އޭއެފްސީ ކަޕް ކޮލިފިކޭޝަން: ރާއްޖެ ކޮޅަށް ސައުދީން 11 ލަނޑު ޖަހައިފި

ވިހި އަހަރުން ރަށުގެ އޭޝިއަންކަޕް ކޮލިފިކޭޝަންގައި ރާއްޖެއާއި ސައުދި އަރަބިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ/ އޭއެފްސީ

ވިހި އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ލަދުވެތި ގޮތަކަށް ސައުދި އަރަބިއްޔާ އަތުން ރާއްޖެ ބަލިވެއްޖެއެވެ.

ރޭ ސައުދި އަރަބިއްޔާގެ ޕްރިންސް ސަޢުދު ބިން ޖަލާވީ ސްޓޭޑިއަމްގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗު ސައުދީން ކާމިޔާބުކުރީ 11-0ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ސައުދީން ވަނީ ހަ ގޯލު ޖަަހައި ބޮޑު ލީޑެއް ނަގައިފައެވެ. އަދި ދެވަނަ ހާފުގައި އެ ޓީމުން ވަނީ ފަސް ގޯލު ޖަހައިފައެވެ. އެ މެޗުގައި ސައުދީގެ އަބްދުﷲ ހާދީ ރަދީފް އާއި މެޝާރީ ފަހާ އަލްނެމޭރު ވަނީ ހެޓްރިކް ހަދައިފައެވެ.

ކޮލިފައިން ގްރޫޕްގެ ފުރަތަމަ މެޗުގައި ރާއްޖެ ވަނީ އުޒްބެކިސްތާނާ ދެކޮޅަށް ކުޅެފައެވެ. އެ މެޗުގައި އުޒްބެކިސްތާނު ވަނީ ރާއްޖެ ކޮޅަށް ހަތް ގޯލު ޖަހައިފައެވެ. އެހެންކަމުން ރާއްޖެ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ރާއްޖެ ކޮޅަށް ވަނީ 18 ގޯލު ވަދެފައެވެ.

ކޮލިފައިން ގްރޫޕްގެ ތިން ވަނަ މެޗުގައި މާދަމާ ރާއްޖެ ނިކުންނާނީ ޗައިނާއާ ދެކޮޅަށެވެ. ޗައިނާ އެންމެ ފަހުން ކުޅުނު މެޗުގައި މިޔަންމާ އަތުން އެ ޓީމު ވަނީ 3-1ގެ ނަތީޖާއަކުން މޮޅުވެފައެވެ.

comment ކޮމެންޓް