ދަރިމައިނުވުމުގެ މައްސަލައަށް އާސަންދަ ދޭން ގޮވާލާ ގަރާރު ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް: ދަރިމައިނުވުމުގެ މައްސަލައަށް އާސަންދަ ދޭން ގޮވާލައްވައި މީކާއިލް ހުށަހެޅުއްވި ގަރާރު މަޖިލީހުން ވަނީ ބަލައިގަނެފަ --- ފޮޓޯ/ މަޖިލިސް

ދަރިމައިނުވުމުގެ މައްސަލައަށް ބޭސްކުރަމުންދާ މީހުންނަށް އާސަންދައިގެ ދަށުން ފޯރުކޮށްދެވޭނެ ޚިދުމަތްތަކަކީ ކޮބައިތޯ ދެނެގަނެ، އެ ޚިދުމަތްތައް ފޯރު ކޮށްދެވޭނެ ހަރުދަނާ އުސޫލަކާއި މިންގަނޑެއް ކަނޑައެޅުމަށް ގޮވާލާ ގަރާރު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.

ދަރިމައިނުވުމުގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ހުށަހަޅުއްވާފައިވާ ގަރާރު މަޖިލީހުން ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 45 މެންބަރުންގެ އިއްތިފާގުންނެވެ. އެއާއެކު އެ ގަރާރު ދިރާސާ ކުރުމަށް އިޖުތިމާއީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

އެ ގަރާރު ހުށަހަޅުއްވަމުން މީކާއީލް ވިދާޅުވީ ދަރިމައިނުވުމުގެ މައްސަލަ ތަހައްމަލު ކުރަންޖެހިފައިވާ ރައްޔިތުންނަށް އާސަންދައިގެ ދަށުން ބޭސްފަރުވާގެ ފުރުސަތުތައް މިހާރަށްވުރެ ފުޅާކޮށް ފަސޭހަ ކުރަން ޖެހޭ ކަމަށެވެ.

އެ ގަރާރުގައި ބުނީ މިހާރު ރާއްޖޭގެ އިޖްތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމު ބައްޓަންވެފައި އޮތް ގޮތުން އެ ނިޒާމުގެ ދަށުން ދަރިމައިނުވުމުގެ މައްސަލައަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތުތައް އިންތިހާއަށް ހަނިވެފައިވާ ކަމަށެވެ. އަދި އެ މައްސަލައަށް ބޭސްފަރުވާ ކުރާ މީހުންނަށް ބޭނުންވާ ބައެއް ބޭހުގެ ބާވަތްތައް ރާއްޖެއިން ހޯދުމުގައި ދަތިވެ، ބައެއް އަސާސީ ބޭސްތައް އާސަންދައިން ނުލިބޭ ކަމަށް ގަރާރުގައިވެއެވެ.

އެހެންކަމުން އެ މައްސަލައަށް ހައްލެއް ގެނައުމަށް އެކަމާ ގުޅޭ ގައުމީ ފެންވަރުގެ ދިރާސާއެއް ހެދުމުގެ މުހިންމުކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ. އަދި ދަރިމައިނުވުމުގެ މައްސަލައަށް ބޭނުންކުރާ ބައެއް އަސާސީ ފެންވަރުގެ ބޭސްތައް ފަސޭހައިން ރާއްޖެއިން ލިބޭނެ މަގު ތަނަވަސްކޮށްދިނުން ފަދަ ކުރު ރާސްތާގައި އެޅޭނެ އަވަސް ފިޔަވަޅުތައް އެޅުމަށް ގަރާރުގައި ގޮވާލާފައިވެއެވެ.

މީގެ އިތުރުން އެ މައްސަލައަށް ރާއްޖޭގެ އިގްތިސާދީ ފެންވަރާ އެކަށީގެންވާ ޖުމްލަ ހައްލެއް ހޯދައިދިނުމަށް ގޮވާލާ ކަމަށް ވެސް މީކާއީލް ވިދާޅުވެފައިވެވެ.

އެ ގަރާރުގެ އިތުރުން ދެން މަޖިލީހުގައި މިއަދު ވޯޓަށް އެހީ، ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) ސަސްޕެންޑުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލައި ކުރީގެ އިކޮނޮމިކް މިނިސްޓަރު މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ހުށަހެޅުއްވި ގަރާރު ބަލައިގަތުމާ ބެހޭ ގޮތުންނެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވި މައްސަލަތަކާއެކު، އެ ގާނޫނުގެ ބައެއް ބައިތަކަށް އަމަލުކުރުން ހުއްޓާލީ ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން ނުވަތަ އިތުރު ރުފިޔާ ޗާޕް ކުރެވޭނެ ގޮތަށެވެ.

އެ ސަސްޕެންޝަންގެ މުއްދަތު ދެ ފަހަރު ވަނީ އިތުރުކޮށްފައެވެ. މަޖިލީހުން އެންމެ ފަހުން ފާސްކޮށްފައި ވަނީ ސަސްޕެންޝަންގެ މުއްދަތު އަންނަ އަހަރުގެ ޑިސެމްބަރު 31އާ ހަމައަށް އިތުރުކުރުމަށެވެ.

ޕެންޑަމިކްގެ ހާލަތު މިހާރު އާންމު ހާލަތަކަށް ބަދަލުވެފައިވާ ކަމަށާއި ރާއްޖޭގެ ޖީޑީޕީ ވެސް 13 ޕަސެންޓް ކުރިއަރައި އިގްތިސާދު ވެސް ރަނގަޅު ވާނެ ކަމަށް ސަރުކާރުން ވެސް ބުނެފައިވާ ކަމަށް އެ ގަރާރުގައި ވެ އެވެ.

ސައީދު ހުށަހެޅުއްވި ގަރާރުގައި ވަނީ ކޮވިޑް ބަލިމަޑުކަމުގެ ހާލަތު މިހާރު އާންމު ހާލަތަކަށް ބަދަލުވެފައިވާ ކަމަށާއި ރާއްޖޭގެ ޖީޑީޕީ ވެސް 13 ޕަސެންޓު ކުރިއަރާފައިވާ ކަމަށެވެ. އެހެންކަމުން ހަރަދުތަކަށް ޒިންމާވުމުގެ ގާނޫނުގެ ބައިތަކަށް އަމަލުނުކޮށް އޮތުމަކީ ބޭނުންތެރި ކަމެއް ނޫން ކަމަށް ގަރާރުގައިވެއެވެ.

އެ ސަސްޕެންޝަން ނިމުމަކަށް ގެނައުމަށް ގޮވާލާ ގަރާރު ބަލައިގަތުމަށް ވޯޓު ދިނީ ހަ މެންބަރުންނެވެ. އެ ގަރާރާ ދެކޮޅަށް 26 މެންބަރުން ވޯޓު ދެއްވިއެވެ.

ހަމައެއާއެކު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ފުލުހުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމާ ބެހޭ ގަރާރާއި ޖޭއެސްސީއަށް ބަދަލު ގެންނަން މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތާރިގް ތިން ވަނަ ފަހަރަށް ހުށަހަޅުއްވާފައިވާ ބިލް ބަލައިގަތުމާ ބެހޭ ގޮތުން ވެސް މިއަދު ވޯޓަށް އެހިއެވެ.

އޭގެ ތެރެއިން ޖާބިރުގެ ގަރާރު ބަލައިގަތުމަށް ފަސް މެންބަރުން ވޯޓު ދެއްވިއިރު ގަރާރާ ދެކޮޅަށް 31 މެންބަރުން ވޯޓު ދެއްވިއެވެ. އަދި ތާރިގްގެ ބިލް ބަލައިގަތުމާ ދެކޮޅަށް 37 މެންބަރުން ވޯޓު ދެއްވިއިރު ބިލް ބަލައިގަތުމަށް ވޯޓު ދެއްވީ ހަ މެންބަރުންނެވެ.

ޖާބިރު ހުށަހެޅުއްވި ގަރާރުގައި ވަނީ ފުލުހުންނަށް އެއްގަމާއި ކަނޑާއި ވައިގެ މަގުން ދަތުރުކުރެވޭނެ އެންމެ ޒަމާނީ އުޅަނދުތައް ދައުލަތުން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އަދި އިންފްލޭޝަނާއި މުދަލާއި ހިދުމަތުގެ އަގާއި އިގުތިސާދަށް އަންނަ ބަދަލުތަކާއެކު ފުލުހުންގެ މުސާރަ ބޮޑުވާން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ގަރާރުގައި ޖާބިރު ވިދާޅުވެފައިވެއެވެ. އެހެންކަމުން އޭނާ ގޮވާލައްވާފައި ވަނީ މި އަހަރު ނިމުމުގެ ކުރިން ފުލުހުންގެ މުސާރައަށް މަދުވެގެން 30 ޕަސެންޓުގެ ކުރިއެރުމަށް ގެނައުމާ ބެހޭ ގޮތުން މަޖިލީހުގައި ބަހުސް ކުރުމަށެވެ.

ޖޭއެސްސީއަށް ބަދަލު ގެނައުމަށް ތޯރިގް ހުށަހެޅުއްވި އިސްލާހުގައި ވަނީ އެ ކޮމިޝަނުގެ މެންބަރުންގެ އަދަދު އަށަކަށް މަދުކުރުމަށާއި އެ ކޮމިޝަނުގައި ސިޔާސީ އެއްވެސް މީހަކު ނުހިމެނުމަށާއި އެއްވެސް ފަނޑިޔާރަކު ވެސް ނުހިމެނުމަށެވެ.

އެ ބިލު ތޯރިގު އެންމެ ފުރަތަމަ ހުށަހެޅުއްވީ 2020ގައެވެ. ނަމަވެސް އެ އަހަރުގެ އޮކްޓޯބަރު މަހުގެ 27ގައި މަޖިލީހުން އެ ބިލު ބޭރުކުރިއެވެ. އޭގެ ފަހުން މިއަހަރުގެ ފުރަތަމަ ދައުރަށް ވެސް އޭނާ އެ ބިލު ހުށަހެޅުއްވިއެވެ. ނަމަވެސް ބިލް ބަލައިގަތުމާ ބެހޭ ގޮތުން މިދިޔަ ފެބްރުއަރީ މަހުގެ 22ގައި ނެގި ވޯޓުގައި 60 މެންބަރުންގެ ތެރެއިން 46 މެންބަރުން ވޯޓު ދެއްވީ ބިލު ބަލައިނުގަތުމަށެވެ. އެ ބިލު ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ 11 މެންބަރުންނެވެ.

comment ކޮމެންޓް