ޢުމަރުގެ ފާނުގެ ބިމުގެ ސިޔާސަތަށް ބަލާލުމެއް: ބިލާލް ބިން އަލްޙާރިޘްގެ ހާދިސާ

މީގެ މަދު އަހަރުތަކެއްގެ ކުރިއެވެ. އެއިރު ދިވެހިރާއްޖޭގެ ވެރިކަމުގައި ތިއްބެވި ފަރާތްތަކާއި ގާތް ޤައުމަކަށް ނުވަތަ ޤައުމުތަކަކަށް، ދިވެހިރާއްޖޭގެ ރަށްތަކާއި، ބިންތައް ވިއްކާކަމުގެ ތުހުމަތުގެ އިނގިލި ދިގުކޮށް، އެކި ސިފަ ސިފައިގައި އެކަމާ ދެކޮޅަށް އިހްތިޖާޖް ކުރަމުން ދިޔައެވެ. އިދިކޮޅުގައި ތިއްބެވި ފަރާތްތައް، މިއަދު ތިއްބެވީ ވެރިކަމުގައެވެ. ހަމަ ވެރިކަމަށް އައުމާއެކު، ފާއިތުވި އެތަކެއް ސަރުކާރުތަކަކާ މަޝްވަރާކޮށްގެންވެސް އަވައްޓެރި ޤައުމަކުން ކުރަންބޭނުންވެފައި ހުރި ވަރަށް ގިނަކަންކަން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ކޮށް، ނިންމާލައިފިއެވެ. މީގެ އިތުރުން މިއަދު ކުއްލިއަކަށް އަޑު މިއިވެނީ، ދިވެހި ރާއްޖޭގެ ވެރިރަށާއި، ޤައުމީ އެއަރ ޕޯޓާއި ވަރަށް ކައިރި ސަރަޙައްދަކުން، ޞިނާޢީ މަސައްކަތަށް ބޭރުގެ ފަރާތްތަކަށް 99 އަހަރަށް ބިން ވިއްކާލާ ވާހަކައެވެ. ސަރުކާރުން ވިދާޅުވަނީ ބިން ނުވިއްކާ ކަމަށެވެ. އަދި ކިއެއްތަ! ކުއްޔަށް ދެނީއެވެ. އަޅުގަނޑަށް ކުއްލިއަކަށް ހަދާންވީ ބަނީ އިސްރާއީލުންނަށް، ހޮނިހިރު ދުވަހު މަސް ހިފުން މާތް ﷲ މަނާ ކުރެއްވުމުން ދެން އެބައިމީހުން ކަންކުރި ގޮތުގެ ވާހަކައެވެ. ކޮންމެ އަކަސް މި ކޮލަމުން ގަސްދުކުރަނީ މި ދެންނެވި ބަނީ އިސްރާއީލުންގެ ވާހަކަ ދެއްކުމެއް ނޫނެވެ. ރަސޫލާ ﷺ ޞިނާޢީ ނުވަތަ އިސްތިޘްމާރީ (އިންވެސްޓްކުރުން) ކަމެއްގައި ބިލާލް ބިން އަލްޙާރިޘް އަށް ދެއްވާފައިވާ ވަރަށް ބޮޑު ތަނަވަސް ބިމަކާމެދު ޢުމަރުގެ ފާނުންގެ ޚިލާފަތުގައި، އެކަލޭގެ ފާނުން ގެންގުޅުއްވި ސިޔާސަތާމެދު އަލި އަޅުވާލުމަށެވެ. އަދި މިކަމުގައި ދިވެހިރާއްޖެއާގުޅޭ ބައެއް ކަންކަން ފާހަގަކޮށްލުމެވެ.

