ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން އިގުތިޞާދު ތަނެއް ނުދޭ: ޕީއެންސީ މެންބަރުން

މެންބަރު ޝުޖާއު: -- ފޮޓޯ/ މަޖިލިސް

ކައުންސިލަރުންގެ މުސާރަ ބޮޑު ކުރުމަށް ވެރިކަންކުރާ ޕީއެންސީން ތާއީދުކުރާ ކަމަށާއި، ނަމަވެސް ރާއްޖޭގެ އިގުތިޞާދީ ހާލަތު އެކަމަށް މިއަދު ތަން ނުދޭ ކަމަށް، އެ ޕާޓީގެ މެންބަރުން މިއަދު ބުނެފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް މިދިޔަ މެއި މަހުގެ 11ވަނަ ދުވަހު ހުށަހެޅުއްވި ގަރާރުގައިވަނީ، ކައުންސިލުތަކުގެ ރައީސުންގެ މުސާރަ ސެކްރެޓަރީ ޖެނެރަލުންގެ މުސާރައަށް ވުރެ ކުޑަ ކަމަށެވެ. އަދި ނައިބުންގެ މުސާރަ އެގްޒެކްޓިވުންގެ މުސާރައަށްވުރެ ކުޑަ ކަމަށާއި، ކައުންސިލަރުންގެ މުސާރަ ބައެއް މުވައްޒަފުންގެ މުސާރައަށް ވުރެ ވެސް ކުޑަ ކަމަށް ގަރާރުގައިވެއެވެ.

އެ ގަރާރުގައިވަނީ، ލާމަރުކަޒީ ގާނޫނަށް އެކިފަހަރު މަތިން ގެނައި އިސްލާހުތަކުގެ ސަބަބުން، ކައުންސިލަރުންގެ ޒިންމާތައް އިތުރުވެފައިވާ ކަމަށާއި، އެހެންކަމުން ކައުންސިލަރުންނަށް އެކަށީގެންވާ އުޖޫރައެއް ދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ.

މުސާރަތައް ބޮޑުކުރުމަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ހިންގައި، ރަށްރަށުގެ ހިންގުމުގެ މަގާމުތަކުގައި ކައުންސިލަރުން ބެއިތިއްބުމަށާއި، ރަށްރަށުގެ ޚިދުމަތްތައް ރަނގަޅުކުރުމަށް އެޅޭނެ ފިޔަވަޅެއް ކަމަށް، އެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

މީކާއީލް ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުން ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވީ، 2018ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ލިބުނުއިރު ރާއްޖޭގެ އިގުތިޞާދު އޮތީ ރަނގަޅު ހާލަތުގައި ކަމަށާއި، ހެޔޮ ނިޔަތެއް އޮތް ނަމަ 19ވަނަ މަޖިލީހުން ކައުންސިލަރުންގެ މުސާރަ ބޮޑުކުރީސް ކަމަށެވެ.

ނަމަވެސް، އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް 19ވަނަ މަޖިލީހުން އެކަމާ މެދު ނުވިސްނި ކަމަށް ވިދާޅުވެ، ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް އެމްޑީޕީން މި މަޖިލީހުގައި ގަރާރެއް ހުށަހެޅުމަކީ އަޖައިބެއްގެ ގޮތުގައި ޝުޖާޢު ސިފަކުރެއްވިއެވެ.

މީކާއީލް ގަރާރު ހުށަހެޅުއްވި ނިޔަތާ މެދު ސުވާލު އުފައްދަވައި، މި ގަރާރަކީ މަކަރާއި ހީލަތުން ހުށަހަޅައިފައިވާ ގަރާރެއްގެ ގޮތުގައިވެސް އޭނާ ސިފަކުރެއްވިއެވެ.

އެހެންކަމުން، ޝުޖާޢު ވިދާޅުވީ، މި ގަރާރަށް ޕީއެންސީން ތާއީދު ނުކުރާނެ ކަމަށެވެ.

"މި ގައުމު ތަނެއް ނުދޭ މިވަގުތު ސިޔާސީ މީހުންގެ މުސާރަ ބޮޑުކުރާކަށް، އެހެން ނަމަވެސް އަޅުގަނޑު ކުރިން އިޝާރާތްކުރެއްވި ފަދައިން މިއީ އަޅުގަނޑުމެން ޖުމުލަ ގޮތެއްގައި ތާއީދުކުރާ ކަމެއް، އެކަން އިރާދަފުޅުކުރެއްވިއްޔާ މި ދައުރުގައި ދެކޭނެ ކަމަށް ވެސް އަޅުގަނޑު ގަބޫލުކުރަން،" ޝުޖާޢު ވިދާޅުވިއެވެ.

ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވީ، ކައުންސިލުތަކުގައި އެންމެ ބުރަކޮށް މަސައްކަތްކުރަނީ ސިވިލް ސާވަންޓުން ކަމަށެވެ.

ކައުންސިލަރުންގެ މުސާރަ ރަނގަޅުކުރަން މި ސަރުކާރުން މަސައްކަތްކުރާ ކަމަށްވެސް އައިބީ ވިދާޅުވިއެވެ.

ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުالله ޙިލްމީ ވިދާޅުވީ، އެ ބަޔަކު ކުރާ މަސައްކަތަކާ އެއްވަރަށް، އަބުރުވެރިކަމާއެކީ ދިރިއުޅެވޭ ވަރަށް އުޖޫރަ ލިބެން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އެހެން ނަމަވެސް މި ވަގުތަކީ މިއީ އެކިއެކި ފަންތީގެ މުސާރަ ބޮޑުކުރަން އަޅުގަނޑުމެންގެ އިގުތިޞާދު އެހާ ތަންދޭ ވަގުތެއްނޫން،" ސަޢުދުالله ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައިވަނީ ގަރާރު ބަލައިގަތުމަށް ފެނޭތޯވެސް ވޯޓަށް އަހައިފައެވެ. ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ 20ވަނަ މަޖިލީހުން ނިންމީ މި ގަރާރު ބަލައިނުގަތުމަށެވެ. ގަރާރު ބަލައިގަތުމާ އެއްކޮޅަށް 14 މެންބަރުން ވޯޓުދެއްވިއިރު، ނުފެންނަ ކަމަށް 48 މެންބަރަކު ވޯޓު ދެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ހުށަހެޅުއްވި ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމުގެ ގަރާރު، މަޖިލީހުގެ ތަޅުމުން މިއަދު ވަނީ ބޭރުކޮށްލާފައެވެ. ވެރިކަންކުރާ ޕީއެންސީގެ މެންބަރުން މި ގަރާރާ ދެކޮޅަށް ވޯޓުދެއްވީ، މުސާރަ ބޮޑުކުރުމަށް ސިޔާސީ ގޮތުން ތާއީދުކުރި ނަމަވެސް، ރާއްޖޭގެ މިހާރުގެ އިގުތިޞާދީ ހާލަތު އެކަމަށް ތަންނުދޭކަމަށް ކަނޑައެޅުމަށްފަހުގައެވެ. މި ގަރާރަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލަރުންގެ މަސްއޫލިއްޔަތު ބޮޑުވެފައިވުމާއެކު، އެކަށީގެންވާ އުޖޫރައެއް ކަށަވަރުކުރުމުގެ މަގުސަދުގައި ހުށަހެޅުނު ގަރާރެކެވެ. އެހެންނަމަވެސް، ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ މިއީ ކުރީ ސަރުކާރުން ކުރަން އޮތް ކަމެއްކަން ފާހަގަކުރައްވައި، މިއީ ސިޔާސީ މަންފާއަށް ހުށަހެޅި ގަރާރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

  • ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމުގެ ގަރާރު މަޖިލީހުން ބަލައިގަނެފައެއް ނުވެއެވެ. (ނުފެންނަ ކަމަށް 48 ވޯޓު، ފެންނަ ކަމަށް 14 ވޯޓު)
  • ޕީއެންސީން ދެކޭގޮތުގައި ދައުލަތުގެ މިހާރުގެ އިގުތިޞާދީ ހާލަތަކީ މުސާރަތައް ބޮޑުކުރެވޭނެ ފަދަ ހާލަތެއް ނޫނެވެ.
  • އެމްޑީޕީގެ ގަރާރުގެ މައިގަނޑު އަމާޒަކީ ކައުންސިލްތަކުގެ އިސްވެރިންގެ މުސާރަ، އިދާރީ މުވައްޒަފުންނަށްވުރެ ކުޑަވުން ހައްލުކުރުމެވެ.
  • ސަރުކާރުގެ އަމާޒަކީ އިގުތިޞާދު ރަނގަޅުވުމުން، މި ދައުރުގެ ތެރޭގައި ކައުންސިލަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމެވެ.
comment ކޮމެންޓް