ޣައިރު މުސްލިމެއްގެ ޖަނާޒާގައި ބައިވެރިވުން ކަނޑައެޅިގެން މަނާކުރާ ދަލީލެއް ނެތް، ދުއާކޮށްދިނުން ހަރާމް: ޑރ. އިޔާޒް

ދީނީ އިލްމުވެރިޔާ އަދި ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޣައިރު މުސްލިމް މައްޔިތެއްގެ މައްޗަށް ހެޔޮ ދުއާ ކުރުމަކީ ހުރިހާ އިލްމުވެރިން އިޖުމާއުވެލައްވާ ގޮތުގައި ހަރާމް ކަމެއް ނަމަވެސް ޣައިރު މުސްލިމެއްގެ ޖަނާޒާގައި ބައިވެރިވުން ކަނޑައެޅިގެން މަނާކުރާ ދަލީލެއް ނެތް ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެެެވެ.

އިޔާޒް އާންމުކުރެއްވި ބަޔާނެއްގައި މިއަދު ވިދާޅުވީ ޣައިރު މުސްލިމް މައްޔިތެއްގެ މައްޗަށް ހެޔޮ ދުއާ ކުރުން ހަރާމްކަން ތައުބާ ސޫރަތުގެ 84 ވަނަ އާޔަތުން އެނގޭ ކަމަށެވެ.

އެ އާޔަތުގެ މާނައިގައިވެއެވެ. "އެއުރެންގެ ތެރެއިން މަރުވި އެއްވެސް މީހެއްގެ މައްޗަށް ކަލޭގެފާނު ދުވަހަކުވެސް ކަށުނަމާދު ނުކުރައްވާށެވެ! އަދި އެމީހެއްގެ މަހާނަ ދޮށުގައިވެސް ކަލޭގެފާނު ހުއްޓިވަޑައިގެން ނުހުންނަވާށެވެ! ހަމަކަށަވަރުން، އެއުރެން اللَّه އަށާއި، އެކަލާނގެ ރަސޫލާއަށް ކާފިރުވޫއެވެ. އަދި އެއުރެން މަރުވީ، ފާސިގުން ކަމުގައިވާ ޙާލުގައެވެ."

އިޔާޒް ވިދާޅުވީ ކާފިރެއްގެ މައްޗަށް ހެޔޮ ދުއާ ކޮށްދިނުމަކީ ހަރާމް ކަމެއް ކަމާ މެދު ހުރިހާ އިލްމުވެރިން އިޖްމާއުވެލައްވާ ކަމަށް އިމާމް ނަވަވީ ރަޙިމަހުﷲ އެކަލޭގެފާނުގެ "އަލްމަޖްމޫއު"ގައި ލިޔުއްވާފައިވާ ކަމަށެވެ. އަދި ޣައިރު މުސްލިމެއްގެ ޖަނާޒާގައި ބައިވެރިވުމަކީ ހުއްދަނޫން ކަމެއްކަމުގައި ވިދާޅުވާ ބޭފުޅުންގެ ދަލީލަކީ އެކަމަކީ އެބައިމީހުންނަށް ހެޔޮދުއާ ކޮށްދިނުން ފަދަ ކަމަކަށް ވުން ކަމަށް ވެސް އިޔާޒް ވިދާޅުވިއެވެ.

"އެއީ ޤުރްއާނުގެ ސަރީހަ ނައްސުން ހަރާމްކުރައްވާފައިވާ ކަމެއް،" އިޔާޒް ވިދާޅުވިއެވެ.

ނަމަވެސް ޣައިރު މުސްލިމެއްގެ ޖަނާޒާގައި ބައިވެރިވުމަކީ ހުއްދަކަމެއް ކަމަށް އެހެން ބައެއް އިލްމުވެރިން ދެކިލައްވާ ކަމަށް އިޔާޒް ވިދާޅުވިއެވެ. އެގޮތުން، ޣައިރު މުސްލިމަކު މަރުވެއްޖެނަމަ އެމީހެއްގެ އާއިލާއަށް ތައުޒިޔާ ކިޔުމަކީ އިސްލާމްދީނުގައި ހުއްދަކަމެއްކަން އެ އިލްމުވެރިން ފާހަގަކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޒުވާން ޔަހޫދީއަކު ބަލިވެ އުޅެނިކޮށް ރަސޫލާ ޒިޔާރަތްކުރައްވާ އޭނާ އަށް އިސްލާމްދީނަށް ގޮވާލެއްވި. އަދި އެކަމުގެ ސަބަބުން އެޔަހޫދީމީހާ އިސްލާމްވި. މިޙާދިޘާ ޞަޙީޙޫލް ބުޚާރީ ގައި ގެންނަވާފައިވޭ،" އިޔާޒްގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން، މަރުވި ޣައިރު މުސްލިމަކީ އާއިލާގެ މީހެއް ނަމަ ޖަނާޒާގައި ބައިވެރިވުން ހުއްދަވާ ކަމަށް ބައެއް އިލްމުވެރިން ވިދާޅުވާކަން އިޔާޒް ފާހަގަކުރެއްވިއެވެ. އަދި މުސްލިމުންގެ މަސްލަހަތު ހުރި ކަމެއް ކަމަށް ވަނީ ނަމަ ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތްވުމަށްޓަކައި ޣައިރު މުސްލިމެއްގެ ޖަނާޒާގައި ބައިވެރިވުމަކީ އެންމެ ރަނގަޅު ކަމެއްކަން ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވާ ކަމަށް ވެސް ޑރ. އިޔާޒް ވިދާޅުވިއެވެ.

އިޔާޒް އެ ބަޔާން ނެރުއްވީ، އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނައިގެ ޖަނާޒާއަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ފުރާވަޑައިގަންނަވާނެކަން އިއުލާންކޮށްފައި ވަނިކޮށެވެ.

comment ކޮމެންޓް