ތަފާތު ގިނަ ރިވާޔަތްތަކުން މިދެންނެވި ޙާދިސާ ރިވާކުރައްވާފައިވެއެވެ. މިގޮތުން ޔޫނުސް ބިން މުޙައްމަދު ބިން އިސްޙާޤު، ޢަބްދުالله ބިން އަބީ ބަކުރުގެ އަރިހުން ރިވާކުރައްވާފައިވާ ގޮތުގައި، ބިލާލް ބިން އަލްޙާރިޘް އަލްމުޒަނީ ރަސޫލާ ﷺ ގެ އަރިހަށް ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނަށް ދިގު ފުޅާ ބިމެއް، ކަނޑާލަ ދެއްވެވިއެވެ. ޢުމަރުގެ ފާނުންގެ ޚިލާފަތުގައި ޢުމަރުގެ ފާނުން މަދީނާގައި އެކި ކަންކޮޅުތަކުގައި ކުރެވޭ މަސައްކަތްތައް ބައްލަވާ ހެއްދެވިއެވެ. އެއް ދުވަހެއްގައި މި ދެންނެވި ބިމާބެހޭ ގޮތުން ޞަޙާބީއަކާ ސުވާލުކުރެއްވުމުން އެބިމަކީ ރަސޫލާ ﷺ ބިލާލު ބިން އަލްޙާރިޘްގެ ފާނަށް ކަނޑުއްވާ ދެއްވާފައިވާ ބިމެއް ކަމުގައި ދެއްނެވިއެވެ. އަދި އެބިމުގެ ވަރަށް ބޮޑު ބައެއްގައި އުފެއްދުންތެރި މަސައްކަތެއް ނުކުރެވި އޮތްތަން ފެނި ވަޑައިގަތެވެ. އެހެންވެ، ބިލާލް ގެ ފާނު، ޢުމަރުގެ ފާނުންގެ ދަރުބާރަށް ޙާޟިރުވެ ވަޑައިގަތުމަށް ދެންނެވިއެވެ. އެ ބިމާގުޅިގެން އެކަލޭގެ ފާނާއި ޢުމަރުގެ ފާނުންގެ ދަރުބާރުގައި ޞަޙާބީންގެ ޙާޟިރުގައި ސުވާލު ކުރެއްވުމުން، އެބިމަކީ ރަސޫލާ ﷺ އެކަލޭގެ ފާނަށް ކަނޑުއްވާ ދެއްވެވި ވަރަށް ތަނަވަސް ބިމެއް ކަމަށާއި، ނަމަވެސް އަދިވެސް ބޮޑު ބައެއް މަސައްކަތެއް ނުކުރެވި އޮތްކަމަށް ދެންނެވިއެވެ. މަސައްކަތެއް ނުކުރެވި އޮތް ބައި ނަންގަވައި، މުސްލިމުންނަށް ބައްސަވައި ދެއްވަން ޤަޞްދުކުރައްވާ ކަމަށް ޢުމަރުގެ ފާނުން ވިދާޅުވިއެވެ. އެހިނދު، ބިލާލުގެ ފާނުން ދެންނެވިއެވެ. އެބިމާމެދު އެގޮތަށް ޢަމަލު ނުކުރެވޭނެއެވެ. ސަބަބަކީ، އެ ބިމަކީ ރަސޫލާ ﷺ ކަނޑުއްވާ ދެއްވައި، ބިލާލުގެ ފާނަށް ދެއްވާފައިވާ ބިމަކަށް ވާތީއެވެ. ޢުމަރުގެ ފާނުން ބިލާލުގެ ފާނުންގެ ކުރެން އެއްސެވިއެވެ. ރަސޫލާ ﷺ އެ ބިން ދެއްވީ ކޮން ބޭނުމެއްގައި ނުވަތަ ކޮން މަޤްޞަދެއްގައި ތޯއެވެ؟ އާދެ! އެއީ، ކަލޭގެ ފާނުން އެބިމުގައި އިސްތިޘްމާރުކޮށްގެން (އިންވެސްޓްކޮށް)، ފައިދާ ލިބުމަށާއި، ޢާއްމުންނަށް އެއިން ފައިދާ ލިބުމަށެވެ. މި ގޮތަށް އެބިމުގައި އެއްވެސް އުފެއްދުންތެރި މަސައްކަތެއް ނުކުރެވި އޮތުމުން ކަލޭގެ ފާނަށްވެސް އަދި ޢާއްމު ރައްޔިތުންނަށްވެސް އެބިމުން ލިބެންޖެހޭ ފައިދާ ނުލިބެއެވެ. އެހެންކަމުން، އެގޮތަށް އޮތް ބައި ނަންގަވައި މުސްލިމުންގެ މެދުގައި ބަހާލުމަށް ޙުކުމް ކުރައްވައި، އެފަދައިން ޢުމަރުގެ ފާނުން ޢަމަލު ކުރެއްވިއެވެ. އަދި ދަރުބާރުގައި، އެވަގުތު ޙާޟިރުވެ ތިއްބެވި އެންމެހައި ޞަޙާބީން އެކަމުގައި ޢުމަރުގެ ފާނުން ނިންމި ނިންމުމަށް ތާއީދު ކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ރަށްތަކާއި، ބިންތައް ޞިނާޢީ ކަންކަމަށާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ދިނުމުގައި، ހަރުދަނާ ސިޔާސަތެއް ނެތި ދެމުންދާކަން ވަރަށް ސާފެވެ. އެއީ ދެކޮޅުނުޖެހޭ އޮޅުން ބޮޅުން ހުރި ސިޔާސަތު ތަކުގެ ސަބަބުންނެވެ. ބަންޑާރަ ގޯއްޗާއި، އެކި މަޝްރޫޢުތަކަށް ބިން ދިނުން މިކަމުގައި އިސްތިނާއެއް ނެތެވެ. މިފަދަ ކަންކަމުގެ ތެރެއިން ވަރަށް ފާޅުކަން ބޮޑު ދެ ތިން މަޝްރޫޢެއް ނުވަތަ މިސާލެއް މިތަނުގައި ފާހަގަ ކޮށްލާނަމަވެ. އެއް މަޝްރޫޢަކީ، ދިވެހިރާއްޖޭގައި، ބޯހިޔާވަހި ކަމުގެ ތަރައްޤީގެ މަޝްރޫއެއް ހިންގުމަށްޓަކައި، ކުރެވުނު މުޢާމަލާމާތުގެ ތެރެއިން ބޭރުގެ ކުންފުންޏަކަށް، މާލޭގެ ވަރަށް ބޮޑު ދެ ބިމާއި، ދެ ފަޅު ރަށާއި، އަދި ބޯހިޔާވަހި ކަމުގެ މަޝްރޫޢުގައި ތަރައްޤީކުރެވޭ އިމާރާތް ތަކުގެ ކޮމާޝަލް ބައިތައް ދިގު މުއްދަތަކަށް އެފަރާތަށް ލިބޭ ގޮތަށް ކުރެވުނު މުޢާމަލާތެވެ. ބުއްދީގެ ހަމައިން ވިސްނާ ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހައިން އަދި އެހާމެ ސާފުކޮށް މިކަމުގައި، އެކުލެވޭ ނާއިންސާފާއި، ހަމަހަމަކަން ނެތް މިންވަރާއި، ފަސާދަ ސާފު ވާނެކަމަށް ޤަބޫލުކުރެވެއެވެ. ނަމަވެސް، ސަރުކާރުތައް އައިސް ދިޔަ އިރުވެސް މިކަން އޮތީ ހަމަ މިގޮތުގައެވެ.

އެހެން މިސާލެކެވެ. މާލޭގައި ތޮއްޖެހިފައި އޮތް ބޮޑު އާބާދީ އަށް ބޯހިޔާވަހި ކަމުގެ މައްސަލައަށް ޙައްލެއް ކަމަށް ވާންޖެހޭ ތަނެއް ކަމުގައި ހުލުމާލެ ވާންޖެހުނު ނަމަވެސް، ހުޅުމާލޭއިންވެސް ވަކިކަވި ފަރުދުންނަށް ގިނަ އަދަދެއްގެ ބިން ރަމްޒީ އަގެއްގައި ދެވި، އެތަން ތަނުގައި ޞިނާޢީ އެއްވެސް މަސައްކަތެއް ނުފަށާ އޮންނަ އޮތުމަކީ، ހުޅުމާލޭއިން ފެންނަ މިފަދަ މިސާލުތަކުގެ ތެރެއިން މިސާލެކެވެ.

ދެން އޮތް މިސާލަކީ؛ ރިސޯޓް ހެދުމަށާއި، ޞިނާޢީ މަސައްކަތައް ދެއްވާ ރައްރަށާއި، ރަށްރަށުގެ ބައިތަކެވެ. މިފަދަ ރަށެއް ދެކުނުގެ އަތޮޅަކުން ވަރަށް ފަހުން ފެނުނެވެ. ރިސޯޓް ހަދަން ސިޔާސީ ބޭފުޅަކަށް، ދެއްވާފައިވާ އެރަށް ތައްޤީ ނުވެ އޮންނަތާ އެތަކެއް އަހަރުތަކެއް އެއިރު ވެއްޖެކަމަށް އެއަތޮޅުގެ ރައްޔިތުންގެ ފަރާތުން އެނގުނެވެ.

އިތުރު މިސާލެކެވެ. ވެރިކަންކުރާ ޕާޓީ އަށް އިންތިޚާބެއްގައި މާލޭގެ ރަށްވެހިން، ވޯޓު ނުދިނީ ބޯހިޔާވަހިކަމުގެ މައްސައާއި، ފުލެޓާއި، ގޯތި އެފަރާތްތަކަށް ނުދީގެން ކަމަށް ބަޔަކު ބުނަމުން ދިޔައެވެ. ކުއްލިއަކަށް ރިޔާސީ އިންތިޚާބައި ދިމާކޮށް މާލެ ސަރަޙައްދުން އެތައް ހާސް ގޯތި ދޭން ނިންމަވައިފިއެވެ. ގޯތިތައް ހުރި ތަނެއްވެސް، އަދި އެތަންތަން ހެދޭނެ ގޮތެއްވެސް ނެތްކަމަކަށް ވަރަށް ގިނަ ފަރާތްތަކަކުން ދެކޭއިރު، މިދެންނެވި ގޯތި ދިނުމުގެ ސިޔާސަތަކީ، ޤާނޫނު އަސާސީއާއި ޚިލާފަށް ތަފާތު ކުރުމުގެ ތެރެއިން ހެދިފައިވާ ސިޔާސަތެއްކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މިދެންނެވި މިސާލުތަކުން އެނގިގެންދަނީ ކުރިންވެސް ފާހަގަ ކުރިފަދައިން ރައްތަކާއި، ބިންތައް ދިނުމުގައި ދިވެހިރާއްޖޭގައި މިވަގުތު ހުރި ސިޔާސާތުތަކުގައި ހުރި ފޫނުބެދޭ ކަންކަމެވެ. މިކަންކަމުގެ ވާހަކަ ތަކުގެ ތެރެއިން ވަރަށް ފަހުން ޓޫރިޒަމް މިނިސްޓަރާއި ޙަވާލާދީ، ނޫސްތަކުގައި ފާހަގަ ކޮށްފައިވާ ގޮތުގައި، މިފަދަ އެގްރީމެންޓްތައް ހަރުދާވާން ޖެހެއެވެ. އަދި އެއްބަސް ވުމާއި، ޚިލާފުވުމުން ބިންތައް ނުވަތަ ރަށްތައް ދައުލަތަށް ނެގޭނެ ގޮތުގެ މަތިން އެއްބެސްވުންތައް ހެދެން ޖެހޭކަމަށް މިނިސްޓަރަށް ޤަބޫލުފުޅު ކުރެއްވޭ ކަމަށް ފާހަގަ ކޮށްފައި ވެއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓުން ދިވެހިރާއްޖެއާއި ބެހޭގޮތުން "2022 އިންވެސްޓްމަންޓް ކްލައިމެޓް ސްޓޭޓްމަންޓްސް" ގެ ނަމުގައި ނެރެފައިވާ ރިޕޯޓެއްގައިވާ ގޮތުގައި، ދިވެހިރާއްޖެ ސިފަ ކޮށްފައިވަނީ މިފަދައިންނެވެ. "ސެކިއުލަރ ދިވެހިންނަށް ހަމަލާ ދިނުމަށް ވަކާލާތުކުރާ އަދި ޓްރާންސްނޭޝަނަލް ޓެރަރިސްޓް ޖަމާއަތްތަކާ ގުޅިގެން މަދު އަދަދެއްގެ ދިވެހި އަނިޔާވެރި ހަރުކަށި ފިކުރުގެ މީހުންނާ މެދު ވެސް ސީރިއަސް ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހުޅުމާލޭގެ އެތައް ތަނެއްގައި ހަމަލާދިން މީހުން ވަނީ ބިދޭސީ ތިން މީހަކަށް (ޗައިނާގެ ދެމީހަކާއި އޮސްޓްރޭލިއާ މީހެއް) ވަޅިން ހަމަލާދީފަ އެވެ. އައި.