އިންސާނުން އަޅުވެތި ކުރުމުގެ ޖަރީމާ އަދިވެސް ދުނިޔޭގައި ހިންގާ: އައިއެލްއޯ

"އައިއެލްއޯ"ގެ ރިޕޯޓް ބުނާގޮތުން މިދިޔަ އަހަރު ނިމުނުއިރު ދުނިޔޭގެ އެކިގައުމުތަކުގައި 50 މިލިޔަނަށްވުރެ ގިނަ މީހުން އިންސާނުންގެ އަޅުވެތިކަމުގައި އުޅެން މަޖްބޫރު ކޮށްފައިވޭ --- ފޮޓޯ/ އޭއެފްޕީ

އދ. މަޖިލިސް (13 ސެޕްޓެމްބަރު 2022): އިންސާނުން އަޅުވެތި ކުރުމުގެ ޖަރީމާ އަދިވެސް ދުނިޔޭގައި ހިންގާ ކަމަށާއި ތަރައްގީވެފައިވާ ގައުމުތައްވެސް މިޖަރީމާ ހިންގުމުން އިސްތިސްނާ ނުވާކަމަށް އދ.އިން ބުނެފިއެވެ.

އދ.ގެ ޖަމްއިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން (އައިއެލްއޯ)އިން ކުރި ސާވޭއަކަށްފަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވާގޮތުން ތަރައްގީވެފައިވާ ގައުމުތަކާއި ތަރައްގީވަމުންދާ ގައުމުތަކުގައިވެސް އިންސާނުން އަޅުވެތި ކުރުމުގެ ޖަރީމާ ހިންގަމުން ގެންދެއެވެ.

މިޒަމާނުގައި އިންސާނުން އަޅުވެތި ކުރުމުގެ ޖަރީމާގެ ގޮތުގައި "އައިއެލްއޯ" އިން ސިފަކުރަނީ އިންސާނުންގެ ރުހުމާ ދެކޮޅަށް ގަދަބާރުން ހިލޭ ސާބަހަށް މަސައްކަތްކުރުވުމާއި އުޖޫރައެއް ދިން ނަމަވެސް މަސައްކަތާ އެކަށީގެންވާ ވަރަށްވުރެ މާކުޑަ އުޖޫރައެއް ދީގެން މަސައްކަތްކުރުވުމާއި ނުރުހުމުގައާއި ނުރުހޭ މީހުންނާ ކައިވެނި ކުރަން މަޖްބޫރު ކުރުވުން ފަދަ އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތަކަށެވެ.

"އައިއެލްއޯ"ގެ ރިޕޯޓް ބުނާގޮތުން 2021 ވަނަ އަހަރު ނިމުނުއިރު ދުނިޔޭގެ އެކިގައުމުތަކުގައި 50 މިލިޔަނަށްވުރެ ގިނަ މީހުން އިންސާނުންގެ އަޅުވެތިކަމުގައި އުޅެން މަޖްބޫރު ކޮށްފައިވެއެވެ. މި ރިޕޯޓްގައިވާ ގޮތުން 2021 ވަނަ އަހަރު 28 މިލިއަން މީހުން މަސައްކަތުގެ އަޅުވެތިކަމުގައި ވަނީ ބަނދެވިފައެވެ.

މީގެތެރޭގައި ރުހުމާ ދެކޮޅަށް މަސައްކަތް ކުރުވުމާއި އުޖޫރައެއް ދިން ނަމަވެސް ކުރާ މަސައްކަތާ އެކަށީގެންވާވަރަށްވުރެ މާ ކުޑަކުޑަ އުޖޫރައެއް ދީގެން މަސައްކަތް ކުރަން މަޖުބޫރުކުރުވުމާއި މަޖްބޫރުވުން ހިމެނެއެވެ. މިފަދަ މީހުންނަކީ ހިޔުމަން ޓްރެފިކިން ނުވަތަ އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވެފައިވާ މީހުންނެވެ. މީގެތެރޭގައި ގިނައީ ފިރިހެނުންނާއި ފިރިހެން ކުދިންނެވެ.

މީގެއިތުރުން ނުރުހުމުގައި ކައިވެނިކުރަން މަޖްބޫރު ކުރުވައިގެން މަޖްބޫރު ކައިވެނިތަކުގައި އުޅެންޖެހިފައިވާ މީހުންގެ އަދަދު 22 މިލިޔަނަށް އަރައެވެ. މީގެތެރޭގައި ގިނައީ އަންހެނުންނާއި އަންހެން ކުދިންނެވެ.

އިންސާނުން މިކަސްތޮޅުތަކުން މިނިވަންކޮށް 2030 ވަނަ އަހަރުގެ ކުރިން ދުނިޔޭން އަޅުވެތިކަން ނައްތާލުމަކީ އދ. ގެ ސާސްކަފް ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ލަނޑުދަނޑިއެކެވެ. މި ލަނޑުދަނޑި މިގޮތަށް އޮތްކަމަށްވިޔަސް "އައިއެލްއޯ" ބުނާގޮތުން އަޅުވެރިކަން ދުނިޔޭގައި ދަނީ އިތުރުވެ ފުޅާވަމުންނެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު 2016ން 2021 ށް އަޅުވެތިކަންވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ކޮވިޑްގެ ވަބާއަކީވެސް އަޅުވެތިކަން އިތުރުވުމުގެ ސަބަބެކެވެ.

"އައިއެލްއޯ" ގެ ރިޕޯޓް ގައިވާގޮތުން ނުރުހުމުގައި ކުޑަކުދިންނާ ކައިވެނި ކުރުމާ އަދި ބޮޑެތިމީހުންވެސް އެމީހުންގެ ނުރުހުމުގައި ނުވަތަ ނުރުހޭ މީހުންނާ ކައިވެނިކުރަން މަޖްބޫރު ކުރުވުމުގެ މައްސަލަ އެންމެ ބޮޑީ އަފްޣާނިސްތާނު، ބަންގްލާދޭޝް، ޔޫގެންޑާ، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، ޔަމަން އަދި މިސްރާއި ނައިޖީރިޔާ ފަދަ ގައުުތަކުގައެވެ. މިއީ ހަމައެކަނި ވަކި ގައުމުތަކެއްގެ މައްސަލައެއް ނޫންކަމާ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގައިވެސް މިކަން އޮންނަކަމަށް "އައިއެލްއޯ"ގެ ރިޕޯޓް ބުނެއެވެ.

އަނެއްކޮޅުން އިންސާނުންގެ ނުރުހުމުގައި މަސައްކަތްކުރުވުމާއި ހިޔުމަން ޓްރެފިކިން ނުވަތަ އިންސާނުންގެ ވަގުފާރީގެ ކަންތައްވެސް ތަރައްގީ ވަމުންދާ ގައުމުތަކެކޭ އެއްގޮތަށް ތަރައްގީ ވެފައިވާ ގައުމުތަކުގައިވެސް އޮންނަކަމަށް މި ރިޕޯޓް ބުނެއެވެ. ޔޫރަޕާއި އެމެރިކާއަށް ބަލާއިރު އަންހެނުންނާއި އަންހެން ކުދިން ލައްވައި މަޖްބޫރުން ހަށިވިއްކުމުގެ ވިޔަފާރި ކުރުވުމުގެ މައްސަލަ އެގައުމުތަކުގައި ފުޅާދާއިރާއެއްގައި އޮވެއެވެ.

comment ކޮމެންޓް