެ. މި ޓްވީޓާއި ގުޅިގެން އިޖްތިމާޢީ އަދި އިޤްތިޞާދީ ގެއްލުންތައް އެމެރިކާއަށް ކުރިމަތި ކުރުވިއެވެ. އެމެރިކާގެ ރައީސް އަވަހާރަވެއްޖެކަން ޤަބޫލުކުރެވި، އެއްދުވަސް ތެރޭގައި އެކަނިވެސް 140 ބިލިއަން ޑޮލަރުގެ ގެއްލުމެއް ވިކަމަށް ބެލެވެއެވެ.

މީގެ ދެވަނަ މިސާލަކީ؛ 2016 ވަނަ އަހަރު އެމެރިކާގެ ރިޔާސީ އިންތިޚާބަށް، ރަޝިޔާއިން ފޯރުވި ނުފޫޛެވެ. މިކަމާއި ގުޅިގެން ރަޝިޔާގެ 3 ކުންފުންޏަކަށާއި، ރަޝިޔާގެ 13 ރައްޔިތުންގެ މައްޗަށް، އިންތިޚާބަށް ނުފޫޛު ފޯރުވުމުގެ ކުށުގައި އެމެރިކާއިން ދަޢުވާ އުފުލިއެވެ. ދިރާސާއަކުން ފެންނަގޮތުގައި، މި އިންތިޚާބުގައި އެކަނިވެސް، ޞައްޙަ ނޫން "ފޭކް" 126 މިލިޔަން ފޭސްބުކު އެކައުންޓާއި، 3 މިލިއަން ޓްވީޓާއި، 43 ގަޑި އިރުގެ ޔޫޓިއުބު ވީޑީއޯ އުފައްދައި ބޭނުންކުރިކަމަށް ބެލެވިފައިވެއެވެ. ބޭނުމަކީ ދޮގު މަޢުލޫމާތު ފަތުރައި، އިންތިޚާބަށް ނުފޫޛު ފޯރުވުމެވެ.

އޮކްސްފޯޑް ޔުނިވަރސިޓީ ގެ ދިރާސާއަކުން ދައްކާ ގޮތުގައި ސްވިޑަންގައި އެންމެފަހުން ބޭއްވުނު އިންތިޚާބާއި ގުޅިގެން މީސް މީޑިއާގައި ދައުރުވި މަޢުލޫމާތުތަކުގެ ތިންބައިކުޅަ އެއްބައި މަޢުލޫމާތަކީ ގޯސް މަޢުލޫމާތެވެ. މީގެ އަނެއް މިސާލަކީ، ޔޫރަޕިއަން ޔޫނިއަންއިން، ޔޫ.ކޭ ވަކިވުމާމެދު ނެގުނު ވޯޓެވެ. ދޮގު މަޢުލޫމާތު ފެތުރުގެ ނަތީޖާއަކީ ޔޫރަޕިއަން ޔޫނިއަންގެ އެހީގައި 450 މިލައަން ޕައުންޑް ހޭދަކޮށްގެން ތަރައްޤީ ގުރެވުނު ސައުތު ވޭލްސް ގެ ޓައުނަކުން އެކަނިވެސް %62 އަށްވުރެ މަތީން ޔޫރަޕިއަން ޔޫނިއަން އިން ޔޫ.ކޭ ވަކިވުމަށް ފެންނަކަމަށް ވޯޓު ދިނުމެވެ.

މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކޮށް، ޙަޤީގަތަށް ވާޞިލު ވުމަށްޓަކައި ބޭނުން ކުރެވިދާނެ ގޮތަކާއި ބެހޭގޮތުން ޑރ. އެލެކްސް އެޑްމެންސް ހަރުދަނާ ނަޒަރިއްޔާތެއްގެ މައްޗަށް ވާހަކަ ދައްކާފައެވެ. ހަމައެކަނި ތިމާގެ އަމިއްލަ ޤަބޫލުކުރުންތަކަށް ތާއީދުކުރާ މަޢުލޫމާތު ޤަބޫލުކުރުމުގެ ނަޒަރިއްޔާތު، މީސް މީޑިއާގައާއި، ސިޔާސީ، އިޖްތިމާޢީ، ޞިއްޙީ ދާއިރާގައި އަދި އެއަށްވުރެ ބޭރުގައި ބޭނުންކުރުމުން މަގުފުރެދިދާނެ ގޮތާއި، ޙަޤީޤަތަށް ވާޞިލުވުމަށް ޢަމަލުކުރެވިދާނެ އަސާސް ތަކަކާމެދު ވާހަކަ ދައްކާފައިވެއެވެ. މި ފްރޭމްވޯކް ބިނާވަނީ، ސްޓެޓިސްޓިކް ގެ ނަޒަރިއްޔާތު ނުވަތަ އަސާސެއްގެ މައްޗަށެވެ. އެއީ "ބޭޝިއަން އިންފަރެންސް" އެވެ.