އެސްގެ އޮންލައިން ނޫސް އަލް ނަބާގައި ބުނެފައިވާ ގޮތުގައި އދ. އަތޮޅުގެ މަހިބަދޫ ގައި ހިނގި އަލިފާން ރޯކޮށްލި ހާދިސާގެ ޒިންމާ އައި.އެސް އިން ނަގާފައިވާ ކަމަށެވެ. ދީނީ ހަރުކަށި ފިކުރުގެ ސަބަބުން 2021 ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު އައި.އީ.ޑީގެ ހަމަލާއެއްގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ނުވީ ހަމަ ކިރިޔާއެވެ. ނަޝީދަށް ފުރާނައަށް ނުރައްކާވާފަދަ ޒަހަމްތަކެއް ލިބިފައިވާއިރު އެމަނިކުފާނުގެ ސެކިއުރިޓީގެ ބައެއް މީހުންނާއި، އެތަނުގައިތިބި އެހެން މީހުންވެސް ވަނީ ޒަހަމްވެފައެވެ.

ފާއިތުވި އަހަރުތަކުގައި ޢުމްރާނީ ތަރައްޤީގެ ބިޔަ މަޝްރޫޢު ތަކުގެ ސަބަބުން އިގްތިސާދީ ކުރިއެރުމަށް މަގުފަހިވި ނަމަވެސް، އޭގެ ސަބަބުން ދަރަނި ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. ވޯލްޑް ބޭންކް އިން ބުނާ ގޮތުގައި، ދިވެހިރާއްޖޭގެ ދަރަނި އާއި ޖީ.ޑީ.ޕީ ނިސްބަތް (ރޭޝިއޯ) 2018 ވަނަ އަހަރު 58.5 ޕަސެންޓުން 2019 ވަނަ އަހަރު 61.8 ޕަސެންޓަށް އިތުރުވެފައިވެ އެވެ. ފިނޭންސް މިނިސްޓްރީން ބުނާ ގޮތުގައި މި ނިސްބަތް އިތުރަށް ބޮޑުތަނުން އިތުރުވެފައިވަނީ 2020 ވަނަ އަހަރު 138 ޕަސެންޓަށް ކަމަށާއި، މިއީ ސަރުކާރުގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވުމުން އިތުރުވި އިތުރުވުމެއް ކަމަށެވެ."

މި ދެންނެވި ރިޕޯޓުގައިވެސް އިތުރަށް ފާހަގަ ކުރައްވާފައިވާ ގޮތުގައި، ދިވެހިރާއްޖޭގައި ބިމާބެހޭ ޤާނޫނުތަކުގައި ހުރި އޮޅުން ބޮޅުންތަކާއި، ސިޔާސީ ގޮތުން ނުފޫޒުގަދަ ދިވެހި ވިޔަފާރިވެރިންގެ ވާދަވެރިކަން، ދިވެހިރާއްޖޭއަށް ބޭރުގެ ފަރާތްތަކުން އިސްތިސްމާރު (އިންވެސްޓް) ކުރުމަށް ހުރަސްއަޅާ ސަބަބުތަކުގެ ތެރޭގައި ވެއެވެ. ފާހަގަކޮށްލި ބައެއް މިސާލު ތަކުންވެސް މިކަމުގައި ހުރި ޤާނޫނީ އޮޅުން ބޮޅުމާއި، ސިޔާސީ ނުފޫޒުތަކުގެ ފަސާދަ އާއި ހައްދު ފަހަނެޅުން ހާމަވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް