ޕާކިސްތާނު އަތުންވެސް ރާއްޖޭގެ އަންހެން ޓީމަށް ބޮޑު ބައްޔެއް

ޕާކިސްތާނު ޓީމުގެ ނާދިއާ --- ފޮޓޯ/ އަލީ ހަސަން، ޕާކިސްތާނު

ސާފް ޗެމްޕިއަންޝިޕްގައި މިއަދު ޕާކިސްތާނުއަތުން ތަފާތުބޮޑު ނަތީޖާއަކުން ބަލިވެ، ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ކުޅެންޖެހޭ އެންމެ ފަހު މެޗު ނިންމާލައިފިއެވެ.

ނޭޕާލްގެ ކަތަމަންޑޫގައި މިހާރު ކުރިއަށްދާ އަންހެނުންގެ ސާފްގޭމްސް ފުޓްބޯޅަ މުބާރާތުގައި ޕާކިސްތާނާއި ރާއްޖެ ބައްދަލުކުރި މެޗު ޕާކިސްތާނު ކާމިޔާބުކުރީ 7-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ތަރިއަކީ ޕާކިސްތާނު ޓީމުގެ ނާދިއާ ޚާނެވެ. މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީ ޕާކިސްތާނުގެ ޓީމުންނެވެ.

މެޗުގައި ޕާކިސްތާނަށް ގޯލް ހުޅުވާލަދިނީ 39 ވަނަ މިނެޓް ތެރޭގައި ރަމީން ފަރީދުއެވެ. ފުރަތަމަ ހާފްގެ ކުޅުން ނިމުމުގެ ކުރިން ޕާކިސްތާނުން ވަނީ ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ޚަދީޖާ ކަޒްމީއެވެ.

ދެވަނަ ހާފުގައި ޕާކިސްތާނު ފެނުނީ ފުރަތަމަ ހާފަށްވުރެ ވަރުގަދަކޮށެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައި ޕާކިސްތާނުން ވަނީ ފަސް ގޯލް ޖަހާފައެވެ. ދެވަނަ ހާފުގައި ޕާކިސްތާނުން ރާއްޖެކޮޅަށް ޖެހި ގޯލްގެ ތެރެއިން ހަތަރު ގޯލް ޖަހާފައިވަނީ ނާދިއާ ޚާނެވެ. މެޗުގައި ޕާކިސްތާނުގެ އެންމެ ފަހު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިތުރު ވަގުތު ކުޅުމުގެ ތެރޭގައި އަންމޯލް ހީރާއެވެ.

ލަނޑު ޖެހުމަށްފަހު ޕާކިސްތާނު ޓީމުން އުފާފާޅުކުރަނީ --- ފޮޓޯ/ އަލީ ހަސަން، ޕާކިސްތާނު

ރާއްޖެ އަތުން ތަފާތުބޮޑު ނަތީޖާއަކުން ޕާކިސްތާނު މޮޅުވެފައިވާއިރު، މިއީ ވޭތުވެދިޔަ އަށް އަހަރު ދުވަހުގެ ތެރޭގައި ޕާކިސްތާނުގެ އަންހެން ފުޓްބޯޅަ ޓީމު މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ.

މިމެޗުގައި ޕާކިސްތާނުގެ ނާދިއާ ހަތަރު ލަނޑު ކާމިޔާބުކޮށްފައިވާއިރު، މިއީ ޕާކިސްތާނު އަންހެން ކުޅުންތެރިއަކު އެއް މެޗެއްގައި ގައުމީ ޓީމަށް މިހާ ގިނަ ލަނޑުޖެހި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް