ޓެލްއަވީވް (18 ސެޕްޓެމްބަރު 2022): އިސްރާއީލުން ޗިލީއަށް ކަނޑައަޅާފައިވާ ސަފީރުގެ ފަތްކޮޅު ގަބޫލުކުރުމަށް ޗިލީގެ ރައީސް ގެބްރިޔޭލް ބޮރިކް ދެކޮޅު ހެއްދެވުމުން އިސްރާއީލުން ރުޅިގަދަވެ ޗިލީގެ ސަރުކާރަށް ހަރުކަށިކަމާއެކު ރައްދު ދީފިއެވެ.
މިކަމާ ބެހޭގޮތުން އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޗިލީގެ ރައީސް ހިންގެވީ ނާތަހުޒީބު އަމަލެއް ކަމަށާއި އެކަމުގެ ސަބަބުން ދެގައުމުގެ ގުޅުންތައް ވަރަށް ބޮޑަށް ގޯސްވެގެންދާނެ ކަމަށެވެ. އަދި މިއީ ޗިލީގެ ފަރާތުން މިހާތަނަށް ފެނިފައިނުވާ އަމަލެއް ކަމަށާއި މި މައްސަލައާ ބެހޭގޮތުން މަޝްވަރާ ކުރުމަށް އިސްރާއީލުގައި ހުންނަވާ ޗިލީގެ ސަފީރު އިސްރާއީލުގެ ޚާރިޖި ވުޒާރާއަށް ހާޒިރުކޮށް އިހްތިޖާޖުގެ ލިޔުމެއް އޭނާއާ ހަވާލުކޮށްފައިވާނެ ކަމުގައެވެ.
ޗިލީގެ ޚާރިޖީ ވުޒާރާއާ ހަވާލާދީ އެގައުމުގެ އޮންލައިން ނޫހެއްކަމަށްވާ "އެކްސް އެން ޓީ" ބުނާގޮތުން އެގައުމުގެ ރައީސް ގެބްރިޔޭލް ބޮރިކް އިސްރާއީލުގެ ސަފީރުގެ ފަތްކޮޅު ގަބޫލުކުރައްވަން ދެކޮޅު ހެއްދެވީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާދީ އެމީހުންނަށް އަނިޔާކޮށް އެމީހުން މަރައި އަދި ފަލަސްތީނުގެ މައްސަލަ ހައްލުކުރަން ދެކޮޅު ހަދާތީ އެކަމާ ހިތްޕުޅު ހަމަޖެހިވަޑައިނުގެންނެވެ.
ޚާއްސަކޮށް އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ ކުޑަކުއްޖެއްގެ ގަޔަށް ބަޑިޖަހައި ވަރަށް އަނިޔާވެރި ގޮތަކަށް އެދުވަހު އޭނާ ޝަހީދު ކޮށްލުމުން ރައީސް ގެބްރިޔޭލް ބޮރިކްއަށް ވަރަށް ބޮޑަށް އަސަރު ކުރިކަމަށް އެނޫސް ބުނެއެވެ.
ޗިލީއަކީ ކުރިން އިސްރާއީލުގެ އަނިޔާވެރިކަމަށް ބެލުމެއްނެތި އިސްރާއީލާ މުއާމަލާތް ކުރަމުން ގެންދިޔަ ގައުމެކެވެ. އަދި އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްރާއީލު ހިންގާ ސްޓޭޓް ޓެރަރިޒަމްގެ އަމަލުތައް ކުށްވެރި ކުރުމަކީ މީގެ ކުރިން ޗިލީގެ އެއްވެސް ސަރުކާރަކުން ކުރިކަމެއް ނޫނެވެ.
ޗިލީގެ މިހާރުގެ ޒުވާން ރައީސް ގެބްރިޔޭލް ބޮރިކް އަކީ ވާތުފިޔައިގެ ޕާޓީއަކަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާ ޗިލީގެ ރައީސްކަމަށް އިންތިޚާބު ކޮށްފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. ޗިލީގެ އެހެން ރައީސުންނާ ޚިލާފަށް ރައީސް ގެބްރިޔޭލް ބޮރެކްއަކީ އިސްރާއީލުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތަކާއި އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތައް ކުށްވެރިކުރައްވާ ބޭފުޅެކެވެ.
ރިޕޯޓްތައް ބުނާގޮތުން އިސްރާއީލުން ޗިލީ އަށް ކަނޑައެޅި އައު ސަފީރު އެރްތިޒްލީ ރައީސް ގެބްރިޔޭލް އަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްޓަކައި މިދިޔަ ހުކުރު ދުވަހު ޗިލީގެ ރިޔާސީ ގަނޑުވަރަށް ވަޑައިގަތެވެ. ނަމަވެސް އިސްރާއީލުގެ ސަފީރުގެ ފަތްކޮޅު ބަލައިގަތުމަށް ރައީސް ގެބްރިޔޭލް އެދުވަހު ދެކޮޅު ހެއްދެވުމުން އިސްރާއީލުގެ ސަފީރަށް ޖެހުނީ ފަތްކޮޅު އަރުވާނެ ފުރުސަތު ނުލިބި އިސްރާއީލުގެ އެންބަސީއަށް އެނބުރި ދާށެވެ.
ނަމަވެސް ޗިލީގެ ޚާރިޖީ ވަޒީރު އެންތޯނިޔާ އޮރިގޯލާ ވަނީ ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އަންނަ އޮކްޓޯބަރު މަހަށް ފަސްކޮށްފައިވާކަން އިސްރާއީލުގެ ސަފީރަށް ފަހުން އަންގަވާފައެވެ.