ދިވެހިރާއްޖޭގައި ފޮރެންސިކް ޕެތޮލޮޖީގެ ޚިދުމަތް ޤާއިމްކުރުން

ކްރައިމް ސީންއެއްގައި ފުލުހުން ހަރަކާތްތެރިވަނީ - ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި މުޖްތަމަޢުގައި ހިނގާ މަރުތަކާމެދު މުޢާމަލާތްކުރާ ގޮތަށް ބަލާނަމަ، އޭގެ ބޮޑު ނިސްބަތެއްގެ މަރާއި މުޢާމަލާތު ކުރަނީ ޑޮކްޓަރުން "މަރު ސެޓްފިކެޓް" ގައި ސޮއިކޮށްގެންނެވެ. މިއީ މަރު ސެޓްފިކެޓް ދިނުމުގެ ނިޒާމެވެ. މަރުތަކުގެ ތެރެއިން ޑޮކްޓަރަކު ފޯރުކޮށްދޭ "މަރުގެ ސެޓްފިކެޓް" ނުދެވޭ ޙާލަތްތަކުގައި ނުވަތަ ކަނޑައެޅިފައިވާ މަރުތައް، މަރުގެ ތަހުގީގު ކުރުމުގެ ނިޒާމަށް ވަދެއެވެ.

ފޮރެންސިކް ޕެތޮލޮޖީގެ ޚިދުމަތަކީ މަރުގެ ތަހުގީގު ކުރުމުގެ ނިޒާމުގެ މުހިންމު އަދި މައިގަނޑު ފިކުރީ ބައެކެވެ. މިފަދަ ނިޒާމަށް، ކޮރޯނާގެ ނިޒާމް ނުވަތަ މެޑިކަލް އެގްޒަމިނާގެ ނިޒާމް ނުވަތަ މިނޫންވެސް އެހެން ނަމެއް ދެވިފައި ވީނަމަވެސް މި މަޒްމޫނުގެ މަޤްޞަދަށްޓަކައި، ބޭނުންކޮށްފައިވާނީ ފޮރެންސިކް ޕެތޮލޮޖީގެ ޚިދުމަތެވެ. އެއީ ފޮރެންސިކް މެޑިކޯ-ލީގަލް ޚިދުމަތެއްގެ މައިގަނޑު އަސާސީ ބަހާއަށް އެ ޚިދުމަތް ވާތީއެވެ.

މި މަޟްމޫނުގެ މައިގަނޑު މަޤްޞަދަކީ ފޮރެންސިކް ޕެތޮލޮޖީ ޚިދުމަތެއްގެ އަސާސީ ދައުރާއި، ބަހާތައް ފާހަގަ ކުރުމެވެ. މިފަދަ ނިޒާމެއް ކަނޑައެޅުމަށްޓަކައި މަރުގެ ތަޙްގީގު ކުރުމުގެ ނިޒާމުގެ މަޤްޞަދުތައް ދެނެގަތުން މުހިންމެވެ. މިގޮތުން މިފަދަ މަރުގެ ތަޙްގީގުގެ ގާނޫނީ އޮނިގަނޑުގެ އަސާސީ މަޤްޞަދުތަކަކީ ކޮބައިތޯއާއި، އެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި ބޭނުންވާ ޚިދުމަތްތަކާއި، އެ ޚިދުމަތްތައް ފޯރުކޮށްދޭންޖެހޭ އުޞޫލުތައް ކަނޑައެޅުމަކީ ބޭނުންތެރި ކަމެކެވެ.

މިވަގުތު ދިވެހި ރާއްޖޭގައި ޤާއިމްވެފައިވަނީ، މަރުތައް "ތަހުގީގު" ކުރުމުގެ އަސާސީ ޚިދުމަތް ފޯރުކޮށްދޭ މަރު ސެޓްފިކެޓް ދިނުމުގެ ނިޒާމެކެވެ. ދިރާސާތަކުން ފެންނަ ގޮތުގައި ގިނަ މީހުން (މަރުތަކުގެ ގާތްގަނޑަކަށް %87) އަށް ޞިއްޙީ ފަރުވާގެ ތާރީޚުގެ މައްޗަށް ބިނާކޮށް މަރު ސެޓްފިކެޓް ފޯރުކޮށްދެވެއެވެ. މަރުގެ ތަހުގީގު ނިޒާމަށް ވަންނަނީ (ގާތްގަނޑަކަށް %13) އެވެ.

