ހެއްކާބެހޭ ޤާނޫނު: ހުވާގެ މަފްހޫމަށް ތަޙްލީލީ ނަޒަރަކުން ބެލުން

ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލިސް ކުރާ ކޮޓަރިއެއް -- ފޮޓޯ/ ސުޕްރީމް ކޯޓު

ތެދު ހެކިބަސް ދިނުމަށް ހިތްވަރުދިނުމުގެ އެންމެ ދުވަސްވީ ވަސީލަތް ކަމަށްވާ ހުވަޔަކީ ޝަރީއަތްތަކާއި ދީނީ ޢަޤީދާއާ ދެމެދު ގުޅުމެއް އުފެދޭ ވަސީލަތެކެވެ. ހުވާގެ އަސަރު ސެކިއުލަރ މުޖުތަމަޢުތަކުގައި ކުޑަވެފައިވީނަމަވެސް، މާތް ރަސްކަލާނގެއަށް ގަންދެއްވައި ކުރާ ހުވަޔަކީ ޙަޤީޤަތް ހޯދުމުގެ އެންމެ ޔަޤީން ވަސީލަތެއްގެ ގޮތުގައި ޤަރުނުތަކެއް ވަންދެން ބެލެވިފައިވާ، ކަންކަން ސާބިތުކުރުމަށް، ނުވަތަ ފައިޞަލާ ކުރުވުވަނިވި ވަސީލަތެކެވެ. އިބްތިދާއީ ހުވާ އާއި އޭގެ ފަހުން ކުރާ ހުވާގެ ގޮތުގައި ދެ ވައްތަރެއްގެ ހުވައެއް ވެއެވެ.

އެންގްލޯ-އެމެރިކަން އުޞޫލަށް ބަލާއިރު، ހެކިވެރިޔާ ހުވާކުރަނީ ހެކިބަސް ދިނުމުގެ ކުރިންނެވެ. ޖަރުމަނާއި ހުޅަނގުގެ ޤައުމުތަކުގައި އެހެން އުޞޫލުތަކުގެ ދަށުން ހެކިބަސް ދިނުމަށް ފަހު ވެސް ހުވާކުރަން ޖެހިދާނެއެވެ. މިގޮތުން ވަކިވަކި މައްސަލަތަކުގައި ހެކިވެރިޔާ ހުވާކުރަން އަމުރު ކުރަންވީތޯ ނުވަތަ ނޫންތޯ ބެލުމަށް ޤާޟީއަށް އޭނާގެ އިޚްތިޔާރު ބޭނުން ކުރެވޭނެއެވެ. މިހާރު ޖަރުމަނުގައި ޢަމަލީ ގޮތުން، މަދަނީ ޝަރީޢަތުގައި ހެކިބަސް ދިނުމަށް ވަރަށް މަދު ހެކިން ލައްވާ ހުވާކުރާއިރު، ޖިނާއީ ޝަރީޢަތުގައި ހުރިހާ ހެކިން ހުވާކުރަން ޖެހެއެވެ. ޔޫރަޕްގެ ބައްރުގެ ބައެއް ޤައުމުތަކުން ހުވާތަކަށް އިއުތިރާޟުކުރަން ހުއްދަ ދީފައިވާއިރު، ޑެންމާކުން ވަނީ ޤާނޫނީ އިޖުރާއަތްތަކުގައި ހުރިހާ ހުވާތަކެއް އުވާލާފައެވެ.

ހެކިވެރިއެއްގެ ހުވާގެ ސަބަބުން ފަނޑިޔާރަށް ނުވަތަ ޖޫރީއަށް އަސަރެއް ނުކުރެއެވެ. އަދި އެމީހުން ހެކިބަސް މިނިވަން ކަމާއެކު ވަޒަންކުރަން ޖެހެއެވެ. މި ދެންނެވި ޙަޤީޤަތްތައް އެގޮތަށް ހުރި ނަމަވެސް، ދިވެހިރާއްޖޭގައި 18 ޖެނުއަރީ 2023 ގައި ޢަމަލުކުރަން ފަށާފައިވާ ޤާނޫނަށް ނަޒަރު ހިންގާއިރު، ކަންކަން ސާބިތުކުރުމުގެ ވަސީލަތެއްގެ ގޮތުގައި "ހުވާކުރުން" ދިވެހިރާއްޖޭގެ ޤާނޫނު ނަމްބަރު 2022-11 "ހެއްކާބެހޭ ޤާނޫނު" ގައި ހިމެނިފައި ނެތެވެ.

