ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ކަނޑައަޅާފައިވާ ޝަރުތައް ލުޔެއް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ--- ސަން ފޮޓޯ/ އިބްރާހިމް އިފާޒް

ދިވެހިރާއްޖޭގައި ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ކަނޑައަޅާފައިވާ ޝަރުތައް ލުޔެއް ލިބޭ ގޮތަށް ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމް ހުށަހަޅުއްވާފައިވާ އެ ބިލުގައިވާ ގޮތުން ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނީ ކޮލެޖެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މެދުކެނޑުމެއް ނެތި ހިންގަމުން އަންނަތާ މަދުވެގެން 15 އަހަރު ވެފައިވާ ނަމައެވެ.

މިހާރު ގާނޫނު ބުނާގޮތުން ޔުނިވާސިޓިއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނީ މެދުކެނޑުމެއް ނެތި 20 އަހަރު ކޮލެޖެއްގެ ގޮތުގައި ހިންގަމުންދާނަމައެވެ. ގާނޫނުގައިވާ ގޮތުން ރާއްޖެއިން ބޭރު ގައުމެއްގައި އެ ގައުމެއްގެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވެ ހިންގަމުން އަންނަތާ 10 އަހަރުވެފައިވާ ނަމަވެސް ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިދާނެއެވެ.

މެމްބަރު އިބްރާހިމް ނަސީމް މިއަދު ހުށަހެޅުއްވި ބިލުގައި ވަނީ އިތުރު ޝަރުތުތަކެއް ވެސް ހިމަނާފައެވެ. އެގޮތުން ރަޖިސްޓްރީ ކުރަން ބޭނުންވާ މަރުކަޒަކީ ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރެއިން މަދުވެގެން ތިން ދާއިރާއިން ލެވެލް ހަތަކާއި ނުވައެއްގެ ކޯސްތައް ހިންގަމުން އަންނަ ތަނަކަށް ވާންޖެހެއެވެ.

ގާނޫނަށް ހުށަހެޅި އިސްލާހުގައި ބަޔާންކޮށްފައިވާ ދާއިރާތައް:

- އާޓްސް އެންޑް ހިއުމަނިޓީ
- އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ
- ލައިފް ސައިންސް އެންޑް މެޑިސިން
- ނެޗުރަލް ސައިންސަސް
- ސޯޝަލް ސައިންސަސް

އެ ބިލުގައި ފާހަގަކޮށްފައިވާ އިތުރު ޝަރުތުތަކުގެ ތެރޭގައި ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތެއް ނުވަތަ އެއަށްވުރެ މަތީ ލެވެލްއެއްގެ ޕްރޮގްރާމްތަކުގައި ކިޔަވަމުންދާ 500 ދަރިވަރުން ތިބި ކޮލެޖަކަށް ވެސް އެތަނެއް ވާންޖެހެއެވެ. މީގެ އިތުރުން އެ ކޮލެޖަކީ ރާއްޖެއިން ބޭރުގެ ޔުނިވާސިޓީތަކާއި ޖަމާއަތްތަކާއެކު ބައިނަލްއަގްވާމީ ފެންވަރުގެ ދިރާސާތައް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ތަނަކަށް ވެސް ވާން ޖެހެއެވެ.

ބިލުގައި ބުނީ ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެކަޑެމިކް ޕްރޮގްރާމްތަކުގައި ކިޔަވައިދޭ އެކަޑެމިކް މުވައްޒަފުންގެ ތެރެެއިން މަދުވެގެން 10 ޕަސެންޓް މުވައްޒަފުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމަކީ ވެސް ޝަރުތެއް ކަމަށެވެ.

comment ކޮމެންޓް