މި ފްރޭމްވޯކްގައި ޖަވާބު ހޯދަންޖެހޭ މައިގަނޑު ސުވާލުތަކެއް ވެއެވެ. ފުރަތަމަ ސުވާލަކީ؛ ކުރެވޭ އިޙްތިމާލު ތިމާ ޤަބޫލު ކުރުމާމެދު ލިބިފައިވާ މަޢުލޫމާތު (ޑޭޓާ) ބާރު ދޭތޯއެވެ؟ ނަމަވެސް އަޅުގަނޑުމެން ޢާއްމުކޮށް ކުރާ ސުވާލަކީ، ލިބިފައިވާ މަޢުލޫމާތު (ޑޭޓާ) ތިއަރީއާއި ނުވަތަ އިޙްތިމާލާއި އެއްގޮތް (ކޮންސިސްޓެންޓް) ހެއްޔެވެ؟ މިތަނުގައި ޤަބޫލުކުރަންޖެހޭ ޙަޤީގަތަކީ އަޅުގަނޑުމެން ޤަބޫލުކުރާ އިޙްތިމާލެއް، މަޢުލޫމާތާއި އެއްގޮތް ވުމަކީ އެއީ އަދި އެ އިޙްތިމާލުގެ ޞައްޙަކަން ކަށަވަރު ކުރެވޭނެ ކަމެއް ނޫން ކަމެވެ. މިސާލަކަށް؛ ކެއުމާއި ކަސްރަތުން މީހަކުގެ ކެންސަރުން ސަލާމަތްވުމަކީ، ކެއުމާއި ކަސްރަތުން ކެންސަރު ބަލި ޖެހޭ އެންމެންނަށް ފަރުވާ ލިބޭނެކަމުގެ ހެއްކެއް ނޫނެވެ. އަދި ހަމަ އެފަދައިން ސިގިރޭޓް މުޅި ޢުމުރުގައި ބުއި މީހެއް، 100 އަހަރު ދުނިޔޭގައި ހުރުމަކީ، ސިގިރޭޓް ބޯ މީހުން ސިގިރޭޓުން ލިބޭ ގެއްލުމުން ސަލާމަތްވެ، އުމުރު ދިގުވާނެ ހަޤީގަތެއް ނޫނެވެ. އެހެން ކަމުން ދެވަނަ އަށް އުފެދުނު ސުވާލުގެ ޖަވާބަކުން އަދި ނުފުދެއެވެ. އިތުރު ސުވާލަކަށް ޖަވާބު ހޯދަންޖެހެއެވެ. މިގޮތުން ތިންވަނައަށް ކުރަންޖެހޭ ސުވާލަކީ؛ ލިބިފައިވާ މަޢުލޫމާތު ވަށައިގެން ހުރި އެހެން އިޙްތިމާލާއި އެއްގޮތްތޯ ނުވަތަ ނޫންތޯއެވެ؟ ވަށައިގެން ހުރި އެހެން އިޙްތިމާލު ތަކާއި ދުރުނަމަ، އަޅުގަނޑުމެން ޓެސްޓް ކުރާ އިޙްތިމާލު ޞައްޙަކަން ކަށަވަރު ކުރުމަށްޓަކައި ލިބިފައިވާ މަޢުލޫމާތު އިތުރަށް ވަޒަން ކުރަންޖެހެއެވެ. މިގޮތުން ވަޒަންކުރުމުން، އިޙްތިމާލުގެ މައްޗަށް ބާރުލިބިދޭނަމަ، އެއީ ޞައްޙަ ހެއްކެއްގެ ގޮތުގައި ބަލައިގަންނަން ޖެހެއެވެ.

އެހެންކަމުން "ކޮންފޮމޭޝަން ބަޔަސް" ގައި ޖެހި، ކަންކަމުގެ ޙަޤީގަތް ބެލުމެއް ނެތި، ތިމާ ޤަބޫލުކުރަން ބޭނުންވާ ގޮތަށް ޤަބޫލުކުރުމުގައި ހެދޭ ޢާއްމު ގޯހަކީ، ވާޤިޢާ އެއްގައި ވަށައިގެން ހުރި ޙަޤީގަތުގެ ޞައްޙަކަން ނުހޯދާ، ޤަބޫލުކުރުމެވެ. ދެވަނަ ގޯހަކީ؛ ކަމެއްގައި އެކުލެވޭ ވަށައިގެންހުރި އެންމެހައި މަޢުލޫމާތުގެ މައްޗަށް ބެލުމެއްނެތި، އެކަމުގައި އެކުލެވޭ ހަޤީގަތެއް، އެއީ އެކަމުގައި އެކުލެވޭ އެންމެހައި ހަޤީގަތް ކަމުގައި ބަލައި ގަބޫލުކުރުމެވެ. ތިންވަނަ؛ ގޯހަކީ ހަޤީގަތެއް ނުވަތަ އިޙްތިމާލެއްގެ މައްޗަށް ބާރުލިބިދޭ މަޢުލޫމާތު ވަޒަން ނުކޮށް ހެއްކެއްގެ ގޮތުގައި ޤަބޫލުކުރުމެވެ.

މިމޭރުމުން ބަލާއިރު އެނގިގެންދަނީ؛ ކޮންމެ ވާހަކައެއް ނުވަތަ ޚަބަރެއް ނުވަތަ ވާޤިޢާއެއް އެއީ ހަޤީގަތަކަށް ނުވާނެކަމެވެ. ސަބަބަކީ، އޭގެ ޞައްޙަކަން ކަށަވަރު ނުވާތީއެވެ. ކޮންމެ ޙަޤީގަތަކީ އެކަމުގައި ވަށައިގެންވި އެންމެހައި މަޢުލޫމާތުކަމަށް ނުވެ ދާނެއެވެ. ސަބަބަކީ؛ އެކަމުގައި އެކުލެވޭ ވަށައިގެންހުރި އެހެން އިޙްތިމާތުތަކާއި މައުލޫމާތުތައް ނުހިމެނޭތީއެވެ. ކޮންމެ މަޢުލޫމާތަކީ ހެއްކެއް ނޫނެވެ. ސަބަބަކީ؛ އެކަމުގައި އެކުލެވޭ އެހެން އިޙްތިމާލަކާއި އެއްގޮތްވާނަމަ، އެމަޢުލޫމާތުން އަޅުގަނޑުމެން ދެކޭ ނަޒަރިއްޔާތު ނުވަތަ އިޙްތިމާލު ޞައްޙަކަން ކަށަވަރުކުރުމަށް ބާރު ނުލިބޭނެ ތީއެވެ. މިސަބަބަށްޓަކައި ހެކި ވަޒަން ކުރަންޖެހެއެވެ.

ފޭސްބުކް ފަދަ ޕްލެޓް ފޯމްތައް އުފައްދަނީ ރަނގަޅު މަޤްޞަދު ތަކުގެ ނަމުގައެވެ. އިޤްތިޞާދީ، އިޖްތިމާޢީ، ޞިއްޙީ އަދި ސިޔާސީ ކަންކަމުގައި މީހުންނަށް ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމުން އިންސާނިއްޔަތަށް ފައިދާ ކުރާނެކަމުގެ ޤަޞްދުގައެވެ. ނަމަވެސް ކަންކަން ހިނގަމުން ދަނީ އިދިކޮޅަށެވެ. އަދި ރަޝިޔާފަދަ ޤައުމުތަކުން އެމެރިކާފަދަ ޤައުމުތަކުގެ ސިޔާސީ އަދި ދާޚިލީ ކަންކަމަށް މިފަދަ ވަސީލަތެއްގެ ތެރެއިން ނުފޫޛެއް ފޯރުވުމަކީ، މި ޕްލެޓް ފޯމްތައް އުފައްދާފައިވާ ފަރާތްތަކުން ދެކުނު ގޮތުގައި ކުރެވޭނެ ކަމެއްވެސް ނޫނެވެ. ނަމަވެސް 2016 ގައި އެމެރިކާ އާއި ޔޫ.ކޭ ގެ ރައްޔިތުންގެ ނިންމުންތަކަށް ނުފޫޛު ފޯރުވައިފިކަން ކަށަވަރެވެ. އަދި ޖަރުމަނާއި، ފްރާންސްގެ އިންތިޚާބުތަކަށް ނުފޫޛު ފޯރުވަން މަސައްކަތް ކުރިކަމަށް ދިރާސާތަކުން ދައްކައެވެ. ނަމަވެސް ކާމިޔާބެއް ނުވިއެވެ.

ބަޔަކު ހީކޮށްފާނެއެވެ. ފޭސްބުކު ފަދަ މީސް މީޑިއާއިން ކުރަނީ ގެއްލުމަށްވުރެ ފައިދާ އެވެ. ނަމަވެސް ދިރާސާތަކުން ފެންނަގޮތުގައި ފޭސްބުކަކީ ކުށުގެ ވެއްޓެކެވެ. މުސްތަޤުބަލުގައި ކުރިމަތިވެދާނެ ނުރައްކާތައް ވަރަށް ބިރު ބޮޑެވެ. އިސްލާމީ އަޚްލާޤުގެ މައްޗަށް ބިނާވާ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ހަޤީގަތާއި ޚިލާފު މަޢުލޫމާތާއި، ޚަބަރާއި، އޯޑިއޯ އާއި، ވީޑިއޯ ފިލްޓަރކޮށް މަނާ ނުކުރެވޭކަމުގައި ވާނަމަ، ނިއުކުލިއަރ ހަތިޔާރަކުން އިންސާނިއްޔަތަށް ކުރާ ގެއްލުމަށްވުރެ މިފަދަ މީޑިއާތަކުން ދުނިޔެއަށް ލިބޭނެ ގެއްލުން ބޮޑުވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް