އިބްނު ޚަލްދޫނުގެ "ޢަޞަބިއްޔާ" ގެ ނަޒަރިއްޔާ

ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

އިސްލާމީ ތާރީޚުގައިވެސް ސަރުކާރުތައް އަރައި، ވެއްޓި، ބަދަލުވެ އެއް ސަރުކާރަކަށްފަހު އަނެއް ސަރުކާރު ވަނީ އުފެދިފައެވެ. އެއީ ނަބިއްޔާ ﷺ ގެ ޒަމާނުން ފެށިގެން ހަތަރު ޚަލީފާއިންގެ ދުވަސްވަރަށް ފަހު، އުމަވީ އަދި ޢައްބާސީ ދައުލަތުގެ ދުވަސްވަރެވެ. ފަހުން އުފެދުނު މުސްލިމް ސަރުކާރުތައް ކަމަށްވާ އީރާނުގެ ޞަފާވީ ސަރުކާރާއި، އިންޑިއާގެ މުޣުލް ސަރުކާރާއި، ތުރުކީގެ އުޘްމާނީ ސަރުކާރެވެ.

ނަމަވެސް 19 ވަނަ ޤަރުނުގައި އުޘްމާނީ ދައުލަތް ވެއްޓުމުން މުސްލިމުން ބަލިކަށިވާން ފަށައި، އުއްމަތެއްގެ ގޮތުގައި އަލުން ތެދުވުމުގެ ހިތްވަރު ގެއްލިގެން ދިޔައެވެ. މުސްލިމުންގެ ސަރަޙައްދުތައް ބަހާލައި އެކި ޤައުމުތަކަށް ބަހާލައި އިސްތިޢުމާރު ތަކުން ވެރިކަން ކުރަމުން ދިޔައެވެ. ބައެއް ފަރާތްތަކުން ސިފަކުރައްވާފައިވާ ގޮތުގައި، އިސްތިޢުމާރީ ކަންކަން އެންމެ މައްޗަށް ދިޔައީ 1920 ވަނަ އަހަރު، އިނގިރޭސި ސިފައިން ދިމިޝްޤާއި، ބަޣްދާދު ހިފުމުންނެވެ. ދެން ބަލާލި ކޮންމެ ދިމާލަކުންވެސް ފެނުނީ މުސްލިމުން ބަލިވެ، ނާ އުއްމީދު ވެފައިވާ ތަނެވެ. މީގެ އިތުރުން ސެކިއުލަރިޒަމްގެ ސަބަބުން ދީނުގެ އަޞްލުތަކާއި ޙަޤީޤަތް ދަމަހައްޓައި ރައްކާތެރި ކުރަން ބޭނުންވި މީހުންނާއި މަޑުމަޑުން ކޯޅުންތައް އުފެދުނެވެ. މިފަދައިން ވެރިކަންކުރާ ސަރުކާރުތަކާ ދެކޮޅު ހެދުމަށްޓަކައި އިސްލާޙީ ފިކުރުގެ މީހުންނާއި، ޖަމާޢަތްތައް އުފެދި އޭގެ ނަތީޖާއެއްގެ ގޮތުން މުސްލިމުން ބައި ބައިވެ، ކުރިމަތިލުންތައް އުފެދުނެވެ. މީގެ އިތުރުން މުސްލިމުން އިޤްތިޞާދީ ގޮތުން ބަލިކަށިވެ، އަޚްލާޤީ ގޮތުން ދަށު ދަރަޖަ އަކަށް ދިޔައެވެ. ޢިލްމީ އަދި ފިކުރީ ގޮތުންނާއި ޢިލްމީ ޙަރަކާތްތަކުގެ ގޮތުން ދަށަށް ދިޔައެވެ. ބަނޑުހައިހޫނުކަމާއި، ބަލިމަޑުކަމާއި، ވަބާ ފަދަ ގުދުރަތީ ކާރިޘާ ތަކުން އެމީހުންގެ ޙާލަތް އިތުރަށް ގޯސްކުރުވިއެވެ.

އަނެއްބައެއްގެ ނަޒަރުގައި، ދުނިޔޭގައި ކުރިއަރާފައިވާ ޤައުމުތަކާ އަޅާބަލާއިރު މުސްލިމުންގެ ޙާލަތަކީ ވަރަށް ބަލިކަށި އަދި ނިކަމެތި ޙާލަތެކެވެ. އެމީހުން ދިރިތިބީ ޔޫރަޕާއި އެމެރިކާގެ ޤައުމުތަކުގެ އެހީގައެވެ. ދިރިއުޅުމުގެ މުހިއްމު ގިނަ ކަންތައްތައް މުސްލިމް ޤައުމުތަކަށް ލިބެނީ ދުނިޔޭގައި ކުރިއަރާފައިވާ ޤައުމު ތަކުންނެވެ. މިގޮތުން ގިނަ މުސްލިމް ޤައުމުތަކަށް ބޭރު ޤައުމުތަކުން އިޤްތިޞާދީ އެހީ ލިބެއެވެ. މިއީ މުސްލިމް މުޖުތަމަޢު ތަކުގެ ޢާންމު ޙާލަތު ކަމުގައި ވިޔަސް، ރަނގަޅު ޙާލަތެއްގައި ދިރިއުޅޭ މުސްލިމުންވެސް މިއަދަކު މަދެއްނޫނެވެ.

އިސްލާމީ ޙަޟާރަތް އިންހިޔާރުވެ ވެއްޓެން ދިއުމާ ގުޅޭގޮތުން މުސްލިމް ޢިލްމުވެރިންގެ ގިނަ ބަޔަކު އެއްބަސްވާ މުހިންމު އެއްކަމަކީ އިސްލާމީ އުނގަންނައިދިނުމުގެ ޙަޤީޤީ ބޭނުމާއި މުސްލިމުން ދުރަށް ދިއުމެވެ. މިގޮތުން ޤުރުއާނުގެ ޢަޤީދާ މުޅިން ވިސްނައި ތަންފީޒު ކުރުމުގައި މުސްލިމުން ނާކާމިޔާބުވުމަކީ ޙަޤީޤަތުގައި މުސްލިމް މުޖުތަމަޢުތައް ކުރިނާރައި ދިއުމާއި، އެ މުޖުތަމަޢުތައް ތަރައްޤީވާން ޖެހޭ ގޮތަށް ތަރައްޤީ ނުވުމަށް މެދުވެރިވާ ސަބަބެވެ. މީގެ އިތުރުން މަޝްހޫރު މުސްލިމް މުފައްކިރެއް ކަމުގައިވާ ޖަމާލުއްދީން އަލް އަފްޣާނީ ބަޔާންކުރެއްވި ގޮތުގައި، މުސްލިމުން ބަލިކަށިވީ އިސްލާމް ދީނުގެ ޙަޤީޤަތް އޮޅުވައިލުމުގެ ދޮގު ރާޅުތަކެއްގެ ސަބަބުން މުސްލިމުން ފަސާދަވެގެން ދިޔުމުގެ ސަބަބުންނެވެ. މުސްލިމުން ބަލިކަށިވި އަނެއް ސަބަބަކީ އެމީހުންނަކީ ޙާޤީޤީ މުސްލިމުންނަށް ނުވީތީއެވެ.

އެހެންކަމުން މިކަމުން ދޭހަވަނީ އިސްލާމީ ޙަޟާރަތް އުފެދުމުގައި އިސްލާމް ދީން މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމާއި، އެ ދީން ދޫކޮށްލުމުން ނިކަމެތިކަން މެދުވެރިވިކަމެވެ. އިސްލާމް ދީނުން އިންސާނާގެ މި ޙަޔާތުގެ މަޤްޞަދާމެދު، އެމީހުންގެ މައްޗަށް މާތްރަސްކަލާނގެއާއި، އަމިއްލަ ނަފްސާއި އަދި އެހެން މީހުންނާމެދު ވާޖިބެއް އޮތް ކަމަށް ޤަބޫލުކުރާ ޙާލަތުގައި، އިންސާނާގެ ވިސްނުން ބަދަލުވެގެން ދެއެވެ. އިސްލާމް ދީނުން އެމީހުންގެ ސިކުނޑި ހުޅުވާލަދެނީ ދިރިއުޅުމަކީ ހަމައެކަނި މުއްސަނދިކަމާއި ތަނަވަސްކަން ހޯދުން ނޫން ކަމަށާއި، މާއްދީ ކަންކަމާއި ރޫޙާނީ ކަންކަމުގެ މެދުގައި ތިލަފަތް ހަމަހަމަ ކުރަން ޖެހޭ ކަމެވެ. އެއީ މާޔޫސްވެފައިވާ މީހުންގެ މަޤާމު މަތިވެރިކޮށްދޭ ކަމެކެވެ. ސަބަބަކީ އެމީހުން މާތް ﷲ އަށް އީމާންވުމުގައި މެނުވީ މާމޮޅު ކަމެއް ނެތުމުންނެވެ. ކޮންމެ މީހަކީވެސް ހަމަހަމަ އަދި އެހެން މީހުންގެ އިޙްތިރާމް ލިބިގެންވާ މީހެކެވެ. އިސްލާމް ދީނުގެ އަހުލުވެރިންނަށް އިރުޝާދު ދެނީ އެކަކު އަނެކަކާމެދު ހެޔޮކޮށް ހިތުމަށާއި، ވެރިންނާއި، ރައްޔިތުން ރައްކާތެރި ކުރުމަށެވެ. މިއީ ރަނގަޅު ވެރިކަން ދެމެހެއްޓި، އިސްލާމީ އަގުތަކާ އެއްގޮތްވާ ބޮޑު ޙަޟާރަތެއް ޤާއިމުކުރުވި ކަންކަމެވެ.

ނަމަވެސް މުސްލިމުން އިސްލާމީ އުޞޫލުތަކާ އެއްކިބާވުމުން، އެމީހުންގެ ދިރިއުޅުމާއި، ސުލޫކު ނުބައިވެ، އެމީހުންގެ އަމިއްލަ އެދުމާއި ޝަހުވަތަށް ތަބާވާން ފަށައެވެ. މިގޮތުން ވެރިން އެމީހުންގެ އަމުރުތައް ތަންފީޒު ކުރުމަށް އެމީހުންނަށް ތަބާވާ މީހުންނަށް މަޖުބޫރު ކުރެއެވެ. އިބްނު ޚަލްދޫން ވިދާޅުވާ ފަދައިން ޙާލަތު ފަސާދަވަނީ ވެރިކަންކުރާ މީހުން ދޮގުތަކާއި، މަކަރުވެރިކަމުން ނަޒާހަތްތެރިކަން ގެއްލުވާލައިގެން އަމިއްލައަށް ރައްކާތެރިކަން ހޯދާތީއެވެ. މީގެ އިތުރުން އެމީހުންގެ ލަގްޒަރީ ދިރިއުޅުމުގެ ސަބަބުން އެމީހުންގެ ނުބައި އުޅުމަށް އިތުރަށް ނުފޫޒު ފޯރުވައެވެ. ޤައުމެއް ތަރައްޤީކުރުމުގައި ދީނުގެ ދައުރާ ބެހޭގޮތުން އިބްނު ޚަލްދޫން ވިދާޅުވެފައިވާ ފަދައިން، މި ނުބައި ޢަމަލު ނައްތާލެވޭނީ ހަމައެކަނި ދީނުގެ އުނގަންނައި ދީގެންނެވެ. މިއީ ޤުރުއާނުގެ ސޫރަތުލް އިސްރާއުގެ 16 ވަނަ އާޔަތާ އެއްގޮތަށެވެ. (وَإِذَا أَرَدْنَا أَن نُّهْلِكَ قَرْيَةً أَمَرْنَا مُتْرَفِيهَا فَفَسَقُوا فِيهَا فَحَقَّ عَلَيْهَا الْقَوْلُ فَدَمَّرْنَاهَا تَدْمِيرًا) މާނައީ: "އަދި ރަށެއް ހަލާކު ކުރެއްވުމަށް، ތިމަންރަސްކަލާނގެ އިރާދަކުރައްވައިފިނަމަ، އެ ރަށެއްގެ ތަނަވަސްކަމުގެ أهل ވެރިންނަށް ތިމަންރަސްކަލާނގެ (ކިޔަމަންގަތުމަށް) أمر ކުރައްވަމެވެ. ދެން އެއުރެން އެ ރަށުގައި فاسد عمل ކޮށް، ކިޔަމަންތެރިކަމުން ބޭރުވެގަނެތެވެ. ދެން ކޯފާގެ ބަސްފުޅު އެއުރެންގެ މައްޗަށް حق ވެދެތެވެ. ދެން ތިމަންރަސްކަލާނގެ އެރަށެއް މުޅިން ހަލާކު ކުރައްވައި ނެތިކުރައްވަމެވެ."

ޖަމާޢަތެއްގެ އަފްރާދުންގެ މެދުގައި ވަރުގަދަ ގުޅުންތަކެއް ނެތުމަކީ ނުވަތަ އިބްނު ޚަލްދޫން "ޢަޞަބިއްޔާ" ގެ ގޮތުގައި ފާޅުކުރެއްވި ސިފަ ނެތުމަކީ ޤައުމެއްގެ ކާމިޔާބީ ކުޑަކޮށްދޭ އަނެއް ސަބަބެވެ. ޝައްކެއްނެތް ގޮތުގައި، ޤައުމެއްގެ އަފްރާދުންގެ މެދުގައި ވަރުގަދަ ގުޅުމެއް އޮތުމަކީ، ޙަޟާރަތެއް ބިނާކުރުމުގައި ޙަޤީޤަތުގައިވެސް ވަރަށް މުހިންމު ކަމެކެވެ. ޖަމާޢަތެއްގެ ފަރުދުން އެކަކު އަނެކަކަށް ތާއީދުކޮށް އެމީހުންގެ އިދިކޮޅު މީހުންނާ ދެކޮޅަށް ހަނގުރާމަ ކުރަން ޖެހެއެވެ. އެހެންކަމުން ހަރުދަނާ ސަރުކާރެއް ޤާއިމްވެ އޮތުމަށް ބަރޯސާވެފައިވަނީ ވަރުގަދަ ތާއީދަކަށެވެ. ނަމަވެސް ޖަމާޢަތެއްގެ ފަރުދުންގެ މެދުގައި އޮތް ވަރުގަދަ ގުޅުން ހީނަރުވުމުން، އޭގެ ސަބަބުން ސަރުކާރެއްގެ ތެރޭގައި މައްސަލަތައް އުފެދެއެވެ.

މިއީ މިއަދު މުސްލިމުންނަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައަކާއި ގޮންޖެހުމެކެވެ. މި މައްސަލަ ޙައްލު ކުރެވިދާނެ އެއް ގޮތަކީ މުސްލިމް އުންމަތް ބިނާކުރުމެވެ. އެހެންކަމުން، މިކަން ފުރިހަމަކުރުމުގައި އަދި މުސްތަޤުބަލަށް އިސްލާމީ ޙަޟާރަތް އަލުން ބިނާކުރުމުގައި އެންމެ އެކަށީގެންވާ ނަޒަރިއްޔާއަކީ އިބްނު ޚަލްދޫނުގެ ނަޒަރިއްޔާ ކަމަށްވާ "ޢަޞަބިއްޔާ" ކަމަށް ޤަބޫލުކުރެވެއެވެ.

އިބްނު ޚަލްދޫންގެ "ޢަޞަބިއްޔާ" ގެ ނަޒަރިއްޔާއަކީ ކޮބައިތޯއެވެ؟ ޢަޞަބިއްޔާ ގެ މާނައަކީ؛ އެއްވެސް ޢުދުވާނީ ޢަމަލަކާ ދެކޮޅަށް ފަރުދުންނަށް ނުވަތަ ޖަމާޢަތަށް އެހީތެރިވުމުގައި މީހުން ކުރާ ޢަމަލެވެ. ނުވަތަ އެއީ އެމީހެއްގެ ޖަމާޢަތުގެ ޙައްޤުގައި ރުޅިއައިސްގެން އުޅޭ މީހެއްގެ ސިފައެކެވެ. އޭނާގެ ޖަމާޢަތަށް އެހީތެރިވުމަށް ދަޢުވަތުދޭ މީހުންގެ ޢަމަލާއި، އެމީހުންނާމެދު ޢަދާވާތްތެރިކޮށް ޢަމަލުކުރާ މީހުންނާ ކުރިމަތިލުމުގައި ގުޅިގެން ކުރިމަތިލާއިރު، އެހެން މީހުންނާ ގުޅިގެން ކުރެވޭ މަސައްކަތް ނުވަތަ އެހެން މީހުން ރައްކާތެރިކުރާ މީހެއްގެ ޢަމަލު ނުވަތަ އެއް މަޞްލަޙަތާއި ޚިޔާލެއްގެ މައްޗަށް ބިނާކޮށް ގާތް ގުޅުމެއް އޮންނަ މީހުންގެ ޢަދަދުތައް ހިފަހައްޓައިގެން ވަރުގަދަ ގުޅުމެއް އޮތުމެވެ.

ރަސޫލާ ﷺ ގެ ޙަދީޘެއްގައި "ޢަޞަބިއްޔާ" އެކަލޭގެފާނު ބަޔާން ކުރައްވާފައިވަނީ "އަމިއްލަ މީސްތަކުންނަށް ނުޙައްޤު ކަމެއްގައި އެހީތެރިވެދެއްވުން" ކަމުގައެވެ. އެފަދަ ކަންކަމަކީ އެކަލޭގެފާނުން މަނާ ކުރައްވާފައިވާ ކަމެކެވެ. ނުޙައްޤު ކަމެއްގައި ތިމާގެ އަމިއްލަ ރައްޔިތުންނަށް އެހީތެރިވުން ކަމުގައި މާނަ ޙަދީޘުގައި ކުރެވިފައިވީނަމަވެސް، އިބްނު ޚަލްދޫންގެ އިޖްތިމާޢީ ތަރައްޤީގެ ނަޒަރިއްޔާތުގެ މަޤްޞަދަށްޓަކައި، "ޢަޞަބިއްޔާ" މި ލަފުޒު ފަހުގެ ޢިލްމުވެރިން އެކި ގޮތްގޮތަށް މާނަކޮށްފައިވެއެވެ.

މިސާލަކަށް "ޢަޞަބިއްޔާ" އަކީ "ގްރޫޕް ފީލިންގ" ގެ ގޮތުގައި މާނަ ކުރައްވާ ފައިވެއެވެ. ބައެއް ޢިލްމުވެރިން ދެކޭގޮތުގައި މިއީ މިލަފުޒާ އެންމެ ގާތް މާނައެވެ. ޢިލްމުވެރިންގެ ތެރެއިން އަނެއް ބަޔަކު ދެކޭގޮތުގައި، "ސޮލިޑަރިޓީ" އަކީ "ޢަޞަބިއްޔާ" ގެ އެންމެ ގާތް މާނައެވެ. ނަމަވެސް މިޒަމާނުގެ ބައެއް ޢިލްމުވެރިން ޢަރަބި ލަފުޒު "ޢަޞަބިއްޔާ" ތަރުޖަމާ ނުކޮށް މި ލަފުޒު ބޭނުން ކުރުމަށް އިސްކަން ދެއްވާފައިވާއިރު، އަނެއް ބަޔަކު މާނަ ކުރައްވާފައިވަނީ "ޢަޞަބިއްޔާ" އަކީ އެއްބައިވަންތަކަމުގެ އިޙްސާސާއި، ޖަމާޢަތުގެ އިޙްސާސާއި، ޖަމާޢަތުގެ ވަފާތެރިކަމެވެ. މި ތަފާތު މާނަ ތަކަކީ މި ލިޔުމުގައި ބޭނުންކޮށްފައިވާ މަފްހޫމާއި ގުޅޭ މާނަ ކަމަށް ބެލެވެއެވެ.

އިބްނު ޚަލްދޫންގެ ބަޔާނަށް ބިނާކޮށް، ޢަޞަބިއްޔާގެ ރޫޙު، އަސާސީ ގޮތުން އުފެދިފައިވަނީ ވަކި ޖަމާޢަތަކަށް ނުވަތަ ޤައުމަކަށް ދަތިތަކެއް ކުރިމަތިވާއިރު ކުރިމަތިވާ އާދަޔާ ޚިލާފު ދަތި ޙަޔާތުގެ ސަބަބުންނެވެ. މިކަންކަމުން އެމީހުންނަށް މަޖުބޫރުވަނީ އެމީހުންގެ ޖަމާޢަތަށް ކުރިމަތިވާ އެއްވެސް ނުރައްކަލަކުން އެމީހުންގެ އަމިއްލަ ނަފްސާއި، ފަރުދުން ރައްކާތެރި ކުރުމަށްޓަކައި އެކުގައި ތިބުމަށެވެ. "ގްރޫޕް ފީލިންގ" ނުވަތަ "ޢަޞަބިއްޔާ" ގެ ރޫޙު އުފެދެނީ އެމީހުންނަށް އަސާސީ ބޭނުން ތަކަށްޓަކައި ހަނގުރާމަ ކުރަން ޖެހުމުންނެވެ. ޢަޞަބިއްޔާގެ ރޫޙު އާންމުކޮށް އުފެދެނީ މި ރޫޙުގެ މައިގަނޑު ކަމުގައިވާ ލޭގެ ގުޅުމުންނެވެ. އަނެއްކޮޅުން، ލޭގެ ގުޅުމެއް ނެތް ނަމަވެސް އެކުވެރިކަމާއި، އިޖްތިމާޢީ މަސައްކަތްތެރިކަމާއި، ޚިދުމަތުގެ ގުޅުމުންވެސް އެއް ވިސްނުމެއް އޮތް މީހުންގެ ކިބައިގައި "ޢަޞަބިއްޔާ" އުފެދިދާނެއެވެ.

ފާހަގަކޮށްލަންޖެހޭ އަނެއް ނުކުތާއަކީ "ޢަޞަބިއްޔާ" ގެ ރޫޙުގެ ތެރެއިން ޖަމާޢަތެއްގެ ފަރުދުން ބަނދެވުމުގައި ދީނަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެކަމެވެ. ދީނުގެ އުނގަންނައިދިނުން ފެތުރުމުގައި ޢަޞަބިއްޔާގެ ރޫޙަކީ ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. "ޢަޞަބިއްޔާ" ގެންގުޅޭ ޖަމާޢަތެއްގެ އަފްރާދުންގެ މެދުގައި ޙަސަދަ ވެރިކަން ނައްތާލައެވެ. ރޮސެންޓަލްގެ ބަހުން ބުނާނަމަ "ދީނަކީ ބޮޑު ޖަމާޢަތެއްގެ ބަޔަކު އެއްކޮށް ހިފަހައްޓާލެވޭނެ އެންމެ ބާރުގަދަ ސިމެންތި އެވެ." މީގެ އިތުރުން ދީނުގެ ޢާންމު އިޙްސާސެއް އޮތުމުން މުޖްތަމަޢުގެ އަފްރާދުން އެކުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެންދާއިރު، އެމީހުން ޤަބޫލުކުރާ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި ފިދާވާން ތައްޔާރަށް ތިބޭ މިންވަރަށް ފަރުދުންގެ ގުޅުން ވަރުގަދަ ވެގެންދެއެވެ. ދީނުގެ ސަބަބުން އެމީހުންގެ ޖަމާޢަތް ނުވަތަ ޤައުމު ތަރައްޤީކުރުމުގައި ވަރުގަދަ ޖަމާޢަތެއްގެ އިޙްސާސެއް ނުވަތަ ޢަޞަބިއްޔާއެއް ދަމަހައްޓައެވެ.

މީގެ އިތުރުން ބާރާއި، މުލްކަކީ "ޢަޞަބިއްޔާ" ގެ މިލްކުވެރި ޖަމާއަތެއްގެ އަމާޒެވެ. މި ސިފައަކީ ޖަމާޢަތުގެ ފަރުދުން ރައްކާތެރި ކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި ސިފައެކެވެ. ނަމަވެސް އިބްނު ޚަލްދޫން ވަނީ ބާރާއި، މުލްކާއި، ލީޑަރޝިޕް ތަފާތު ކުރައްވާފައެވެ. އޭނާ ވިދާޅުވާ ގޮތުގައި ލީޑަރޝިޕް ހިމެނިފައިވަނީ ބާރުގެ ބައެއްގެ ގޮތުގައި ކަމަށެވެ. މި ސިފަ ލިބިފައިވާ މީހަކަށް ނުވަތަ ޖަމާއަތަކަށް އެހެން މީހުންގެ މައްޗަށް ވެރިކަން ކުރުމުގެ ބާރު ލިބިގެން އެހެން މީހުން އޭނާގެ އަމުރަށް ޢަމަލުކުރާނެއެވެ.

އެހެންކަމުން ޖަމާޢަތެއްގެ އަފްރާދުންގެ ތެރޭގައި ވަރުގަދަ އިޙްސާސެއް ނުވަތަ ޢަޞަބިއްޔާއެއް އޮވެގެން މެނުވީ ބާރެއް ހޯދުން ޙާޞިލު ނުކުރެވޭނެއެވެ. ނަތީޖާއެއްގެ ގޮތުން ޢަޞަބިއްޔާގެ ރޫޙު ގެއްލުމުން ޖަމާޢަތަކަށް ނުވަތަ ޤައުމަކަށް އަސަރުކުރެއެވެ. ނަމަވެސް އެ ޖަމާޢަތުން ނުވަތަ ޤައުމަކުން އެމީހުންގެ ވެރިކަން ޤާއިމުވުމުން، ބާރުގެ ބޭނުން ކުރަން ފަށައެވެ. އަދި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، އެކުވެރިންނާއި ގުޅުން ކަނޑާލައި، އަރާމު ދިރިއުޅުމަށް އެމީހުންގެ ދިރިއުޅުން ބަދަލު ކޮށްލައެވެ. މީގެ އިތުރުން އެމީހުންގެ ލަގްޒަރީ ދިރިއުޅުމަކީ މަޑުމަޑުން ވަރުގަދަ ޢަޞަބިއްޔާ ކުޑަވެގެންދާ ކަމެކެވެ. އެހެންކަމުން އެމީހުން ބަލިކަށިވެ، އެމީހުންގެ ދުޝްމަނުންގެ ކިބައިން ރައްކާތެރި ކުރުމަށްޓަކައި ސިފައިންނާއި ވެރިކަމުގެ ދަށުގައިވާ މީހުންގެ ރައްކާތެރިކަމަށް ބަރޯސާވެއެވެ. މިއީ ވަރުގަދަ ޢަޞަބިއްޔާއެއް ހިފަހައްޓާ ޖަމާއަތްތަކުން އެއްބަޔަކު އަނެއްބަޔަކު ވައްޓާލާ ދުވަސްވަރެވެ. އެހެންކަމުން، އިބްނު ޚަލްދޫން ލިޔުއްވާފައިވާ "މުޤައްދިމާ" ގައި ލިޔުއްވާފައިވާ އިޖްތިމާޢީ ތަރައްޤީގެ ދައުރާއި، ޢަސަބިއްޔާގެ ނަޒަރިއްޔާ އަކީ، އިޖްތިމާޢީ ތަރައްޤީގެ ނަޒަރިއްޔާތުގައާއި ދެމެހެއްޓެނިވި ތަރައްޤީއެއް ޤާއިމްކުރުމަށްޓައި ވަރަށް މުހިންމު އަސާސެކެވެ.

ޤަޠަރުގެ ޙަމަދު ބިން ޚަލީފާ ޔުނިވަރސިޓީގެ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒް ގެ ޑީން، ޕްރޮފެސަރ ރަޖަބް ވިދާޅުވާގޮތުގައި، މުސްލިމު ޤައުމުތައް ބަލިކަށިވެ، ބައިބައިވެފައިވަނީ، ތަޢުލީމާއެކު ތަރުބިއްޔަތު ނުވަތަ "ތަޒްކިޔާ" ނުދެވޭތީއެވެ. ނަމަވެސް މިދެންނެވި "ވެލިއު-ބޭސްޑް އެޑިއުކޭޝަން" ގެ މަންހަޖް މީގެ 14 ގަރުނުގެ ކުރިން އަޅުގަނޑުމެންނަށް ﷲ ވަނީ އަންގަވާ ދެއްވާފައެވެ. އެއީ ކީރިތި ޤުރުއާނުގެ ޖުމްޢާ ސޫރަތުގެ 2 ވަނަ އާޔަތުންނެވެ. (هُوَ الَّذِي بَعَثَ فِي الْأُمِّيِّينَ رَسُولًا مِّنْهُمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِن كَانُوا مِن قَبْلُ لَفِي ضَلَالٍ مُّبِينٍ) މާނައީ: "أمّى ންގެ ތެރެޔަށް، އެއުރެންގެ ތެރެއިން رسول އަކު ފޮނުއްވީ އެކަލާނގެއެވެ. އެކަލާނގެ آية ތައް އެއުރެންގެ މައްޗަށް އެކަލޭގެފާނު ކިޔަވައިދެއްވަތެވެ. އަދި އެއުރެން طاهر ކުރައްވަތެވެ. އަދި ފޮތާއި، حكمة އެއުރެންނަށް އުނގަންނައިދެއްވަތެވެ. އޭގެކުރިން އެއުރެން ތިބީ ފާޅުވެ ބަޔާންވެގެންވާ އުރެދުމެއްގައިކަން ކަށަވަރެވެ."

އިބްނު ޚަލްދޫނު ގެ "މުޤައްދިމާ" ގައި ބަޔާން ކުރައްވާފައިވާ "އަޠްވާރުލް ޚަމްސަ" ނުވަތަ ޙަޟާތަރެއް އަރާ ވެއްޓުމުގައި ކަޑައްތުކުރާ 5 މަރުޙަލާގެ ތެރެއިން އެންމެ ފަހު މަރުޙަލާ، އާދެ! ވެއްޓޭ މަރުޙަލާގައި ފެންނާނެކަމަށް ވިދާޅުވެފައިވާ ކަންތައްތަކެއް ނުވަތަ ޢަލާމަތްތަކެއް ވެއެވެ. މިގޮތުން މިއަދު ބަލާލި ކޮންމެ ދިމާލަކުން އަޅުގަނޑުމެންނަށް ފެންނަނީ ނުވަތަ އަޑު އިވެނީ އިސްލާމީ ޙަޟާރަތް ވެއްޓުމުގެ ޢަލާމާތްތަކުގެ ވާހަކައެވެ. ބޭކާރު މަޤާމުތަކާއި، ސިޔާސީ ބޭނުންތަކަށް އެކި ނަމުގައި ދައުލަތުގެ ބައިތުލް މާލު ލޫޓުވުމާއި، އިސްރާފުކޮށް، ބޭކާރު ކުރުމެވެ. ނިކަމެތިން ނިކަމެތިވެ ފަޤީރު ކުރުވާ ތަނެވެ. ތިމާއަށް މަޤާމާއި ފަހި ދިރިއުޅުމެއް އޮވެއްޖެނަމަ، ޤައުމު އަޅުވެތިވުމާއި، ފަސާދަ ވަރިހަމަކޮށްލާ ތަނެވެ. ސަލާމަތީ ބާރުތައް ޤައުމަށާއި، ރައްޔިތުންނަށް އޮންނަންވާ އިޚްލާޞްތެރިކަން ނެތްކަމުގެ ވާހަކައެވެ. ޢާއްމުންގެ ދިރިއުޅުމުގެ ތެރޭގައި އަޚްލާޤީ ދަށު ދަރަޖައިގެ ޢަމަލުތަކާއި ފަސާދަތައް ޢާއްމުވުމެވެ. ޤައުމުގެ ސިލްމާއި، ސަލާމަތާއި، މިނިވަންކަން ދިފާޢު ކުރުމުގެ އިޙްސާސް ގެއްލި، "ޢަޞަބިއްޔާ" ގެ އިޙްސާސް ނެތި ދިއުމެވެ. ބޭރުގެ ޤައުމުތަކުގެ ނުފޫޒުން ޤައުމުގެ ކަންކަން ކަނޑައަޅައި، ހިންގުމެވެ. މިއަދު އަޅުގަނޑުމެންގެ މުޖްތަމަޢުން މި ކަންކަން ނުފެނޭތޯއެވެ؟

ގުޅޭ ޓެގު
comment ކޮމެންޓް