ހުވަޔަކީ ވަކިވަކި ފަރުދުންގެ މެދުގައި އުފެދޭ މައްސަލަތަކުގެ ތެރެއިން ޚާއްޞަކޮށް މާލީ އަދި މަދަނީ މައްސަލަތައް ހައްލުކުރުމަށް އިސްލާމީ ޝަރީއަތުގައި ފަނޑިޔާރުން ބަރޯސާވާ ހެކިބަހުގެ އެއް ވަސީލަތެވެ. އެއީ ވަކިވަކި ފަރުދުންގެ ޟަމީރާ ގުޅިފައިވާ ވަސީލަތެއްގެ ގޮތުގައި ބަލައި، އެހެން ހެކިތައް ނުފުދޭ ވަގުތުތަކުގައި އެ ވަސީލަތަށް ބަރޯސާ ވުމުން، ދައުވާ ލިބޭ މީހުންގެ މެދުގައި ޞުލްޙަވެރިކަން އިތުރުވެގެންދެއެވެ. ހުވާ މާނަކުރެވެނީ، އެމީހަކު ހުވާކުރާ މީހާގެ މަތިވެރިކަމުގެ އިޙްސާސްކޮށް، އަދި އޭނާއަށް އަދަބު ލިބޭނެ ކަމުގެ ބިރުގަނެ، ޙަޤީޤަތް ދެއްކެވި ކަމަށްޓަކައި މާތްالله އަށް ހެކިވުމެވެ.

ކަންކަމަށް ދަލީލު ކުރުމާއި، ކަންކަން ސާބިތުކުރުުގެ ވަސީލަތެއްގެ ގޮތުގައި ހުވާގެ ޝަރުޢިއްޔަތާމެދު ޤުރުއާނުގައި އޮތް ދަލީލެއްގެ ގޮތުގައި މާތްالله ވަޙީކުރެއްވި މިބަސްފުޅު ފުދެއެވެ. (وَالسَّمَاءِ وَالطَّارِقِ) (އައްޠާރިޤު، 1). މާނައީ: "އުޑާއި، އަދި ރޭގަނޑަށް ފާޅުކަންބޮޑު ތަރި ގަންދެއްވަމެވެ." އަދި އެކަލާނގެ ވަޙީކުރެއްވިއެވެ. (وَيَسْتَنبِئُونَكَ أَحَقٌّ هُوَ ۖ قُلْ إِي وَرَبِّي إِنَّهُ لَحَقٌّ ۖ وَمَا أَنتُم بِمُعْجِزِينَ) (ޔޫނޫސް، 53). މާނައީ: "އެއީ، ހަމަ حق ތެދުތޯ خبر ދެއްވުމަށް، ކަލޭގެފާނުގެ ކިބައިން އެއުރެން އެދޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އާނއެކެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން، އެއީ، ހަމަ حق ތެދެވެ. އަދި ތިޔަބައިމީހުންނަކީ، އެކަލާނގެ ކުޅަދުންވަންތަކަމުން ރެކިގެންދާނޭ ބަޔަކު ކަމުގައި ނުވެތެވެ."

އެހެންކަމުން، ހެއްކެއްގެ ގޮތުގައި ހުވާގެ ޝަރުޢިއްޔަތާމެދު ޢިލްމުވެރިން އިއްތިފާޤުން ވަނީ އެއްބަސްވެފައެވެ. ހުވަޔަށް މި މަޤާމާއި، އަގު ހޯދަނީ، އެމީހަކު ހުވާކުރާ الله ގެ މަތިވެރިކަމާއި މާތްކަމުންނެވެ.

ހުވާ ދެ ބަޔަކަށް ބަހާލެވިފައި ވެއެވެ. ފައިޞަލާކުރުވަނިވި ހުވާ (ދަޢުވާކުރާ ފަރާތުން ހެކި ފޯރުކޮށްދިނުމަށް ނުކުޅެދިއްޖެނަމަ، ދަޢުވާލިބޭފަރާތަށް އަރާ ހުވާ) އާއި، ފުރިހަމަކޮށްދޭ ނުވަތަ ކޮމްޕްލިމެންޓަރީ ހުވާ (ދެ ޚަޞްމުންގެ ތެރެއިން އެކަކު ހުށަހަޅާފައިވާ ހެކިތަކާގުޅިގެން ގާޟީގެ އެންގެވުމަށް ހެކި ފުރިހަމަކޮށް ކަށަވަރުކުރުމަށް ކުރާ ހުވާ) އެވެ.

ދަޢުވާގެ ދެ ފަރާތަކީ؛ ދަޢުވާކުރާ ފަރާތާއި (މުއްދަޢީ) އާއި، ދަޢުވާ ލިބޭ ފަރާތް (މުއްދަޢާ ޢަލައިހި) އެވެ. މައްސަލައިގައި ބައްޔިނާ ދެއްކުމަށް ނުވަތަ ހެކި ހުށަހެޅުމަށް، ޤާޟީ އެދޭނީ ދަޢުވާކުރާ މީހާގެ ކިބައިންނެވެ. އޭނާއަށް ބައްޔިނާ ޤާއިމް ކޮށްދެވިއްޖެނަމަ، ޤާޟީ އެ މައްސަލަ ނިންމާނީ ދަޢުވާކުރާމީހާއާ އެއްކޮޅަށެވެ. އޭނާ އަށް ބައްޔިނާއެއް ޤާއިމް ނުކުރެވިއްޖެނަމަ، ޤާޞީ ދަޢުވާލިބޭ ފަރާތަށް ހުވާކުރަން ހުށަހަޅާނެއެވެ. މިކަމުގެ ދަލީލަކީ ރަސޫލާގެ އަންނަނިވި ޙަދީޘް ބަސްފުޅެވެ. "މީސްތަކުން ކުރާހާ ދަޢުވާއަކާ އެއްގޮތަށް އެމީހުންނަށް ޙައްޤުތައް ދެވިއްޖެނަމަ، މީސްތަކުންގެ މުދާތަކާއި، ލޭތައް ހޯދުމަށް ދަޢުވާކުރަން ފަށާފާނެތެވެ. އެކަމަކު ބައްޔިނާ އޮތީ ދަޢުވާކުރާމީހާގެ މައްޗަށެވެ. ހުވާ އޮތީ އިންކާރުކުރާ މީހާގެ މައްޗަށެވެ."

ޢިލްމުވެރިން ވިދާޅުވާގޮތުގައި، ދަޢުވާކުރާމީހާއަށް ބައްޔިނާ ޤާއިމްކުރަންޖެހެނީ އޭނާގެ ކޮޅު މައްސަލައިގައި ބަލިކަށިވުމުންނެވެ. އެކަމާ އިންކާރުކުރާ މީހާ (ދަޢުވާ ލިބޭފަރާތް)ގެ ކޮޅު ވަރުގަދަކަމުން އޭނާއަށް ޤާއިމްކުރަންޖެހެނީ ބަލިކަށި ބައްޔިނާ (ހުވާ) އެވެ. މި ދެފަރާތް ހަމަހަމަ ކުރެއްވުމަށްޓަކައި ބަލިކަށި ފަރާތަށް، ބާރުގަދަ ބައްޔިނާ އަދި ވަރުގަދަ ފަރާތަށް، ބަލިކަށި ބައްޔިނާ ޤާއިމްކުރަން ޖެއްސެވީއެވެ.

މިގޮތަށް ދެވޭ ހުވައަކީ އިލްމުވެރިންގެ ނަޒަރުގައި ދަޢުވާކުރާމީހާގެ ޙައްޤެކެވެ. ޤާޟީގެ ޙައްޤެއް ނޫނެވެ. މި ގޮތުން ދަޢުވާކުރާމީހާގެ އެދުމުގެމަތިން މެނުވީ ދަޢުވާލިބޭ ފަރާތް ލައްވައި ޤާޟީ ހުވާ ކުރުވައިގެން ނުވާނެއެވެ. ޖުމުހޫރު ޢިމްލުވެރިންގެ ރައުޔުގައި ހުވާ ކުރަންޖެހޭނީ ދަޢުވާލިބޭ މީހާ އެވެ.

ހުވާ ކުރުމަށް ދަޢުވާލިބޭ މީހާ އިންކާރުކުރާ ޙާލަތުގައި ޢަމަލުކުރާނެ ގޮތާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފުތައް އެބަހުއްޓެވެ. މިގޮތުން މިޙާލަތުގައި މައްސަލަ ނިންމާނީކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވާއިރު، އަނެއްބައި ޢިލްމުވެރިންގެ ރައުޔުގައި، ހުވާ ކުރުމަށް ދަޢުވާލިބޭ މީހާ އިންކާރުކުރުމުން މައްސަލަ ނިންމުމުގެ ބަދަލުގައި، ދަޢުވާކުރާމީހާއަށް ހުވާ ރައްދު ކުރާނީ (އަލްޔަމީނުލް މަރްދޫދާ) އެވެ. ތިން ވަނަ ރައުޔުގެ ބޭފުޅުން ވިދާޅުވާ ގޮތުގައި، ދަޢުވާ ލިބޭމީހާ އިޢުތިރާފު ވަންދެން ނުވަތަ އިޖާބަ ދެންދެން މައްސަލަ ވަގުތީ ގޮތުން ބަންދު ކުރާނީއެވެ.

ދެން އުފެދޭ ސުވާލަކީ؛ ދަޢުވާކުރާމީހާ ހުވާކުރުމާ ދެކޮޅުހެދުމުން ޢަމަލުކުރާނީ ކޮން ގޮތަކަށްތޯއެވެ؟ ދަޢުވާކުރާ މީހާއަށް ހުވާ އަރާނެކަމަށް ވިދާޅުވާ ބޭކަލުން ވިދާޅުވާގޮތުގައި ޤާޟީ މިޙާލަތުގައި ޖެހޭނީ މައްސަލައާ ބެހޭގޮތުން ނިޔާއެއް ކަނޑަނާޅައި ދެމީހުން ފޮނުވާލާށެވެ.

ހުވާކުރާނެ ގޮތާމެދުވެސް ފިޤުހު ޢިލްމުވެރިން ވަނީ ބަޙުޘް ކުރައްވާ ރައުޔުތައް ނެރެދެއްވާފައެވެ. ގިނަ ޢިލްމުވެރިންގެ ރައުޔުގައި ﷲ ގެ ނަންފުޅެއް ނުވަތަ ސިފަފުޅެއް ގަންދީ ހުވާކުރުމުން ފުދެއެވެ. ރަސޫލާގެ ޙަދީޘެއްގެ މާނައިގައި ވެއެވެ. "ހުވާކުރާނަމަ، ފަހެ ﷲ ގަންދީ ހުވާ ކުރާށެވެ. ނުވަތަ ހަނު ހުންނާށެވެ."

ޢިލްމުވެރިންގެ ނަޒަރުގައި، ޣައިރު މުސްލިމުން ލައްވާވެސް ހުވާ ކުރުވަން ޖެހެއެވެ. މިކަމުގެ ދަލީލެއްގެ ގޮތުގައި ޢިލްމުވެރިން ނަންގަވަނީ؛ ރަސޫލާ ޔަހޫދީއެއް ކަމުގައިވާ އިބްނު ޞޫރިޔާ ތައުރާތުގައިވާ ޒިނޭގެ އަދަބާބެހޭގޮތުން ހުވާކުރެއްވި ކުރެއްވުމެވެ. މިސާލަކަށް؛ ޣައިރު މުސްލިމުންގެ ހުވާ ވަރުގަދަ ކުރުމަށްޓަކައި "މޫސާގެ ފާނުންގެ މައްޗަށް ތަވްރާތު ބާވައިލެއްވި އަދި މޫސާގެ ފާނުން ޣަރަޤުން ސަލާމަތްކުރެއްވި މާތް ﷲ ގަންދީ ހުވާކުރަމެވެ." ފަދަ ޢިބާރާތެއް ބޭނުން ކުރެވިދާނެއެވެ. ކަލަކު ވޮޑިގެންނުވާކަމަށް ޤަބޫލުކުރާ މީހުން ލައްވާވެސް ހުވާކުރުމުގައިވެސް، ﷲ ގަންދީ ހުވާކުރުވޭނެއެވެ.

މައްސަލަތައް ސާބިތުކުރުމުގައި ހުވާ ބޭނުންކުރެވޭނެ ދާއިރާތައް ޢިލްމުވެރިންވަނީ ކަނޑައަޅުއްވާ ދެއްވާފައެވެ. މިގޮތުން ޙައްދުތަކުގެ އަދަބަކީ ކަނޑައެޅިފައިވާ ކަމަކަށްވެފައި، އަޞްލުގައި ޙައްދު ތަކުގައި އޮތީ ފޮރުވުމާއި، ވަންހަނާކުރުން ކަމަށްވާތީ، މިފަދަ މައްސަލަތަކުގައި ހުވާކުރުމެއް ނެތެވެ. އަދި މިކަމުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ނެތެވެ.

ނަމަވެސް، ﷲ ގެ ޙައްޤުތަކުގެ ތެރެއިން ޒަކާތް ފަދަ މާލީ ޙައްޤުގައިވެސް އާދަމުގެ ދަރިންގެ ޙައްގެއް ހިމެނޭތީ، ޢިލްމުވެރިން މިމައްސަލައިގައި ހުވާކުރުމާމެދު ވަނީ ޚިލާފުވެފައެވެ. އެހެންކަމުން އިންސާނާގެ ޙައްޤު ރައްކައުތެރި ކުރުމަށްޓަކައި، ޙައްދުގެ ދަޢުވާއެއްގައިވެސް މީހެއްގެ ޙައްޤެއް ވާނަމަ (މިސާލަކަށް؛ މުދަލެއް ވަގަށް ނެގިކަމަށް ދަޢުވާ ކުރާނަމަ) މިފަދަ މައްސަލާގައި ދަޢުވާ ލިބޭމީހާ ލައްވާ ހުވާކުރުވޭނެއެވެ. ނަމަވެސް އޭނާ ހުވާކުރުމަށް އިންކާރު ކޮށްފިނަމަ، އޭނަގެ މައްޗަށް ވައްކަމެއް ސާބިތެއް ނުވާނެއެވެ. އެހެނީ ޙައްދަކީ ޝުބުހާއެއް އޮތް ނަމަ، ދުރަށްލެވޭ އެއްޗެކެވެ.

އާދަމުގެ ދަރިންގެ ޙައްޤުތަކުގެ ތެރެއިން މުދަލާއި، މަދަނީ ކަންކަމުގައި ހުވާކުރަން ޝަރުޢު ވެގެންވެއެވެ. މިގޮތުން ދަޢުވާކުރާމީހާގެ އަތުގައި ޤާއިމްކުރާނެ ހެއްކެއް ނުވަތަ ބައްޔިނާއެއް ނެތް ޙާލަތުގައި، ދަޢުވާލިބޭމީހާ ލައްވާ ހުވާ ކުރުވާ ތުހުމަތުން ބަރީޢަކުރެވޭނެއެވެ. ޙަދީޘް ބަސްފުޅުގައިވާ ފަދައިން ނެވެ. "އެކަމަކު ހުވާކުރުން އޮތީ ދަޢުވާލިބޭ މީހާގެ މައްޗަށެވެ."

ދިވެހި މުޖްތަމަޢުގައި މުޢާމަލާތްކުރެވޭ އާދަކާދަތަކާއި، ޢާއްމު އުޞޫލުތަކަށް ބަލާއިރު، ކަންކަން ސާބިތުކުރުމުގައި ނުވަތަ ފަނޑިޔާރުން ކަންކަން ފައިޞަލާކުރުމުގައި ހުވާގެ ބޭނުން ކުރަންޖެހޭ ޙާލަތްތައް ޢާއްމުތޯ ނުވަތަ ނޫންތޯ އުފެދޭ ސުވާލަކީ، މުހިއްމު ސުވާލެކެވެ. ދިވެހިންގެ މެދުގައި ޢާއްމު ގޮތެއްގައި ގާތް ނުވަތަ ތިމާގެ މީހަކު އެފަދަ އެހެން މީހަކުގެ އަތުން ދަރަންޏެއް ދޭށޭ ބުނުމުން ވަރަށް ގިނަފަހަރު، ދެފަތާރުގެ މެދުގައި އޮތް އިތުބާރުގެ މައްޗަށް ބިނާކޮށް، ދަރަނި ދެއެވެ. ނަމަވެސް ދަރަނި އަދާނުކުރެވި، އަދި ބައެއް ފަހަރު އެ ދަރަންޏާމެދު އިންކާރުކުރާ ޙާލަތް މެދުވެރިވެއެވެ. މިފަދަ ޙާލަތުގައި، ހުވާ ކުރުމަށް ދަޢުވާކުރާފަރާތުން އެދެއެވެ. ހުވައަކީ، ކަންކަން ސާބިތުކުރުމުގައި ނުވަތަ މައްސަލަތައް ނިންމުމުގައި ބަލައި ގަނެވޭނެ ވަސީލަތެއްގެ ގޮތުގައި ނެތްނަމަ، ދަޢުވާލިބޭ ފަރާތުން ހުވާކުރުމަށް އިންކާރުކުރާ ޙާލަތުގައި، ޖެހޭނީ މައްސަލަ ނިންމާލާށެވެ. މިޙާލަތުގައި އަނެކާގެ ޙައްޤު ގެއްލެއެވެ.

ޢާއިލީ މައްސަލަތައް ދިވެހިރާއްޖޭގައި ހިނގާ ގޮތަށް ބަލާއިރު، ދެމަފިރިންގެ މެދުގައި އުފެދޭ ދެބަސްވުމެއްގައި، އެކަކު އަނެކަކާ އަރާރުންވެ، ވަރިކުރާ ޙާލަތް ޢާއްމެވެ. މިޙާލަތުގައި، ދެމަފިރިންގެ ރުޅި މައިތިރިވެ ހަމަ ބުއްދިއަށް އާދެވޭއިރު، އަޞްލު މިކުރެވުނީ، ރަނގަޅު ކަމެއް ނޫންކަންވެސް ވިސްނެއެވެ. ނަމަވެސް މައްސަލަ ނުވަތަ ވަރި ސާބިތު ކުރާ ހިސާބަށް ދިއުމުން، ބައެއް ފަހަރު އެއްބަސް ވެއެވެ. އަނެއްބައި ފަހަރު އިންކާރު ކުރެއެވެ. މިގޮތުން އިންކާރު ކުރާ ޙާލަތުގައިވެސް، ޙަރާމް ކަމެއް ކުރުމުގެ މަތީގައި ހުރުމަށްވުރެ ހުވާ ކުރުވައިގެންވެސް މިކަން ސާބިތުވުން މަޞްލަޙަތު ބޮޑެވެ. ނަމަވެސް ހުވާ ކުރުމުގެ ވަސީލަތް ނެތްނަމަ، މީހުން މިފަދަ ޙާލަތްތަކުން ދުރު ނުކުރެވިދާނެއެވެ.

ކަންކަން ސާބިތުކުރުމުގެ ވަސީލަތްތައް ތަފާތުވެފައި ގިނައެވެ. ނަމަވެސް ޢިލްމުވެރިން އިއްތިފާޤުވެ ވަޑައިގަންނަވާ ވަސީލަތްތަކެއް ވެއެވެ. އިބްނުލްޤައްޔިމު ވިދާޅުވާ ގޮތުގައި ސާބިތުކުރުމުގެ ވަސީލަތްތަކަކީ ގުނާ ޢަދަދު ކުރެވޭ ވަރަށްވުރެ މާގިނަ އެއްޗެކެވެ. މިގޮތުން ގިނަ ޢިލްމުވެރިން އިއްތިފާޤުވާ ވަސީލަތްތައް ހަތެކެވެ. އެއީ؛ ބައްޔިނާއާއި، އިޤްރާރާއި، ހުވަޔާއި، ހުވާކުރުމަށް ދެކޮޅުހެދުމާއި، ޤަސާމާއާއި، ޤާޟީއަށް އެނގިފައިވާ މަޢުލޫމާތާއި، ކަށަވަރު ޤަރީނާ (މިޒަމާނުގައި ނަމަ ފޮރެންސިކް ހެކި) އެވެ. ޢިލްމުވެރިން މިފަދަ މައުޟޫޢުތައް ބަލައި ދިރާސާކޮށް، ހޭލާ ތިބުމަކީ މުހިއްމުކަމެއްކަމަށް ދެކެއެވެ. އެއީ ސެކިއުލާ ވިސްނުންތަކުން މިފަދަ ޙައްސާސީ މައްސަލަތަކަށް ގޮތް ނިންމުމަށް ފުރުޞަރު ނުދިނުމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް