ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެއިން ބިން ދޫކުރުމުގެ މަޝްރޫއު މިހާރު ރޭވިފައިވާ ގޮތުން މުސްތަގުބަލުގައި ދިވެހިރާއްޖެއަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި، އެހެންކަމުން އެ މަޝްރޫއު ކުރިއަށް ނުގެންގޮސް ވަގުތުން ހުއްޓާލުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގޮވާލައްވައިފިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސޯލިހު ވިދާޅުވީ، ރަސްމާލެއިން ބިން ދޫކުރަނީ "ދާއިމަށް" ކަމަށާއި، މި މުއާމަލާތުން ހަމައެކަނި ފައިދާވަނީ އެ ކުންފުންޏަށް ކަމަށެވެ. އަދި އާންމުކޮށް ހިންގާ ރަނގަޅު ވިޔަފާރި މުއާމަލާތްތަކުގައި މުދާ ވިއްކާ ފަރާތާއި ގަންނަ ފަރާތަށް، ނުވަތަ ކުއްޔަށް ދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތަށް ވެސް ފައިދާވާން ޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ސޯލިހު ފާހަގަކުރެއްވި ގޮތުގައި، ދައުލަތުގެ ބަޖެޓުން ނުވަތަ ރައްޔިތުންގެ ފައިސާއިން 700 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޭދަކޮށްގެން ހިއްކާ 500 ހެކްޓަރުގެ ބިން އީގަލް ހިލްސްއަށް ދެނީ ހިލެއެވެ.
https://x.com/ibusolih/status/2115719370186133650
މީގެ އިތުރުން އެ ކުންފުނިން އަޅާނެ ކަމަށް ބުނާ 5,000 ހައުސިން ޔުނިޓް ވެސް ދިވެހި ސަރުކާރުން ގަންނަން ޖެހޭއިރު، މުޅި މި މުއާމަލާތުން ދައުލަތަށް އެއްވެސް ފައިސާއެއް ނުލިބޭ ކަމަށާއި މާލީ ގޮތުން ލިބޭ އެއްވެސް ފައިދާއެއް ފެންނަން ނެތް ކަމަށް ވިދާޅުވިއެވެ.
"500 ހެކްޓަރު ބިން ހިއްކަނީ ދިވެހި ރައްޔިތުންގެ ފައިސާއިން 700 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޭދަކޮށްގެނެވެ. އީގަލް ހިލްސްއަށް ދެނީ ހިލޭއެވެ. ދައުލަތަށް ލިބޭ އެއްވެސް ފައިސާއެއް ނެތް،" ސޯލިހު ލިޔުއްވާފައިވެއެވެ.
ސަރުކާރުން ބުނަމުންދަނީ ފުށިދިއްގަރުފަޅުން ހިއްކާ ރަސްމާލޭގެ 500 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް 99 އަހަރުގެ މުއްދަތަށް އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް އެ ކުންފުންޏަށް ދޫކުރި ނަމަވެސް، މަޝްރޫއު ނިމުމުން ގައުމަށް ގިނަ ފައިދާތަކެއް ވާނެ ކަމަށެވެ.
އެހެން ނަމަވެސް، އެ މުއްދަތު ހަމަވުމުގެ ކުރިން އެހެން ފަރާތަކަށް ބިން ވިއްކާލައިފިނަމަ އަނެއްކާވެސް 99 އަހަރުގެ އާ މުއްދަތެއް ފެށޭނެ ކަމަށް އީގަލް ހިލްސްއިން ބުނެފައިވެއެވެ. މި މަޝްރޫއުގެ ކޮމާޝަލް ޓާމްސްގައި ސޮއިކޮށްފައި ވަނީ ސެޕްޓެމްބަރު 21 ގައެވެ.
މި މައްސަލައާ ގުޅިގެން ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެގޮތުން ބޯހިޔާވަހިކަމަށް ރައްޔިތުން އެދިއެދި ތިއްބައި ބޭރުގެ ބަޔަކު އާބާދުކުރުމަށް ބިން ދިނުމަކީ ރައްޔިތުންގެ އުންމީދުތަކުގައި ކޮޅުފައިން ޖެހުން ކަމަށް އޭނާ ވިދާޅުވިއެވެ. މި މައްސަލަ ހުއްޓުވުމަށް ސުޕްރީމް ކޯޓަށް އަލީ ހުސައިން ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމެވުމުން، އެ ނިންމުން މުރާޖާކޮށްދިނުމަށް މިހާރު ވަނީ އަލުން ހުށަހަޅާފައެވެ.
މީގެ އިތުރުން އިދިކޮޅު އެމްޑީޕީން ވެސް ދަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ޕާޓީގެ މަޖިލިސް މެންބަރުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައާއި ގަރާރު ހުށަހެޅި ނަމަވެސް، މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ސަރުކާރު ހިންގާ ޕާޓީން ވަނީ އެ މައްސަލަތައް ބޭރުކޮށްލާފައެވެ.