"ޓޫރިޒަމް މާކެޓް ކުރާހެން ރާއްޖޭގެ ތައުލީމީ ދާއިރާ މާކެޓް ކުރެވިދާނެ"

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ --- ފޮޓޯ/ މަޖިލިސް

ރާއްޖޭގައި ޓޫރިޒަމް މާކެޓް ކުރާ ގޮތަށް އިންޓަނޭޝަނަލް ދަރިވަރުންނަށް އަމާޒުކޮށްގެން ތައުލީމީ ދާއިރާ މާކެޓް ކުރެވިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަޙްމަދު ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ މެމްބަރު އަޙްމަދު ވިދާޅުވީ އެ ގާނޫނަށް ގެނެވޭ އިސްލާހުތަކާއެކު ރާއްޖެއިން ބޭރު ދަރިވަރުންނަށް އަމާޒުކޮށް ތައުލީމީ ދާއިރާ އިތުރަށް ފުޅާ ކުރެވިދާނެ ކަމަށެވެ.

"ޓޫރިޒަމް މާކެޓް ކުރާ އުސޫލުން ދިވެހިރާއްޖެއަށް އައިސް ތައުލީމް ހާސިލްކުރަން ބޭނުންވާ، ރާއްޖެއިން ބޭރުގެ އެތައް ދަރިވަރުންނަށް އެމަގު ފަހި ކޮށްދިނުމުގެ ފުރުސަތު އެބައޮތް." މެމްބަރު ވިދާޅުވިއެވެ.

ބައެއް ގައުމުތަކުގައި މެޑިކަލް ޓޫރިޒަމް އަދި އެގްރިކަލްޗަރަލް ޓޫރިޒަމް ހިންގާކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ އެބީދައިން ރާއްޖޭގެ ތައުލީމީ ބައެއް ސިޔާސަތުތައް ބަދަލުކޮށް އެ ދާއިރާ މާކެޓް ކުރެވިދާނެ ކަމަށެވެ.

އެ ބިލަށް ބަހުސް ކުރައްވާ އޭނާ ވިދާޅުވީ ޒުވާނުންނަކީ ތައުލީމީ، ގާބިލް އަދި ހުނަރުވެރި ބަޔަކަށް ހެދުމަށް މި ސަރުކާރުން ކާމިޔާބު ކަމާއެކު އެ މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ.

"މިއަދު އަޅުގަނޑުމެންގެ މި ރާއްޖޭގައި މިވަނީ 15،000 ކުދިންނަށް ހިލޭ ފުރަތަމަ ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތު ފަހި ކޮށްދީފަ." އަޙްމަދު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ ގާނޫނުތަކަށް ހުށަހެޅޭ އެފަދަ އިސްލާހުތަކާއެކު ވިސްނާލަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން ރާއްޖޭގައި މަދުން ނަމަވެސް އިޝްތިހާރު ކޮށްގެން އަގަށް، ދަރިވަރުންގެ އެސައިންމަންޓުތައް ހަދައިދޭ މަންޒަރު ފެންނަ ކަމަށް މެމްބަރު ވިދާޅުވިއެވެ. އެއީ ގާނޫނުން މަނާ ކޮށްފައިވީ ނަމަވެސް އަދިވެސް އެކަން ހިނގަމުންދާ ކަމަށް އަޙްމަދު ވިދާޅުވިއެވެ.

https://sun.mv/152317

ގާނޫނުގައި ބުނެފައި ވަނީ ދަރިވަރު ފުރިހަމަ ކުރަން ޖެހޭ މަސައްކަތެއް އެހެން މީހެއް ލައްވައި އަގު ދީގެން ނުވަތަ އަގު ނުދީވިޔަސް ކުރުވުމަކީ ކުށެއް ކަމަށެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން 5000 ރުފިޔާއިން ޖޫރިމަނާ ކުރަން ގާނޫނުގައި ވަނީ ހިމަނައިފަ އެވެ.

އޭގެ އިތުރުން އަމިއްލައަަށް އަގު ހުށަހަޅައިގެން ވިޔަފާރިއެއް ގޮތުގައި އެސައިންމެންޓް ހެދުމުގެ މަސައްކަތް ކޮށްދިނުމަކީ ވެސް ކުށެއް ކަމަށް ހިމަނައި އެފަދަ ފަރާތެއް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނުގައި ހިމަނާފައިވެ އެވެ.

މެމްބަރު ވިދާޅުވީ އެކަމުގެ ސަބަބުން ކޯސް ނިންމުމަށްފަހު ދަސްވެނިވާ ދަރިވަރުންގެ ކިބައިގައި ހުންނަން ޖެހޭ ފެންވަރު ނުހުންނަ ކަމަށެވެ. ވުމާއެކު ސެޓްފިކެޓް ހާސިލް ކުރާ ދަރިވަރުންގެ ކިބައިގައި ހުންނަން ޖެހޭ ފެންވަރު ހުރިކަން ތައުލީމު ދޭ ފަރާތުން ޔަގީން ކުރަން ޖެހޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ކަނޑައަޅާފައިވާ ޝަރުތައް ލުޔެއް ލިބޭ ގޮތަށް ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމެވެ.

https://sun.mv/167977

އެ ބިލުގައިވާ ގޮތުން ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނީ ކޮލެޖެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މެދުކެނޑުމެއް ނެތި ހިންގަމުން އަންނަތާ މަދުވެގެން 15 އަހަރު ވެފައިވާ ނަމައެވެ.

މިހާރު ގާނޫނު ބުނާގޮތުން ޔުނިވާސިޓިއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނީ މެދުކެނޑުމެއް ނެތި 20 އަހަރު ކޮލެޖެއްގެ ގޮތުގައި ހިންގަމުންދާނަމައެވެ. ގާނޫނުގައިވާ ގޮތުން ރާއްޖެއިން ބޭރު ގައުމެއްގައި އެ ގައުމެއްގެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވެ ހިންގަމުން އަންނަތާ 10 އަހަރުވެފައިވާ ނަމަވެސް ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިދާނެއެވެ.

comment ކޮމެންޓް