ދިވެހިރާއްޖޭގެ ޤާނޫނު ނަންބަރު: 2015/29 "ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު" ގެ 69 ވަަނަ މާއްްދާގެ (ހ) ގައި ވަނީ؛ "ޞިއްޙީ ޚިދުމަތުގެ ޤައުމީ ނިޒާުމުގެ ތެރޭގައި ފޮރެންސިކް ތަޙްލީލުތަކާއި ޕޯސްޓްމޯޓަމްއާއި އެފަދައިން ކުރެވޭ ތަޙްލީލުތައް ކުރާނެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒެއް ނުވަތަ އިދާރާއެއް ކަނޑައަޅާނީ މިނިސްޓަރެވެ." މި މާއްދާގެ (ށ) ގައި ވަނީ؛ "މި މާއްދާގެ (ހ) ގެ ދަށުން ކުރާ އެއްވެސް ތަޙްލީލެއް ކުރަންވާނީ މި ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ."

އިތުބާރު ހުރި މަރުގެ ތަޙްޤީޤު ކުރުމުގެ ނިޒާމަކީ ރަނގަޅަށް ހިނގަމުންދާ ޖިނާއީ ޢަދުލުގެ ނިޒާމަކަށް ކޮންމެހެން ބޭނުންތެރި ނިޒާމެކެވެ. މިއީ އިންސާފުވެރި މުޖުތަމަޢެއްގެ ބިންގަލެކެވެ. މަރުގެ ތަޙްގީގު ނިޒާމުގެ އަސާސީ މަޤްޞަދުތައް ބަޔާންވެގެން އެވަނީއެވެ.

  • ޢާންމު މަސްލަހަތަށްޓަކައި، ކަނޑައެޅިފައިވާ މަރުތަކަކީ ޖިނާއީ އަދި މަދަނީ ޢަދުލުގެ މަޤްޞަދަށްޓަކައި މިނިވަންކަމާއެކު ޖަވާބުދާރީވާންޖެހޭ ތަހުގީގެއް ހިންގުމާއި ޝަރީޢަތް ކުރެވޭނެ ކަމެއްކަން ކަށަވަރުކުރުން.
  • މަރުވެފައިވަނީ ކޮންބައެއްކަން ކަނޑައެޅުމާއި، މަރުވީ ކީއްވެގެންކަން ކަނޑައެޅުމާއި، މަރާއި ގުޅިގެން އިތުރު ފިޔަވަޅު އަޅަންޖެހޭތޯ ކަނޑައެޅުން.
  • ތަހުގީގުން ލިބޭ މަޢުލޫމާތު ބޭނުންކޮށްގެން އެހެން މަރުތަކާއި އަނިޔާތައް ހުއްޓުވުމަށް މަސައްކަތްކުރުން.
  • މި މަރުތަކުގެ ސަބަބުން ސީދާ އަސަރުކުރާ އާއިލާއާއި ރައްޓެހިންނާއި އެހެނިހެން މީހުންނަށް އެހީތެރިވުން.

މި ދެންނެވި މަޤްޞަދުތައް ފުއްދުމަށް ބޭނުންވާ ޚިދުމަތްތައް ތިރީގައި ބަޔާން ކުރެވިގެން އެވަނީއެވެ.

  • މަރުތަކުގެ ތެރެއިން ކަނޑައެޅިފައިވާ މަރުތައް ރިޕޯޓްކުރުން.
  • މަރުވެފައިވާ މީހާ ދެނެގަތުން.
  • ހާދިސާ ހިނގި ތަނާއި، އާއިލާއާއި، ރައްޓެހިންނާއި، އެކުވެރިންނާއި، ހެކިވެރިންނާއި، މެޑިކަލް އަދި އެހެނިހެން ރެކޯޑްތައް ހިމެނޭގޮތަށް ފުރިހަމަ މައުލޫމާތު އެއްކުރުން.
  • މަރުވާ ސަބަބާއި ހާލަތު ބެލުމުގެ މެޑިކަލް އަދި ސައިންޓިފިކް ތަހުގީގުކުރުން.
  • މަރުގެ ތަހުގީގުތަކުން އަސަރުކުރާ އާއިލާތަކަށާއި އެހެނިހެން ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމާއި، އެހީތެރިކަން ފޯރުކޮށްދިނުން.
  • މެޑިކަލް އިންވެސްޓިގޭޝަނުން ވާރުތަވެފައިވާ ބައްޔެއް ޖެހުމުގެ ފުރުސަތު ހިމެނޭ ގޮތަށް މުހިންމު ކަންތައްތައް ހާމަވާ އާއިލާތައް ބެލެހެއްޓުން.
  • މަރުގެ ތަހުގީގުގެ މައުލޫމާތާއި ހެކި އެއްކުރުމާއި ބެލެހެއްޓުން.
  • ތަހުގީގުގެ ހެކިތައް ވަޒަންކުރުން.
  • ހޯދުންތަކާއި ލަފާތައް ފޯރުކޮށްދިނުން.
  • މަރުގެ ތަހުގީގު ނިޒާމާ ބެހޭ ގޮތުން އާންމުންނަށް ތައުލީމު ދިނުން.
  • ޚިދުމަތް ފޯރުކޮށްދިނުމުގެ ސިޔާސަތު އެކުލަވާލުން.
  • މަރުގެ ތަހުގީގު ކުރުމާބެހޭ ނިޒާމުގައި މަސައްކަތްކުރާ މުވައްޒަފުންނާއި މަރުގެ ތަހުގީގުގައި ހަރަކާތްތެރިވާ އެހެނިހެން އިދާރާތަކަށް ތަމްރީނު ދިނުން.

މިދެންނެވި މަޤްޞަދުތައް ޙާޞިލުކުރުމަށާއި، ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޢަމަލުކުރަންޖެހޭ އަސާސްތަކާއި، އުސޫލުތައް ތިރީގައި އެވަނީއެވެ.

  • މަރުގެ ތަހުގީގުތައް ހިންގަން ޖެހެނީ އިންސާފާއި ޝަރުއީ ހަމަތަކާއި މިނިވަންކަމުގެ އުސޫލުތައް ތަންފީޒުކޮށްގެން ޝަރުއީ، ގާނޫނީ އޮނިގަނޑެއްގެ ތެރެއިންނެވެ. މީގެ ތެރޭގައި މަރުގެ ތަހުގީގުތަކުގެ އިދާރީ އޮނިގަނޑާއި އިންތިޒާމުތައް ސާފުކޮށް ބަޔާންކުރުމާއި، ވަކިފަރާތަކަށް ނުޖެހި މިނިވަންކަމާއެކު މަސައްކަތްކުރުމާއި، މިކަމުގައި ބައިވެރިވާ ފަރުދުންނާއި އިދާރާތައް ޖަވާބުދާރީވުން ހިމެނެއެވެ.
  • ޤާނޫނީ އަދި އަޚްލާޤީ ޝަރުޠުތަކަށް ރިޢާޔަތްކޮށް، މަރު ތަޙުޤީޤުކުރުމުގެ ހުރިހާ ޚިދުމަތްތަކެއް ދޭންޖެހޭނީ ފަރުވާގެ އުސޫލަކުން ތަފާތު ސަޤާފަތްތަކާއި ޢަޤީދާތަކަށް ރިޢާޔަތް ކޮށްގެންނެވެ.
  • ރިޕޯޓް ކުރެވޭ ކޮންމެ މަރެއް މަރު ތަހުގީގު ކުރުމުގެ ނިޒާމުގެ މަޤްސަދުތައް ހާސިލް ކުރުމަށް ބޭނުންވާ މިންވަރަށް ތަހުގީގު ކުރަން ޖެހޭނެއެވެ.
  • އެ މަޤްޞަދުތައް ޙާޞިލުކުރުމަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދޭންވާނީ ކަމާބެހޭ ތަޖުރިބާ ލިބިފައިވާ ފަރާތްތަކުންނެވެ.
  • މަރުގެ ތަހުގީގުގައި ބައިވެރިވާ ހުރިހާ އިދާރާތަކުން ވެސް އެއްބާރުލުން ދޭ އުސޫލެއް ގެންގުޅެން ޖެހޭނެއެވެ.
  • މަރުގެ ތަހުގީގުތަކުގެ އެއްގޮތް މިންގަނޑުތަކަށް އެންމެހައި އިދާރާތަކުންވެސް އަމަލުކުރަން ޖެހެއެވެ. މިކަމަށްޓަކައި ލިޔެފައިވާ މިންގަނޑުތައް އެކުލަވާލައި އެއަށް އަމަލުކުރަންޖެހެއެވެ.

މެޑިކޯ-ލީގަލް ތަޙްގީގުގައި، ފޮރެންސިކް ޕެތޮލޮޖީގެ ޚިދުމަތަކީ އެ އޮނިގަނުގެ މައިގަނޑު ފަންނީ އަޚްލާގެެވެ. މިއީ ތަރައްޤީ ވެފައިވާ މަރުގެ ތަޙްގީގު ކުރުމުގެ ކޮންމެ ނިޒާމެއްގައި ވެސް އާންމުކޮށް އޮންނަ ޚިދުމަތެކެވެ. ތަރައްޤީވެފައިވާ ޤައުމުތަކުގައި ކޮރޯނަރ، މެޑިކަލް އެގްޒެމިނަރ، ނުވަތަ ފަނޑިޔާރެއްގެ ބެލުމުގެ ދަށުން ތަޙްޤީޤު ކުރެވުނު ނަމަވެސް އަބަދުވެސް ފޮރެންސިކް ޕެތޮލޮޖީގެ ޚިދުމަތް އޮވެއެވެ. މި މަޟްމޫނުގެ ބޭނުމަކީ ނިޒާމުތަކުގެ ފައިދާއާއި ގެއްލުންތަކާ ބެހޭގޮތުން ބަހުސް ކުރުމެއް ނޫނެވެ. ފަންނީ ތަޖްރިބާކާރުންގެ ނަޒަރުގައި، ފޮރެންސިކް ޕެތޮލޮޖީ ޚިދުމަތެއްގެ ފައިދާ ކޮންމެ ނިޒާމެއްގައި ވިޔަސް ފޯރުކޮށްދެވި ދާނެއެވެ. ނަމަވެސް އެއީ ވަސީލަތްތައް ޤާއިމްކޮށް، މަޤްޞަދު ޙާޞިލްވާނަމައެވެ.

މެޑިކޯ-ލީގަލް ފްރޭމްވޯކުގެ މައްޗަށް ރިޢާޔަތް ކުރާއިރު، ޚާއްޞަކޮށް ދިވެހިރާއްޖޭގައި ހިނގާ ޖިނާއީ މައްސަލަތަކާއި، ޞިއްޙީ ޚިދުމަތުގެ ތެރެއިން އިހުމާލުން މީހުން މަރުވާ މައްސަލަތަކާއި، ދައުލަތުގެ މުއައްސަސާގެ ބަންދުގައި ނުވަތަ ބެލުމުގެ ދަށުގައި ހުންނަ މީހުން މަރުގެ މައްސަލަތައް ބެލުމަށް ފުރިހަމަ މެޑިކޯ-ލީގަލް ނިޒާމެއް ޤާއިމްވެފައި އޮތުން މުހިއްމުކަން އެނގިގެން ދެއެވެ. ފާއިތުވި މަހުގެ ތެރޭގައި މަރުވި ދެމީހެއްގެ މައްސަލައިގައި ޕޯސްޓް-މޯޓަމް ހެދުމާއި، ތަޙްޤީޤުގެ ކުރުމުގައި ޢަމަލުކުރެވުނު އުޞޫލުތަކާ ގުޅިގެން ޢާއްމު ރައްޔިތުންނާއި، ޤާނޫނީ ތަޖްރިބާކާރުންނާއި، ޢާއިލާއާއި، ދީނީ ޢިލްމުވެރިން ފާޅުކުރި ކަންބޮޑުވުންތަކުން މިކަމުގެ ޙައްސާސްކަން އަދި މިވަގުތު ޢަމަލުކުރެވޭ ގޮތްތަކުގައި ހުރި ވިދުތައް ހާމަވެގެން ދިޔައެވެ.

މިފަދަ ނިޒާމެއް ޤާއިމް ކުރުމުގެ ޒިންމާވާ ފަރާތަކީ ކޮބައިކަމާއި، އުޞޫލުތައް ކަނޑައަޅައި މުރާޤަބާ ކުރާނެ ފަރާތަކީ ކޮބައިކަމާއި، މިފަދަ މަރުތައް ތަޙްޤީޤުކުރުމުގެ އިޚްތިޞާޞް ލިބިގެންވާ ފަރާތަކީ ކޮބައިކަމާއި، މެޑިކޯ-ލީގަލް ނިޒާމެއްގެ ފުރިހަމަ ޤާނޫނީ އޮނިގަނޑެއް ޤާއިމް ކުރުމުގެ ޒިންމާވާ ފަރާތަކީ ކޮބައިކަން ނޭނގި، ދިވެހި ރައްޔިތުން މިކަމުގެ ކަންބޮޑުވުން މަތީގައި ތިބެންޖެހުމަކީ ހިތާމަ ހުރިކަމެކެވެ. "މެޑިކަލް އެތިކްސް" އާއި "އިސްލާމިކް އެތިކްސް" އާއި "ލީގަލް އެތިކްސް" ގެ ތިލަފަތް ހަމަކުރެވިފައިވާ އުޞޫލުތައް ކަނޑަނޭޅި، މިކަންކަމާ ގުޅިގެން ތިލަވާ މައްސަލަތަކަކީ ދީނީ ހައްދު ފަހަނެޅުމުގެ ކަމަކަށް ހެދުމަށް، ސިޔާސީ ފަރާތްތަކަށް ޖާގަދީގެން، އެކަމުގެ ނާޖާއިޒު ފައިދާ ސިޔާސީ ގޮތުން ނަންގަވަން ތިއްބަވަނީތޯއެވެ؟

ދިވެހި ރާއްޖޭގައި މިވަގުތު އޮތް ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން މެޑިކޯ-ލީގަލް މަރުގެ ތަޙްޤީގެއް ކުރުމުގެ ނިޒާމުގައިހުރި ވިދުތައް ބޮޑެތި ބާގަނޑުތަކަށް ހެދުމަށް ފުރުޞަތު ދީގެން ތިބޭނީ ތޯއެވެ؟ ދައުލަތުގެ މުއައްސަސާއެއްގެ އިހުމާލު އޮތްކަމަށް ބެލެވޭ މައްސަލަތަކާ ގުޅޭ މަރެއްގައި މުސްލިމުންނާމެދު ހައްދުފަހަނަޅާފައިވާ ދައުލަތެއްގެ ޣައިރު މުސްލިމުން ލައްވާ ޕޯސްޓް-މޯޓަމް ހެދުމަށް ބޮޑު ޚަރަދު ކޮށްގެން ކުރުންމަތީގައި ތިބެންވީތޯއެވެ؟

މިބައިމީހުންގެ އަމާނާތްތެރިކަމާމެދު ސުވާލު އުފެދޭ އެތަކެއް ކަމެއް މިއަދު ހިނގަމުންދާއިރު މިކަން ހަމަ ވަރިހަމަތޯއެވެ؟ މިފަދަ ވަސީލަތްތައް ޤައުމެއްގެ ނިސްބަތުން ދިވެހިރާއްޖޭގައި، ޤާއިމްވެފައި ނެތުމުން، ކުރެވޭ ލަދުވެތި ކަމުގެ އިހްސާސް ދިވެހި ރައްޔިތުން ފަދައިން އެހެން ޤައުމުތަކުގެ މުސްލިމުން ވެސް ކުރެއެވެ. ދައުލަތެއްގެ ނިސްބަތުން، ޞިއްޙީ ޚިދުމަތުގެ ޤައުމީ ނިޒާމުގެ ތެރޭގައި ފޮރެންސިކް ޕެތޮލޮޖީގެ ޚިދުމަތެއް ދިވެހިރާއްޖޭގައި ޤާއިމްވެފައި އޮންނަން ޖެހެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް