މަތީ ތައުލީމާ ބެހޭ ބިލު ރައީސުމްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެ ބިލު ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމާއެކު ގާނޫނަށް އަމަލު ކުރަން ފަށާފައިވަނީ މިއަދުން ފެށިގެންނެވެ.
އެ ގާނޫޫނަކީ ރާއްޖޭގައި ފެންވަރު ރަނގަޅު މަތީ ތައުލީމާއި ތަމްރީނު ދިނުމުގެ ނިޒާމެއް އެކަށައަޅައި ދެމެހެއްޓެނިވި ގޮތެއްގައި މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒުތަކުން ދޭ ހިދުމަތްތައް ކުރިއެރުވުމާއި، އެ ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރާ ގާނޫނެވެ.
ގާނޫނުގެ މައިގަނޑު މަގުސަދަކީ ހަމަހަމަކަމާ އެކު ދިވެހި އެންމެހައި ރައްޔިތުންނަށް ފުރުސަތު ހުޅުވާލެވިފައިވާ، މަތީ ތައުލީމާއި ތަމްރީނު ދިނުމުގެ ނިޒާމެއް ގާއިމުކުރުމާއި ރާއްޖޭގައި ފޯރުކޮށްދެވޭ މަތީ ތައުލީމާއި ތަމްރީނުގެ ހިދުމަތްތަކަކީ ފެންވަރު ރަނގަޅު ހިދުމަތްތަކަކަށް ހަދައި އެ ހިދުމަތްތަކަކީ ކަނޑައެޅޭ ވަކި މިންގަނޑެއްގައި، ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ހިދުމަތްތަކަކަށް ހެދުމެވެ.
އެ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު، މަތީ ތައުލީމުގެ ފެންވަރު ކަށަވަރުކޮށް ވަޒަންކުރުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތްތައްކޮށް މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ދޫކުރާ ސަނަދުތަކުގެ ފެންވަރު ބެލުމުގެ މަސައްކަތްތައް ކުރުމަށްޓަކައި "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ"ގެ ނަމުގައި ސަރުކާރުގެ ވަކި އިދާރާއެއް އުފެދޭނެކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އަދި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުން އައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މުވައްޒަފުން، އެ އިދާރާއަށް ބަދަލުވާނެ އެވެ. އުފެއްދި އޮތޯރިޓީގެ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މިނިސްޓަރު އޮފް ހަޔަ އެޑިއުކޭޝަންއެވެ.
މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަ ކުރަން ޖެހޭ މަސައްކަތެއް އެހެން ފަރާތެއް މެދުވެރިކޮށް ކުރުވުން ނުވަތަ އެހެން ފަރާތަކަށް އަގުދީގެން ކުރުވުމަކީ ކުށެއް ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެެ.
ގާނޫނުގައި ބުނެފައި ވަނީ ދަރިވަރު ފުރިހަމަ ކުރަން ޖެހޭ މަސައްކަތެއް އެހެން މީހެއް ލައްވައި އަގު ދީގެން ނުވަތަ އަގު ނުދީވިޔަސް ކުރުވުމަކީ ކުށެއް ކަމަށެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން 5000 ރުފިޔާއިން ޖޫރިމަނާ ކުރަން ގާނޫނުގައި ވަނީ ހިމަނައިފަ އެވެ.
އޭގެ އިތުރުން އަމިއްލައަަށް އަގު ހުށަހަޅައިގެން ވިޔަފާރިއެއް ގޮތުގައި އެސައިންމެންޓް ހެދުމުގެ މަސައްކަތް ކޮށްދިނުމަކީ ވެސް ކުށެއް ކަމަށް ހިމަނައި އެފަދަ ފަރާތެއް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނުގައި ހިމަނާފައިވެ އެވެ.